ads
މިއަހަރުގެ “ހިނިތުންވުމާއެކު” ކެމްޕެއިން އެމްޓީސީސީން އިފުތިތާހު ކޮށްފި
ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފުތާއާ ގުޅުވައިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މިއަހަރުގެ “ހިނިތުންވުމާއެކު” ކެމްޕެއިން އިފުތިތާހުކޮށްފި އެވެ.

އެމްޓީސީސީން ބުނީ މި ކެމްޕެއިންގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ މުއައްޒަފުންގެ މެދުގައި ކަސްޓަމާ ސާވިސްގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެ ކުންފުނިން ހިދުމަތް ލިބިގަންނަ އެންމެހައި ކަސްޓަމަރުންގެ ތަޖުރިބާ މިހާރަށްވުރެ ރަނގަޅު ކުރުން ކަމަށެވެ.

އަދި ކުންފުނީގެ އުންމީދަކީ “ހިނިތުންވުމާއެކު” މި ކެމްޕެއިގެ ސަބަބުން އެމްޓީސީސީއާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެގެން ދިއުން ކަމަށެވެ.

your image"ހިނިތުންވުމާއެކު" ކެމްޕެެެއިން އިފްތިތާހުކުރުން --- ފޮޓޯ : އެމްޓީސީސީ

އެމްޓީސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕެއިން އިފުތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ ވިދާޅުވީ އެމްޓީސީސީ އަކީ މިގައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުން ތަކަކަށް ސީދާ ގޮތުން ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމަށާއި ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަށް ކުންފުނީގެ ކޮންމެ މުވައްޒަފަކުވެސް ގަދައަޅައި މަސައްކަތް ކުރަންވާނެ ކަމަށެވެ.

އަދި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމު ކަމަށާއި ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ގެސްޓް ސްޕީކާސްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކޯޕަރޭޓް ޓްރޭނިން އިންސްޓިޓިއުޓުގެ ފަރާތުން ޑރ. ހުސައިން ސަނީ އުމަރާއި މުހައްމަދު ޔަމާނީ އެވެ.

“ހިނިތުންވުމާއެކު” ކެމްޕެއިން ފެށުމުގެ ގޮތުން އިއްޔެއިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ބަހާލައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އެތައް ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް