
އެޑިޔުކޭޝަން މިނިސްޓްރީގެ މި ނިންމުމާއި އެއްގޮތަށް، 54 ކްލާސް ރޫމް ހިމެނޭ ހުރަވީ ސްކޫލުގައި ކިޔަވައިދޭން ފަށާނީ އަންނަ އަހަރު އެވެ.
މިބަދަލު ގެނައުމަށް ނިންމީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ކުދިންނަށް ހުރަވީ ސްކޫލުން ޖާގަ ދިނުމަށް ނިންމާފައިވާތީ އެވެ.
އެއް ދަންފަޅިއަށް މިހާރު ކިޔަވައިދެމުންދާ ހުރަވީ ސްކޫލުގައި މިވަގުތު 1،600 ދަރިވަރުން ކިޔަވަމުންދެ އެވެ. ދެ ދަންފަޅިއަށް ހުރަވީ ސްކޫލް ބަދަލުކުރުމާ ގުޅިގެން އިތުރު 1،000 ކުދިންނަށް ޖާގަ ދެވޭނެ ކަަމަށް މިނިސްޓްރީން ލަފާކުރެވެ އެވެ.
ދެވަނަ ފިޔަވަހީގައި އަދި މިހާތަނަށް ސްކޫލެއް ހަދާފައެއް ނުވެ އެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ސްކޫލުތަކުގެ ތެރެއިން ދެވަނަ ފިޔަވައްސާ އެންމެ ގާތުގައި ހަދާފައިވާ ސްކޫލަކީ ވެސް ހުރަވީ ސްކޫލެވެ.
ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރި އެންމެ ބޮޑު ސްކޫލަކީ ހުރަވީ ސުކޫލެވެ.
ދޮންބަންޑާރައިންގެ ޖިހާދުގެ ހަދާނުން ނަން ދީފައިވާ ހުރަވީ ސްކޫލް މިއަދު ރަސްމީކޮށް ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.