ފުލުހުން ބުުނީ ހައްޔަރުކުރި ބިދޭސީއަކީ ފިރިހެނެއްކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއްް ހާމައެއް ނުކުރެއެވެ.
ފުލުހުން މިއަދު ވަނީ މަހުމޫދުގެ ހަށިގަނޑު ފެނުނު ފަޅު ގެއާއި 100 ވަރަކަށް މީޓަރު ކައިރީގައި ހުންނަ ނެދުންގެ ނަމަކަށް ކިޔާ ގެއެއް ފާސްކޮށް ބިދޭސީއަކާއި ސުވާލުކޮށްފައެވެ.
އޭނާ އަކީ އެގޭގައި އޮންނަ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަމުން އަންްނަ މީހެކެވެ. ފުލުހުން އެ ގެ ބަލައި ފާސްކުރީ މަހުމޫދު ގެއްލުނު ރޭ އޮތް ސާފް ޗެމްޕިއަންޝިޕްގެ މެޗު ބެލުމަށް ފަހު ގެއަށް ދިޔަ ދެމަފިރިއަކަށް އެ ގޭގެ ތެރެއިން މީހަކު ހަޅޭލަވާ ކަހަލަ އަޑުތަކެއް އިވިގެން އެކަން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
ބަލައި ފާސްކުރުމަށްފަހު އޭނާ މިހާރު ހައްޔަރުކޮށްފައިވާއިރު، އެ ބިދޭސީ މީހާ އެ ރަށުގައި އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރުވެފައިވާ ކަމަށް އެ ރަށު މީހުން ބުނެއެވެ.
މިއީ މަހްމޫދުގެ މަރުގެ މައްސަލާގައި ތުުހުމަތުކުރެވިގެން ހައްޔަރުކުރި ފުރަތަމަ މީހާއެވެ. މީގެ ކުރިން މަހުމޫދު މަރައިލި މައްސަލައިގައި ދަނގެތީގެ ބައެއް ރައްޔިތުން ވަނީ ޝައްކުކުރެވޭ ތިން މީހަކު ފުލުހުންނާއި ހަވާލުކޮށްފައެވެ. އެއީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ތޮއްޑޫން ދިޔަ ދެ މީހަކާއި އެދެމީހުންނާއި ގުޅުން އޮންނަ ޒުވާން އަންހެނެކެވެ.
ނަމަވެސް އެމީހުން ފުލުހުން އެމައްސަލާގައި ހައްޔަރެއް ނުކުރެއެވެ.
މަހުމޫދު ނުފެނިގެން ރައްޔިތުންނާއެކު ކައުންސިލުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މިމަހުގެ 14 ވީ ބުރާސްފަތި ދުވަހު 3:30 ހާއިރު ފަޅުގެއެއްގެ ފެންވަޅުތެރެއިންނެވެ.
މަހްމޫދު އަކީ ހަތަރު ކުދިންގެ ބައްޕައެކެވެ. އަންހެނުންނާ ހަވާލާދީ ކައުންސިލުން "ސީއެންއެމް"އަށް އެ ދުވަހު ބުނީ މަހުމޫދު އެންމެ ފަހުން ފެނިފައިވަނީ 13 ވަނަ ދުވަހުގެ ރޭގަނޑު ކަމަށެވެ. އެރޭ ފުޓުބޯޅަ މެޗު ބެލުމަށް ގެއިން ނުކުތް ފަހުން ފެނިފައި ނުވާ ކަމަށް މަހުމޫދުގެ އަންހެނުން ބުނެއެވެ. މިހާދިސާގެ ސަބަބުން މަހުމޫދުގެ އަންހެނުންނަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދީފައެވެ.
މަހްމޫދުގެ ބޮލަށާއި ކަރަށް ވަޅިން އެތަށް ފަހަރަކަށް ހަމަލާދީފައިވެއެވެ. އެގޮތުން ބޮލުގެ އެކި ތަންތަނަށް ހަ ފަހަރަށް ވަޅިން ހަމަލާދީފައިވާއިރު، ކަރުގެ ސީދާ ނޭވާ ހޮޅިއަށްވެސް ވަނީ ވަޅި ހަރާފައެވެ. އަދި މޫނުމަތީގެ އެކި ތަންތަންވެސް ވަނީ ކަފާލާފައެވެ.
މަހްމޫދު މަރުވެފައިވަނީ ކަރަށާއި ބޮލަށް އެތަށްފަހަރަކު ދިން އެ ހަމަލާތަކުގެ ސަބަބުން ލޭ ހުސްވެެގެން ކަމަށް ބެލެވޭ ކަމަށް އެރަށުން ވާހަކަ ދެެއްކި މީހަކު ސީއެންއެމްއަށް ބުނެފައިވެއެވެ. އެކަން ހަށިގަނޑުންވެސް ވަރަށް ބޮޑަށް ފާހަގަވާކަމަށް އޭނާ ބުނެއެވެ.
ރަހުމުކުޑަގޮތަކަށް މަރާލުމަށްފަހު މަހްމޫދުގެ ހަށިގަނޑު ފޮރުވުމަށް ވަޅަށް އެ ކޮޅުކޮޅުން އެއްލާލާފައިވަނީވެސް ފައި ގޯންޏަކުން ބަދެ، ބޯވެސް ގޯންޏަކުން ބަދެފައެވެ. އޭނާ ބުނީ ވަޅު ކައިރީގައިވެސް ލޭ ހުރި ކަމަށާއި، މުޅި އެ ސަރަހައްދުންވެސް ދުވަނީ ލޭ ވަސް ކަމަށެެވެ.