ads
ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ފަސް އޮފިސަރެއް
މުުޖުތަމައުގެ އަމާންކަން ގެއްލިދާނެތީ ޝަރީއަތް ސިއްރުކޮށްފި
ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފަައިވާ ފުލުހުންގެ އިސް ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުން ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރަން ނިންމީ އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ މުޖުތަމައުގެ އަމާންކަން ގެއްލިދާނެފަދަ ކަމެއްކަމަށް ވާތީއާއި، ގައުމީ ސަލާމަތަށް ނުރައްކާވެ، މައްސަލައިގައި އިންސާފު ހޯދަން ހުރަސް އެޅޭނެކަމުގެ ބިރު އޮތް މައްސަލައަކަށް ވާތީ އެވެ.  

އެހެންކަމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ އަބްދުﷲ ނިންމެވީ އެ މައްސަލަ އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ނުގެންދިއުމަށެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. މި އޮފިސަރުންނަށް ކުރެވުނު ތުހުމަތުތައް، ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ބަލައި ފިޔަވަޅު އަޅަން ލަފާ ދެއްވީ މިދިޔަ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ. 

ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން އޭރު ލަފާ ދިން އޮފިސަރުންނަކީ:

  1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  2. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  3. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  4. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  5. އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  6. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  7. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

މި ހަތް އޮފިސަރުންގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުކަމަށް ހަމަޖެއްސެވި މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ. 

އޭގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ފިޔަވައި ދެން ތިއްބެވި ހަތަރު އޮފޮސަރުންނަށްވެސް ސީޕީ ހަމީދު ވަނީ މިމަހުގެ 10ވަނަ ދުވަހު ނޯޓިސް ފޮނުވާފައެވެ. ޝުހާދު އަށް ނޯޓިސް ފޮނުވާފައި ނުވަނީ އޭނާ މިވަގުތު އޮސްޓްރޭލިއާގައި ހުންނެވުމުން ކަމަށް ވެއެވެ. 

ވަކިކުރި ދެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ސިވިލް ކޯޓަށް ފަސް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ އެދެމީހުން ވަޒީފާއިން ވަކިކުރުމުގެ ކުރިންނެވެ. މައްސަލާގައި ބައިވެރިވާ އަނެއް ތިން އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފަސް އޮފިސަރުން ތަމްސީލުކުރާ ދިވެހި ޗެމްބާސްއިން އެދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާކަން ވަކީލުން ފާހަގަ ކުރައްވަ އެވެ. ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާތީއާއި، އެމައްސަލަ  ފިޔަވަޅު އެޅުމުގައި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީ ގޮތުން ވެސް ހުރުމާއިއެކު ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން, ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ އިދާރާއަށާއި ފުލުހުންގެ ބޯޑުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ވަގުތީ އަމުރަކަށް ވެސް ވަނީ އެމައްސަލާގައި އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް