ads
ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލެވްރޮވް--
އެސްޓްރަޒެނިކާ ވެކްސިންގެ ފޯމިއުލާ ވަގަށް ނެގި ވާހަކަ ދޮގުކޮށްފި
ރަޝިޔާއިން އިނގިރޭސި ވިލާތުގެ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިންގެ ފޯމިއުލާ ވަގަށް ނެގިކަމަށް ދެކެވޭ ވާހަކަތައް އެގައުމުން ދޮގުކޮށްފި އެވެ.

އޮކްޓޯބަރު 10 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ސަން" ގެ އާޓިކަލްއެއްގައި ވަނީ ރަޝިޔާގެ ޖާސޫސުން އިނގިރޭސި އަދި ސްވިޑެން ކުންފުންޏެއް ކަމަށްވާ އެސްޓްރަޒެނެކާގެ ވެކްސިންގެ ފޯމިއުލާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެ ތުހުމަތުތައް ކޮށްފައިވަނީ ސަލާމަތީ އިދާރާތަކުގެ މަސްދަރުތަކާއި ހަވާލާދީ އެވެ. 

ކަޒަކިސްތާންގެ ވެރިރަށް ނޫރުލް ސުލްތާންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލެވްރޮވް ވިދާޅުވީ އިނގިރޭސިން އަދި ހުޅަނގުގެ ގައުމުތައް ފިޔަވައި އެއްވެސް ބަޔަކު ހެއްކެއް ނެތި އެކުރާ ތުހުމަތުތައް ސީރިއަސްކޮށް ނަގާނެ ކަމަށް ހީފުޅު ނުކުރައްވާ ކަމަށެވެ. 

މީގެ ކުރިންވެސް އެކަހަލަ އަސާސެއް ނެތް އެތައް ތުހުމަތުތައް ކުރެވުނުކަމަށް ލެވްރޮވް ވިދާޅުވި އެވެ. 

އޭގެ އިތުރުން ލެވްރޮވް ވިދާޅުވީ އެސްޓްރަޒެނެކާގެ ވެކްސިންގެ ސައިޑް އެފެކްޓްސް ހުންނަ ކަމުގެ ރިޕޯޓްތަކާއި އަދި އެ ވެކްސިން ޖަހާ މީހުންގެ ތެރޭގައި މަދުން ނަމަވެސް ލޭ ގަނޑުވުން ކަހަލަ ކަންކަން ދިމާވެފައި އެބަހުރި ކަމަށެވެ. ނަމަވެސް ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިން ޖަހާ މީހުންނަށް އެ ފަދަ ކަމެއް ދިމާވެފައިވާކަން ރިޕޯޓްކޮށްފައި ނުވާކަމަށެވެ. 

ލެވްރޮވް ވިދާޅުވީ ތުހުމަތުކުރާ މީހުން އެކަންކަމަށް ބެލުމަށް ފަހު ނަތީޖާ އަކަށް ދިއުން ރަނގަޅު ކަމަށެވެ. 

މިހާތަނަށް އިނގިރޭސި ވިލާތުގެ 12 އަހަރުން މަތީ އާބާދީގެ 85 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 80 އިންސައްތަ މީހުން ވަނީ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

ނަމަވެސް އެންމެ ފުރަތަމަ ކޮވިޑް ވެކްސިނެއް އުފެއްދި ރަޝިޔާގައި ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު އުޅެނީ އާދަޔާ ހިލާފަށް ދަށުގައެވެ. ގިނަ މީހުން ވެކްސިން ނުޖެހުމުގެ އުޒުރަކަށް ދައްކާފައިވަނީ އަވަހަށް އުފެއްދި ވެކްސިނަށް އިތުބާރު ނުކުރެވުމެވެ. 

އެގޮތުން އެގައުމުން ވެކްސިން ފުރިހަމަކޮށްފައިވަނީ އެންމެ 33 އިންސައްތަ މީހުންނެވެ. 

އަންގާރަ ދުވަހު ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން، ވެކްސިން ކެމްޕެއިންގެ ދުވެލި އަވަސް ކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައިވާއިރު އެގައުމުން އެ ދުވަހު 973 މީހަކު ކޮވިޑްގައި މަރުވެފައި ވެއެވެ. އެއީ ކޮވިޑް ޕެންޑެމިކް ފެށި ފަހުން އެގައުމުން އެންމެ ގިނަ ބަޔަކު ބަލީގައި މަރުވި ދުވަހެވެ. 

ރަޝިޔާއިން މިހާތަނަށް ޖުމްލަ 426،361 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު އިނގިރޭސި ވިލާތުން މިބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު އުޅެނީ 137،763 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް