އަހުސަން ބަޝީރަށް ހަމަލާދީ މަރާލީ، 2011ވަނަ އަހަރު މަޖީދީމަގާއި އަލިކިލެގެފާނު މަގާ ގުޅުނު ހިިސާބުގައެވެ.
އެމައްސަލާގައި ހަސަން ޝިމާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2014 ގައި ނިންމާފައި ވަނިކޮށް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ.
ޝަހުމްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ޝިމާޒްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ. ޝަހުމް މިހާރު ވެސް ގެންދަނީ މަރުގެ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށް މަރު: ޝަހްމުގެ މައްޗަށް މީހަކު މަރާލިކަން ޝައްކެތް ނެތް މިންވަރަށް ސާބިތުވޭ
މިއަދު ހައި ކޯޓުގައި ބާއްވާފައިވަނީ އަދަބު ކަނޑައެޅުމަށްޓަކައި ބޭއްވި އަޑުއެހުމެކެވެ. ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ވިދާޅުވީ އަހުސަން މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަހުމްގެ މައްޗަށް ސާބިތުވާ ކަމަށާއި ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެެވެ.
އެހެންކަމުން އިސްލާމީ ޝަރީއަތުގެ ދަށުން ޝަހުމަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށްވާތީ އޭނާ މެރުމަށް ހުކުމްކުރާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
މަރުގެ އަދަބު ދެވޭ ވަރަށް ޝިމާޒުގެ މައްޗަށް ކުށް ސާބިތެއް ނުވޭ
ޝިމާޒަކީ ހަމަލާދިން ތަނަށް ޝަހުމް ގޮވައިގެން ސައިކަލު ދިޔަ މީހާ އެވެ. އަދި އެ ހަމަލާއަށްފަހު ޝަހުމް ގޮވައިގެން ސައިކަލުގައި އެތަނުން ދިޔައީި ވެސް ޝިމާޒެވެ. އެހެންކަމުން ދައުލަތުން އެދުނީ ޝިމާޒަށްވެސް މަރުގެ އަދަބު ކަނޑައެޅުމަށެވެ.
ނަމަވެސް ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އުސޫލުގެ ތެރެއިން އޭނާއަށް މަރުގެ އަދަބު ދެވޭނެ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށާއި ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވަނީ އެ ކުށުގައި މެދު މިންވަރަކަށް އޭނާ ބައިވެރިވިކަން ކަމަށެވެ. އެހެންކަމުން އޭނާއަށް ދޭންޖެހޭނީ ޤާނޫނުލް އުގޫބާތުގެ ދަށުން މީހަކު މެރުމުގައި އެހީތެރިވުމުގެ އަދަބު ކަމަށް ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތު އޮތްގޮތުން ޝިމާޒްގެ މައްޗަށް ސާބިތުވީ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމަށެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ ކުށްކޮށްފައިވާ ގޮތާއި މީހަކު މެރުމުގައި ބައިވެރިވުމާއި އެ ހަމަލާއަށް ފަހު ފިލައިގެން އުޅެފައިވާތީ އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ކަމަށެވެ.
އެގޮތުން އަދަބު މަތި ކުރުމަށް ފަހު އެ ކުށަށް ގާނޫނުގައި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި އޮންނަ 15 އަހަރަށް ޝިމާޒް ޖަލަށްލާން މިއަދު ވަނީ ހުކުމް ކޮށްފައެވެ.
މިއީ މަރު މަތީގައި އޮވެގެން ބުނި ބަހަށް ރިއާޔަތްކޮށް ކުށް ސާބިތުކުރި ފުރަތަމަ މައްސަލަ
އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ މަރުމަތީގައި ބުނި ބަސް (ޑައިން ޑިކްލަރޭޝަން) އަށް ބިނާކޮށްގެންނެވެ. އަހުސަނަށް ހަމަލާދިނީ ޝަހުމާއި ޝިމާޒް ކަމަށް ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އަހްސަން ބުނެފައިވެ އެވެ.
މި މައްސަލައަކީ މަރުގެ ތުންފަތް މަތީގައި އޮވެގެން މީހަކު ބުނި ބަސް (ޑައިން ޑިކްލަރޭޝަން) ރާއްޖޭގެ ކޯޓަކުން ފުރަތަމަ ފަހަރަށް ބަލައިގަތް މައްސަލަ އެވެ.
ވާޗުއަލްކޮށް މިމަހުގެ ހަވަނަ ދުވަހު ކުރިއަށް ގެންދިޔަ އަދަބާ ބެހޭގޮޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުމުގައި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވައި ފަނޑިޔާރު ވިދާޅުވީ، މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު މަރު މަތީގައި ދައްކާ ވާހަކައަށް ގިނަ ޤައުމުތަކުގެ ކޯޓުތަކުން ރިއާޔަތް ކުރާ ކަމަށެވެ.
އޭގެ ފަހުން އަދަބު ކަނޑައެޅުމަށް މިއަދުގެ ބޭއްވި އަޑުއެހުމުގައި ޝަހުމްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅަމުން ފަނޑިޔާރު ވިދާޅުވީ، ދިރިހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އެހެންކަމުން އެއްވެސް ހައްގަކާ ނުލައި މީހަކު މަރާލުމަށްފަހު، ތިމާއަށް ދިރިހުރުމުގެ ހައްގު އޮތް ކަމަކަށް ޝަރުއީ އަދި ގާނޫނީ ހަމައަކުން ނުބެލެވޭނެ ކަމަށެވެ.