ads
އިންޑިޔާ ކުޅުންތެރިން ނޭޕާލު ކޮޅަށް ލަނޑެއް ޖެހުމަށް ފަހު އުފާފާޅު ކުރަނީ
މެޗަކުން ބަލިނުވެ އިންޑިޔާ ސާފުގެ ޗެމްޕިއަންކަޕް ހޯދައިފި
ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، އިންޑިޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ފައިނަލުގައި އިންޑިޔާއިން ނޭޕާލު އަތުން މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ.

ފައިނަލް މެޗުގައި ނޭޕާލުގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، އިންޑިޔާއިންވަނީ މުބާރާތުގައި ލީގު އުސޫލުން ކުޅުނު މެޗުތގައިވެސް ނޭޕާލު އަތުން މޮޅުވެފައެވެ. އިންޑިޔާއިން މޮޅުނުވަނީ މި ފަހަރު ހަމަ އެކަނި ބަންގްލަދޭޝްއާ ސްރީ ލަންކާ އަތުންނެވެ. އެ ދެ މެޗުން އިންޑިޔާވީ އެއްވަރެވެ. އެއީ މުބާރާތުގައި އެ ޓީމު ފުރަތަމަ ކުޅުނު ދެ މެޗުވެސް މެއެވެ. 

ފުރަތަމަ ދެ މެޗުން އެއްވަރުވެ އިންޑިޔާ ޓީމު ޕްރެޝަރަށްވެސް ވެއްޓުނެވެ. އެކަމަކު ނޭޕާލާ ރާއްޖޭގެ މައްޗަށް ފަހު ދެ މެޗުގައި ކުރި ހޯދައި ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ފުރުސަތު ހޯދިއެވެ. އަދި އެއަސް ފަހު ފައިނަލުގައި ދެވަނަ ފަހަރަށް ނޭޕާލު ބަލިކުރީއެވެ. 

އިންޑިޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. ޗެތްރީވަނީ ޖުމްލަ ފަސް ލަނޑު މުބާރާތުގައި ޖަހާފައެވެ. އޭގެ ތެރޭގައި ރާއްޖެ ކޮޅަށް ޖެހި ދެ ލަނޑާ، ފައިނަލް މެޗުގައި ޖެހި ލަނޑުވެސް ހިމެނެއެވެ. 

މުބާރާތުގެ ފައިނަލުން ބަލިވެ، ދެވަނަ ލިބުނު ނޭޕާލު ފައިނަލަށް ދިޔަ މީ ފުރަތަމަ ފަހަރެވެ. އަދި މުބާރާތުގެ އެ ޓީމުގެ ފުރަތަމަ މެޗުގައި ރާއްޖެ އަތުން މޮޅުވި މޮޅުވަމަކީ ނޭޕާލުން ރާއްޖޭގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރި ހޯދުނު ހޯދުމެވެ. 

މުބާރާތުގެ އެކެއް ދޭއްގައި އިންޑިޔާ އަދި ނޭޕާލު ނިންމާލިއިރު ތިންވަނަ ލިބުނީ ރާއްޖެއަށެވެ. ހަތަރުވަނަ އަށް ބަންގްލަދޭޝް ދިޔައިރު ފުލަށް ދިޔައީ ލަންކާއެވެ. ބޫޓާން އަދި ޕާކިސްތާނު މި ފަހަރުގެ މުބާރާތުގައި ނުކުޅެއެވެ. ބޫޓާން ކޮވިޑާ ހެދި ނުކުޅު އިރު ޕާކިސްތާނު ނުކުޅުނީ ފީފާއިން އެ ޓީމު ސަސްޕެންޑް ކޮށްފައި އޮތުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް