ads
ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު
"ވާނުވާ" މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ޝަރީއަތް ނިމެންދެން ބަންދަށް ހުކުމްކޮށްފައިވާ މީހުން، ނުވަތަ އާއްމު ބަހުން ނަމަ، "ވާނުވާ" ޖަހާފައިވާ މީހުންގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. 

މޫސާ ސިރާޖު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ސިރާޖު ވިދާޅުވީ ޝަރީއަތް ނިމެންދެން އެތައް ބަޔަކު އަހަރުތަކެއް ވަންދެން ބަންދު ކޮށްފައި ތިބޭ ކަމަށެވެ. އޭގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ނުފެށި ތިބޭ ފަރާތްތަކާއި ހެކި ބަސް ނެގުމުގެ މަރުހަލާގައި ތިބޭ ފަރާތްތަކާއި އަދި އަޑު އެހުންތައް ނިމިފައިވާ ފަރާތްތައް ހިމެނޭ ފަރާތްތައް ހިމެނޭ ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން، އެމީހެއްގެ ބަންދުގެ މުއްދަތު 30 ދުވަސްވާ ހަމަ ކޮންމެ މީހެއްގެ މައްސަލަ ވަކިން ނަގައި، އެމީހަކީ ބަންދުގައި ހުންނަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން ދެނެގަނެ، އެމީހެއްގެ ބަންދާ މެދު އިތުރު ގޮތެއް ނިންމަން ޖެހެއެވެ.

މި މަސައްކަތުގެ ތެރޭގައި އެ މައްސަލައެއްގައި އެ ވަގުތުގެ ހާލަތަށް ބަލައި ލުއި ދެވެން ހުރި މީހުންނަށް ޕީޖީން ދަނީ ލުއިދެމުންނެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ، ހަމަ ކޮންމެހެން ބަންދުގައި ތިބެންޖެހޭ މީހުންކަން ނުވަތަ ނޫންކަން ކަށަވަރުކޮށް، ކުދިކުދި ކުށްތަކަށް ތުހުމަތު ކުރެވޭ މީހުންނާއި އެމީހުންގެ ސަބަބުން މުޖްތަމައަށް ނުރައްކާވާނެ ކަމުގެ އިހްތިމާލެއް ނެތް މީހުންނާއި، އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އަންނާނެ އަދަބާއިބަންދުގައި އެހާތަނަށް ހުރި މުއްދަތާ ދާދި ހަމަހަމަވާ ހާލަތުގައި ތިބި މީހުން، ޝަރުތުތަކާއެކު ބަންދުން ވީއްލުމަށް އިސްކަންދީފައިވާނެ ކަމަށް ޕީޖިން މަޖިލީހާ ހިއްސާކުރި ރިޕޯޓުގައިވެއެވެ.

އެކަމަކު ޕީޖީން ދޭ ޔަގީންކަމަކީ ޖިންސީ ގޯނާކުރުމުގެ ތުހުމަތާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ ކަމުގެ ތުހުމަތާއި، މީހުން މެރުމުގެ ތުހުމަތާއި މަސްތުވާތަކެތީގެ ނެޓްވޯކް ހަދައިގެން ވިޔަފާރިކުރާކަމުގެ ތުހުމަތުވާ މީހުންނާއި، އެމީހެއްގެ ސަބަބުން މުޖުތަމައަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހުރި މީހަކު ދޫކޮށްލާފައި ނުވާނެކަމެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕީޖީގެ ރިޕޯޓު މަޖިލީހާ ހިއްސާކުރީ މުއްދަތުގައި 343 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަތިއްބެވެ.

މީގެ ތެރެއިން 38 މީހުންނަކީ ޖާގައިގެ ދަތިކަމާ ހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. ރިމާންޑު ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 219 ދުވަސް ވެފައި ތިބި މީހުން ވެސް އެބަތިއްބެވެ.

ރިމާންޑު މަރުކަޒުތަކަށް ބަލާއިރު މާލޭ ޖަލުގައި 135 މީހުން، މާފުށި ޖަލުގައި 150 މީހުން، ހުޅުމާލެ ޖަލުގައި 12 މީހުން، ގޭ ބަންދުގައި 7 މީހަކު އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް