"އަޅުގަނޑުމެންގެ އާއްމު ދިވެހި ރައްޔިތުންގެ ސިކިއުރިޓީ ބްރީޗު ވެގެން ދިޔަތާ ކިހާ ދުވަހެއް ވެއްޖެތޯ؟ ބޭނުން ގެއަކަށްވަދެ ވައްކަން ކުރަނީ. ފިޔަވަޅެއް ނޭޅޭ. ބޭނުންވާ ކޮންމެ މީހަކު ހޯދައި ވަޅިހަރައި މަރަމުން ދަނީ. އާއްމު ރައްޔިތުން ވަގަށް ނަގައި ނިޒާމުން ގެއްލުވަމުން ދަނީ. މިކަންކަމާ ހިތްހަމަ ނުޖެހިގެން އެތައް ބަޔަކު ނިކުމެ އިތުތިޖާޖު ކުރި ދުވަސް އަޅުގަނޑުމެންގެ ހަނދާނުގައި ހުންނާނެ." ނަސީމް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.
"އާއްމު ރައްޔިތުން ނިކުމެ މިފަދަ މީސްމީހުންނާ ދިމާކޮށް ވީޑިއޯ ކުރިކަން ވެސް އެބަ އެނގޭ. މި އެންމެހާ ކަންކަމާމެދު ފިޔަވަޅު ނޭޅި މިއަދު މިހިސާބަށް އައިސް އެއްވެސް ކަމަކަށް ހައްލު ނުގެނެވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ކޮންކަމެއްތޯ؟ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޝަހީދުކޮށްލީ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގަޔަށް ވަޅި ހެރީ. ދެން އެންމެ ފަހުން އަޅުގަނޑުމެންނަށް އިވިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އަރައި ހަމަކުރި ވާހަކަ." ނަސީމް އިތުރަށް ވިދާޅުވިއެވެ. "މިއީކީ ކުއްލިއަކަށް ވެގެން އުޅޭކަމެއް ނޫން! މިއަދު މި އަޑު އިވެނީ އުއްތަމަ ފަނޑިޔާރާ އަރާހަމަކުރި ވާހަކަ. ބާކީ ތިބީ ދައުލަތުގެ ދެވެރިން. ނާއިބު ރައީސާއި ރައީސުލް ޖުމްހޫރިއްޔާ. މިއީ ގައުމުގެ ހާލަތު. މިކަން މިހިސާބަށް ދިޔަގޮތް އަޅުގަނޑުމެން ވިސްނައި ތަންފީޒީ އިދާރާތަކުން މިކަންކަމާ ސީރިއަސްކޮށް ވިސްނަން ވެއްޖެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ." ނަސީމް ވިދާޅުވިއެވެ.
ނަސީމު ވިދާޅުވިގޮތުގައި އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު މިތާ އުޅެވޭނީ މުޅި މި ފަސްގަނޑަކީ އަމާން ފަސްގަނޑަކަށް ހެދިގެންނެވެ.
"ހަމައެކަނި ބޮޑެތިކޮށް ތިއްބެވި ބޭފުޅުންނެއް ނޫން ރައްކާތެރި ކުރަން ޖެހެނީ. މުޅި ގައުމު އެބަޖެހޭ ސަލާމަތްކުރަން. މި ގައުމަކު އެއްވެސް ހާލަތެއްގައި ސަލާމަތާއި ރައްކާތެރިކަމެއް ނެތް." އޭނާ ވިދާޅުވިއެވެ.
އިބްރާހީމް ނަސީމް މަޖިލީހުގައި ދެއްކެވި ވާހަކަ ނިންމާ ލެއްވީ މިފަދައިންނެވެ.
"އަޅުގަނޑު ހަމަ ގޮވާލަން ދިވެހި ސަރުކާރަށް، ދިވެހި ފުލުހުންނަށް، ދިވެހި ސިފައިންނަށް. މި ގައުމަކީ ސަލާމަތާއި ރައްކާތެރިކަމާއެކު އާއްމު ރައްޔިތުންނަށާއި ދިވެހި ދައުލަތުގެ ވެރިންނަށް ދިރިއުޅެވޭނެ ތަނަކަށް ހަދައި ދެއްވާށޭ!"
ސަލާމަތީ ޚިދުމަތްތަކުގެ ދޯހަޅިކަން ފާހަގަ ކުރައްވައި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު ވިދާޅުވީ ރައްކާތެރިކަން ހޯދައިދޭން ޖެހެނީ ހަމައެކަނި ސިޔާސީ ބޭފުޅަކަށް ވުމުން ނޫންކަމަށެވެ.
"އުއްތަމަ ފަނޑިޔާރަށް ދިމާވި މައްސަލައަކީ ވަރަށް ސީރިޔަސް މައްސަލައެއް. ހޯމް މިނިސްޓަރ އެބަހުންނެވި. ދިފާއީ ވަޒީރު އެބަހުންނެވި. ކީއްވެގެންތޯ މި މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތް ނުކުރެއްވެނީ؟" އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ހިތަށް އަރާ ވަޒީރުންނަށް މިތިއްބަވާ ބޭފުޅުންނަށް މިކަންތައްތައް ނުކުރެއްވިގެން މިއުޅެނީ ކޮންފަރާތަކުން ކޮންކަހަލަ އިރުޝާދެއް ދެއްވާތީ ބާވައޭ! ނުވަތަ ކޮންކަހަލަ ވިސްނުމެއް ގެންގުޅުއްތީ ބާވައޭ! އަޅުގަނޑު ވަރަށް ކަންބޮޑުވޭ މިމައްސަލާގައި."
ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ވަނީ ދިވެހިރާއްޖޭގައި އުޅޭ އެންމެހާ މީހުންނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ގާއިމުކޮށްފައި އޮންނަންވާނެކަމަށެވެ. މިފަދައިން ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވާއިރު ސަލާމަތީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރަން ނުޖެހޭ ހެއްޔެވެ؟
ރައީސް ޔާމީނުގެ ވެރިކަމުގައި ދިފާއީ ވަޒީރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފު ވިދާޅުވިގޮތުގައި ސަރުކާރެއް ކަމަށް ވެއްޖެއްޔާ ސަރުކާރަކުން ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދޭން ޖެހޭނެއެވެ.
"އެކަންތައްތައް ނުކޮށްދެވޭ ކަމަށް ވަންޏާ ސަރުކާރުގެ ދިފާއުގައި ދައްކާނެ ވާހަކައެއް ނޯންނާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ސަރުކާރު މިދަނީ ފޭލުވަމުން."
ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު ނަސީމް ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. މި ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމާމެދު ގައުމުގެ ގިނަ ބަޔަކު ތިބީ ހާސްވެ ކަން ބޮޑު ވެފައެވެ. ގައުމުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު މިތާ އުޅެވޭނީ މުޅި މި ފަސްގަނޑަކީ އަމާން ފަސްގަނޑަކަށް ހެދިގެންނެވެ. ރައްކާތެރި ކުރަން ޖެހެނީ ހަމައެކަނި ބޮޑެތިކޮށް ތިއްބެވި ބޭފުޅުން އެކަންޏެއް ނޫނެވެ. މުޅި ގައުމު ސަލާމަތްކުރަން އެބަ ޖެހެއެވެ.
ސަލާމަތާއި ރައްކާތެރިކަމާ މެދު ބިރުގަންނަ އެންމެން ސަރުކާރުގެ ޚަރަދުގައި ހޮޓެލް ޖެންގައި ބޭތިއްބުމަކީ ދައުލަތުގެ މާލިއްޔަތަށް ކެރިކުޅަދާނަ ކަމަކަށް ނުވާނެ އެވެ.