ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) ނައިބު ރައީސް ފައިސަލް (މ) ރައީސް ސޯލިހް (ވ) – ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް ނެތްނަމަ އަޅުގަނޑު މިރަށުގައި ހުންނާނަން: ނަޝީދު
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ނެތްނަމަ ރާއްޖޭގައި ހުންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރުވައިފި އެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު ފަސް މަސް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރެވޭނެ ގޮތެއް ނެތް ކަމަށާއި، ދާއިމީކޮށްވެސް ރާއްޖޭގައި ހުރެވޭނެ ގޮތެެއް ނެތް ކަަމަށް ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން ނޫސްވެރިއަކު ވަނީ ރާއްޖޭގައި ރައީސެއް އަދި ނައިބު ރައީސަކު ވެސް ނެތްނަމަ އެމަގާމާއި ހަވާލުވާންޖެހޭނީ މަޖިލީހުގެ ރައީސްކަން ފާހަގަކުރައްވާ، އެހެން އެކަން އޮތް އިރު އެފަދަ މަގާމެއްގައި ހުންނަވާ ރާއްޖެއިން ބޭރުގައި އެހާ ދިގު މުއްދަތަކަށް ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ރައީސުލްޖުމްހުރިއްޔާ އަކު ނުވަތަ ނައިބު ރައީސަކުވެސް ނެތިއްޖެނަމަ ރާއްޖޭގައި ހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. 

" ރައީސުލްޖުމްހުރިއްޔާ ނުވަތަ ރައިސޫލްޖުމްހޫރިއްޔާގެ ނައިބު ނެތިއްޖެ ހާލަތެއްގައި އަޅުގަނޑު މި ރަށުގައި ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިބޭފުޅާއަށާއި، އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރުވަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނު ހުންނަވަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރާއްޖޭގައި ރައީސުލްޖުމްހުރިއްޔާ އަކު ނުވަތަ ނައިބު ރައީސަކުވެސް ނެތިއްޖެނަމަ ރާއްޖޭގައި ހުންނަވާނެ ކަމުގެ ޔަގީންކަން އެރުވިއިރު، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ދަންނަވާފައެވެ.

އޭރު ނަޝީދު އެދިފައިވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށާއި ސަރުކާރު އުވާލުމަށްވެސް އެދިފަައިވެއެވެ. 

އެކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވަން ބޭނުންވާކަމަށް ވިދާޅުވެ، ފޮނުވި އެ މެސެޖުގައި ނަޝީދު ވަނީ މަޖިލީހުގެ އޭރު ހިނގަމުންދިޔަ ދައުރު ނިމި މަޖިލިސް އިންތިހާބު ބޭއްވެންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.

އެގޮތަށް އެދުނުއިރު މަޖިލީހުގައި އިންނަވައިގެން މިހާރުވެސް ނަޝީދު ގައުމު ހިންގެވުމަށް މަސައްކަތް ކުރާކަމަށް ގިނަ ބަޔަކު ތުހުމަތުކުރެެއެވެ.

އެހެންނަމަވެސް އެކަމާއި ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ އެކަަމަށް ގޮތެއް ނިންމަވާނީ ރައްޔިތުން ކަމަށެވެ. އެމްޑީޕީތެރެ ދެ ފެކްޝަނަކަށް ބެހި ރައީސް ސޯލިހްގެ ސަރުކާރަށް ތާއިދު ކުރެވެން ނެތްކަން ނަޝީދު ހާމަކުރައްވާފައިވެސް ވަނީ އެ ހިތްހަމަ ނުޖެހުންގަނޑުގެ ތެރެއިންނެވެ. 

އޭގެފަހުން ބޭރުގައި ހުންނެވުމަށްފަހު ފަސް މަސް ފަހުން ރާއްޖެ ވަޑައިގަތުމަށްފަހުވެސް ރާއްޖޭގައި ދާއިމީ ކޮށް ނުހުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވުމަށްފަހު އެމަނިކުފާނު ރާއްޖޭގައި ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސަކު ރާއްޖޭގައި ނެތިއްޔާ ކަމަށް ވިދާޅުވުމުން، ބޮޑަށް ލަފާކުރެވެނީ އެމަނިކުފާނު ރާއްޖޭގައި ހުންނަވަން ބޭނުންފުޅު ނުވަނީ ބަރުލަމާނީ ނިޒާމަކަށް ވަރިކަން ބަދަލު ނުކުރެވި، ބޮޑު ވަޒީރެެއްގެ ގޮތުގައި ގައުމު ހިންގުމުގެ ޖާގަ އަދިވެސް ރާއްޖޭގައި ލިބިފައި ނެތުމުން ކަމަށެވެ.

 

ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހަށް ވަޑައި ނުގަންނަވާ ހުންނަވާ މައްސަލައާއި ގުޅިގެން ރައީސް ނަޝީދު މިފަހަރުވެސް ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މިސާލެވެ. 

އެގޮތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ބައެއް ފަހަރު ދޮަޅު އަހަރު ދުވަހުވެސް މަޖިލީހަށް ވަޑަައި ނުގަންނަވާ ހުންނަވާކަމަށާއި، މަޖިލީހަށް ވަޑައި ނުގަަންނަވާ ހުންނެވުމަކީ އެމަނުކުފާނުވެސް ބޭނުންފުޅުވާ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ކިރިޔާވެސް އެކަން ކުރެވެން އޮތް ހާލަތެއްގައި އެކަން ކުރާނެ ކަަމަށެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް