ads
އަމީން ޝަރީއަތުގެ މަޖިލީހުގައި
އަމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި
އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އަމީން ބަންދުކުރަން އަމުރު ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. 

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލް އެދިވަޑައިގަތީ ހައި ކޯޓުގެ ނިންމުމުގެ ކުރިން އޮތް ގޮތަށް އަމީން ޖަލުގައި ބަންދު ކުރާ ގޮތަށް ބަންދު އަމުރު ބަދަލުކޮށްދިނުމަށެވެ.

ހައި ކޯޓުން އަމީންގެ މައްސަލާގައި ނިންމީ މައުޟޫއީ ގޮތުން އެ މައްސަލަ ބެލެން ނެތް ކަމަށާއި އޭނާ ޖަލު ބަންދުން ދޫކޮށްލުމަށެވެ. އެއަށް ފަހު ގޭބަންދުގައި ދުވަހުގެ ބައެއް ހޭދަކުރާ ގޮތަށް އަދި މާލެއިން ފުރުން މަނާކޮށް މޮނިކޮން އަމުރެއް ނެރުނެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭ އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ އޯގަސްޓް މަހުގެ ތެރޭގައެވެ.

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ހަދަން ފެށި މި ލިސްޓުގައި ހިމަނާފައި އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސް އަށް މަސައްކަތް ކޮށްދޭ މީހެއްކަމަށް ބުނެފައިވެއެވެ. އަދި ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވާކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

ރާއްޖެއިން ބޭރުގައި ކުރަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގެ ތުހުމަތުގައި އަމީން ހައްޔަރުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ މ. ވޯލްނަޓްގެ އިންނެވެ.

މިއަދު މި މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވިދާޅުވީ އަމީންގެ މައްޗަށް ކުރަނީ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތު ކަމަށާއި ތުހުމަތު ކުރެވޭ ވަރަށް އެކަށޭނަ ހެކި ވެސް ހުރި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް