ހޮނިހިރު ދުވަހުގެ ރޭ އަށެއް ޖެހިއިރު ފެށުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކުރަމުން އައީ އިންޑިޔާއެވެ. ބޯ ވާރޭ ތެރޭ ކުޅެމުން ދިޔަ ފުރަތަމަ ހާފުގައި ނޭޕާލަށްވެސް ރަނގަޅު ފުރުސަތެއް ލިބި ނާކާމިޔާބުވިއެވެ. ވިއްސާރައިގެ ސަބަބުން ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، ދެ ޓީމުން ކުރެ ޓީމަކަށް އެންމެ އެދެވޭ ކުޅުމެއްވެސް ނުކުޅެވެއެވެ.
ފައިނަލް މެޗު ފެށިގެން ކުރިއަށްދާއިރު، ދެ ޓީމުގެ ހެޑް ކޯޗުންވެސް ތިބީ ސަސްޕެންޝަނުގައެވެ. އެހެންކަމުން ބެންޗުގައި ދެ ޓީމުން ކުރެ ޓީމެއްގެ ކޯޗެއް ނެތެވެ. ދެ ކޯޗުންވެސް ތިބީ ކުޅިބަލާ މީހުންގެ ތެރޭގައެވެ.