މިދިޔަ އަހަރު ފަހުކޮޅު ޕެންޝަން އޮފީހުގެ ސީއީއީގެ މަގާމަށް އައްޔަން ކޮށްފައިވާ އިނގިރޭސި ވިލާތުގެ ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފައިވަނީ ޕެންޝަން އޮފީހުގެ ސުލޫކީ މިންގަނޑުން ބޭރުވުމުން ކަމަށް ވެ އެވެ.
ޕެންޝަން ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ތަޖުރިބާ ހުރި ޖޯން ގްރިންޑަލް މަގާމުން ވަކި ކުރި އިރު ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ އަލީ އަދި އައިޝަތު ލުއުލުއާ ވަނީ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ. އެހެން ނަމަވެސް އެ ދެ ބޭފުޅުން އިސްތިއުފާ ދިން ސަބަބެއް ސާފުނުވެއެވެ.
ސުލޫކީ މައްސަލައަކާ ހިލާފުވެގެން ސީއީއޯގެ އެގްރިމެންޓް ބާތިލުކޮށް މަގާމުން ވަކި ކުރަން އިއްޔެ ބޯޑުން ނިންމިކަން ޕެންޝަން އޮފީހުގެ ޕަބްލިކް ރިލޭޝަން މެނޭޖަރު، އައިޝަތު ފަޒްނާވަނީ ސީއެންއެމްއަށް ކަށަވަރުކޮށދީފަ އެވެ.
"އޭނާ ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫން. ކުރިން ދަންނަވާފައިވާ ފަދައިން އެ ކަހަލަ މައްސަލައެއް ހުށަހެޅިފައެއް ވެސް ނެތް އޭނާ އާ ބެހޭގޮތުން. އޭނާ ވަކި ކުރީ ކޯޑް އޮފް ކޮންޑަކްޓް އާ ހިލާފުވެގެން،" ފަޒުނާ ވިދާޅުވި އެވެ.
ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެގެން ވަކިކުރިކަން ކަށަވަރުކޮށް ދިން ނަމަވެސް އޭނާ ވަކި ކޯޑް އޮފް ކޮންޑަކްޓުގެ ކޮން ކަމަކާ ހިލާފުވެގެންކަމެއް ޕެންޝަން އޮފީހަކުން އަދި ނުބުނެ އެވެ.
މީގެ 12 އަހަރު ކުރިން 2009 ވަނަ އަހަރު ގާއިމު ކުރި ޕެންޝަން އޮފީހުގެ ސުލޫކީ މިންގަނޑާ ހިލާދުވެގެން ސީއީއޯގެ މަގާމުން ޖޯން ގްރިންޑަލް ވަކި ކުރި އިރު، މީގެ ކުރިން ވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ތިލަވެފަ އެވެ. އެފަހަރު އެ ހަބަރު ޕެންޝަން އޮފީހުން ދޮގު ކުރިއެވެ.