ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ ހިދުމަތް ވަކިކޮށްފައިވާކަން އަންގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކޮށް ސިޓީއެއް ވަނީ ފޮނުއްވާ ފައެވެ.
މި މަހުގެ 14 ވަނަ ދުވަހު މިނިސްޓަރު އިމްރާނަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާ ކަމަށް ބުނެފައި އެވެ. އެހެންވެ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
މިހެން ހަމަޖައްސައި، އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގާފައި ވާނެ ކަމަށްވެސް އެ ސިޓީގައިވެއެވެ. އަދި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.
މިސިޓީ އާ ގުޅިގެން ސަރުކާރުގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.