ads
ރައީސް ނަޝީދު އަދި އަނބިކަނބަލުން ލައިލާ --
އަޅުގަނޑުގެ ސެކިއުރިޓީއާއި މެދު ހިތްހަމަ ނުޖެހެނީ އަޅުގަނޑުގެ ދަރިން: ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންދާ ސެކިއުރިޓީއާއިމެދު ހިތްހަމަ ނުޖެހެނީ ހަމައެކަނި އެމަނިކުފާނުގެ ދަރިން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއަށްފަހު ރައީސް ނަޝީދަށް ދެމުންދިޔަ ސެކިއުރިޓީއާއި މެދު ހިތްހަމަ ނުޖެހި ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންނާއި، ރައީސް ނަޝީދުގެ އާއިލާއިންވެސް އެކަންބޮޑުވުން ފާޅުކުރިއެވެ. 

އޭޑީކޭއިން ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް ބޭރަށް ވަޑައިގަނެ ފަސް މަސް ދުވަހު އެކޮޅުގައި ހުންނެވުމަށްފަހު މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ރައީސް ނަޝީދު އޭރު ބޭރުގައި މަޑުކުރީ ވެސް ސަރުކާރުން އެމަނިކުފާނަށް ދެމުންދާ ސެކިއުރިޓީއާއި މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާތީ ކަމަށް އެ ޕާޓީންވެސް ދިއައީ ބުނަމުންނެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމުން ނޫނީ ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަން މީގެ ކުރިންވެސް އެމަނިކުފާނު އޮތީ ހާމަކޮށްފައެވެ. 

ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނަށް މިހާރު ދެމުންދާ ސެކިއުރިޓީއާއިމެދު ސުވާލުކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސެކިއުރިޓީއާއިމެދު ހިތްހަމަ ނުޖެހެނީ ހަމައެކަނި ދެ ދަރިން ކަމަށެވެ. 

"އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހިތްހަމަ ނުޖެހޭ ދެމީހުންނަކީ އަޅުގަނޑުގެ ދަރިން. އެކުދިން ދެކެނީ އަޅުގަނޑަށް ނުރައްކާތެރިކަން ބޮޑުކަމަށް. އެހެންވީމަ ސަލާމަތްތެރިކަން އިތުރު ކުރަންޖެހޭނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެން ދުވަހު އެމަނިކުފާނަށް ދިން ވަރުގަދަ ސެކިއުރިޓީއާއެކު "އެއީ ނޯތު ކޮރެއާ ރައީސް ރާއްޖެ ވަޑައިގެން އުޅުއްވާ މަންޒަރު ގޮތަށް" ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑު ކިޔާ ސެކިއުރިޓީ އޮފިސަރުން ފަހަތުން ދުވާ މަންޒަރު ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށް ބައެއް ފަރާތްތަކުން ފާޑުކިޔާފައިވެއެވެ.  

ރައީސް ނަޝީދު ވިދާޅުވީ އެއަށްވުރެ ވަރުގަދަ ސެކިއުރިޓީއެއް ދޭނަމަ އެމަނިކުފާނަށްވެސް އުނދަގޫ ވާނެ ކަމަށާއި، އެވާހަކަތައް ދެކެވި މަލާމަތްވެސް ރައްދުވާތީ ދަރިން ކައިރީގައި ވެސް އެވާހަކަ ދަންނަވާފައިވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ، ކުދިން ބޭނުންވަނީ ކޮންމެ ގޮތަކަށް ސެކިއުރިޓީ ދިން ކަމުގައި ވީނަމަވެސް އެމަނިކުފާނަށް ރައްކާތެރިކަން ލިބުން ކަމަށެވެ. 

"މިހާރު އަޅުގަނޑު އިއްޔެގައި އެހީމު އެކުދިން ކައިރީ އެބަ މަލާމަތް ކުރެއޭ ނޯތު ކޮރެއާގެ ބޮޑު ވެރިޔާ ތަންތަނަށް ގެންދާ ގޮތަށޭ އަޅުގަނޑު ގެންދަނީ. ކިހިނެތްހޭ ދެން އެކަމަށް ހަނދާނީ. ދެން އެދެކުދިން ބުނި ކޮންމެ ގޮތެއްވިޔަސް ބޭނުންވަނީ ބައްޕަ ސަލާމަތުން ހުރުމޭ. ނޯތު ކޮރެއާ ނޫން ކޮންމެ ކޮރެއާއެއްގެ ގޮތެއް ބޭނުން ކުރެއްވިޔަސް" ނަޝީދު ވިދާޅުވިއެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު އަދި އެ ހަމަލާ ދިން ދުވަހާއި ހަމަޔަށް މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދެމުންދިޔަ ގޮތާއިމެދު ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.

އަދި އެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ރިޕޯޓުގައިވެސް އެމަނިކުފާނަށް ދޭ ސެކިއުރިޓީގައި ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަކޮށްފައިވެއެވެ. އެކަން ކަން ރަނގަޅު ކުރުމަށް ސަރުކާރަށާއި މިނިސްޓްރީއަށްވެސް އިލްތިމާސްކޮށްފައި ވެއެވެ. 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް