ށ. ގޮއިދޫ އިން މިއަދު ފެނިގެން ދިޔައީ ވަރަށް ވެސް އުފާވެރި މަންޒަރެކެވެ. އެރަށުގެ ކުދި ބޮޑު ރައްޔިތުން ވެސް ތިބީ ދިވެހި ޓީމާއެކުއެވެ. އެ ރަށު މީހުންގެ ހެޔޮ ދުއާ ވެސް ވަނީ ގައުމީ ޓީމަަށެވެ.
މިިހާރު ކުޅެމުންދާ ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރާ މެޗަށް ސަޕޯޓަރުން ތައްޔާރަށް ތިބި އިރު ގޮއިދޫ ރައްޔިތުން މިއަދު އަސުރު ނަމާދުބޮޑު ޖަމާއަތުގައި ކުރީ ގައުމީ ޓީމު ޖާޒީ އާއި ރަތްކުލަ ހިމެނޭ ކޮންމެވެސް ހެދުމެއް ލައިގެންނެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ސީއެންއެމް އަށް ބުނީ، މެޗް ގެ ކުރިން ގިނަ އަދަދެއްގެ ބަޔަކު މިސްކިތަށް ޖަމާވެ ޖަމާއަތުގައި އަސުރު ނަމާދު ކުރި އިރު އެންމެވެސް ލައިގެން ހުރީ ރަތްކުލަ ހިމެނޭ ޓީޝާޓެއް ނޫނީ ގަމީހެއް އަދި ޖާޒީ އެއް ކަމަށެވެ. އަދި ހަމަ އެކަނި ސަޕޯޓް ކުރުމަކުން ނިންމާލަން ބޭނުން ނުވި ކަމަށާއި އަބަދުވެސް ގައުމީ ޓީމަށް ހެޔޮ ދުއާ ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
އަސުރު ނަމާދަށް ފަހު ހުރިހާ އެންމެން ސައިކަލް ބުރެއް ޖަހަން ގައުމީ ދިދަ ހިފައިން ނުކުތެވެ. ގިނަ އަދަދެއްގެ ބަޔަކު ގައުމީ ޓީމާއެކު ތިބި ކަން ހާމަކޮށްދީ އެރަށުގައި ސައިކަލް ބުރު ޖެހި އިރު ގައުމީ ވަންތަ ހެދުންތަކުގައި ތިބި ބަޔަކު ދިވެހި ޓީމާއެކު ތިބި ކަން ހާމަކޮށް ސައިކަލްތައް ފަހަތުން ހިނގާލުމެއް ވެސްބޭއްވިއެވެ.
އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ ރަށްފުށުގެ މީހުން ޓީމާ ތަންކޮޅެއް ދުރުގައި ތިބި ނަމަވެސް ހަގީގަތުގައި ތިބީ ވަރަށް ގާތުގައިކަމަށެވެ. އަދި މިއަދު ކުރިއަށް ގެންދެވުނު ހުރިހާ އިވެންޓަކީ ވެސް ގައުމީ ޓީމަށް ހިތްވަރުދީ ދިވެހި ޓީމާއެކު މުޅި ގޮއިދޫ ވެސް އޮތްތަކަން ހާމަކޮށްދިނުމަށް ގެންދެވުނު އިވެންޓުތަކެއް ކަމަށެވެ.
އެރަށުގެ ކެފޭ ތަކުގައި ބޮޑު ސްކްރީނުން މެޗު ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ގޮއިދޫ ކައުންސިލް އިދާރާގެ ހުރިހާ ސްޓާފުން މިއަދު އޮފީހަށް ނުކުތީވެސް ގައުމީ ޓީމަށް ސަޕޯޓްކުރުމަށް ރަތް ޖާޒީ ލައިގެންނެވެ.
މިއަދުގެ ފޯރިގަދަ މެޗަށް ދިވެހިން ތައްޔާރުވެ ތިބީ ފޮނި އުންމީދީތަކާއެކުއެވެ. އަދި ދިވެހި ޓީމު ވެސް އޮތީ ހުރިހާ ދިވެހިންގެ ފޮނި އުންމީދު ތަކުގައި ހަގީގީ ކުލަޖައްސައިދެން ތައްޔާރަށެވެ.