ads
ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ފަސް އޮފިސަރެއް
ކުރިން ނޯޓިސް ފޮނުވި 2 އޮފިސަރުން ވަކިކޮށް، އިތުރު 4 އޮފިސަރަކަށް ނޯޓިސް ފޮނުވައިފި
ކުރިން ނޯޓިސް ފޮނުވި ދެ އެސިސްޓެންޓް ކޮމިޝަނަރަކު ވަޒީފާއިން ވަކިކޮށް، އިތުރު ހަތަރު އޮފިސަރަކަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ނޯޓިސް ފޮނުއްވައިފި އެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. މި އޮފިސަރުންނަށް ކުރެވުނު ތުހުމަތުތައް، ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ބަލައި ފިޔަވަޅު އަޅަން ލަފާ ދެއްވީ މިދިޔަ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ. 

ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން އޭރު ލަފާ ދިން އޮފިސަރުންނަކީ:

  1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  2. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  3. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  4. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  5. އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  6. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  7. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

މި ހަތް އޮފިސަރުންގެ ތެރެއިން ކުރިން ވަޒީފާއިން ވަކިކުރާ ކަމުގެ ނޯޓިސް ފޮނުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުކަމަށް ހަމަޖެއްސެވި މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އަށެވެ. 

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުވި އެ ދެމީހުން މިއަދު ވަނީ އެމީހުންގެ މަގާމުން ވަކިކޮށްފައެވެ. 

އަދި މައުލޫމާތު ލިބޭ ގޮތުގައި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ފިޔަވައި ދެން ތިއްބެވި ހަތަރު އޮފޮސަރުންނަށްވެސް މިއަދު ސީޕީ ހަމީދު ވަނީ ނޯޓިސް ފޮނުވާފައެވެ. ޝުހާދު އަށް ނޯޓިސް ފޮނުވާފައި ނުވަނީ އޭނާ މިވަގުތު އޮސްޓްރޭލިއާގައި ހުންނެވުމުން ކަމަށް ވެއެވެ.

ވަޒީފާއިން ވަކިކުރަން މިއަދު ނޯޓިސް ފޮނުވާފައިވަނީ:

  1. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ 
  2. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީ
  3. ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު 
  4. ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމު އަށެވެ.

އެ ހަތަރު އޮފިސަރުން މަގާމުން ވަކިކުރަން ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށްވެއެވެ. 

މިއަދު ވަޒީފާއިން ވަކިކުރި ޖަމްޝީދަކީ ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮންގޮއްވާލި މައްސަލަ ތަހުގީގުކުރުމަށް އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޕޮލިސް އިންޓެލްގެ އިސްވެރިޔާގެ މަގާމު ވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. 

އަދި އޭސީޕީ އަހްމަދު މުހައްމަދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ކްރައިމް ކޮމާންޑްގެ ވެރިއަކަށް ހުންނެވި ބޭފުޅާއެވެ. 

އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ބަދަލުވި ފަހުން މި ދެ ބޭފުޅުންނަކީ މާބޮޑު ޒިންމާއެއް ނެތި މިހާތަނަށް ތިއްބެވި ދެ ބޭފުޅުންނެވެ. 

އެ ދެ ބޭފުޅުން މިއަދު ވަޒީފާއިން ވަކިކުރެއްވި ނަމަވެސް ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ފޮނުވި ނޯޓިސްގައި ބުނެފައި އޮތީ އަންނަ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހު މަގާމުން ވަކި ކުރުމުގެ އިޖުރާއަތްތައް ފައްޓަވާނެ ކަމަށެވެ. 

މި ދެ އޮފިސަރުން ވަޒީފާއިން ވަކިކޮށް އިތުރު ހަތަރު އޮފިސަރަކަށް ނޯޓިސްް ފޮނުވާފައި މިވަނީ، ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފަައިވާ ފުލުހުންގެ އިސް ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. 

މިއަދު ވަކިކުރި ދެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ސިވިލް ކޯޓަށް ފަސް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ. މައްސަލާގައި ބައިވެރިވާ އަނެއް ތިން އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އެވެ.

މި އެންމެންނަށް މިއަދު ސީޕީ ނޯޓިސް ފޮނުވިއިރު ސިވިލް ކޯޓުން އޮތީ އެ މައްސަލަ ބަލައިގަނެފަ ވެސް މެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފަސް އޮފިސަރުން ތަމްސީލުކުރާ ދިވެހި ޗެމްބާސްއިން އެދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް