އިމްރާން މިހެން ވިދާޅުވެފައި މިވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން މާޗުގެ 27 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަން އަންގައި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުވި ސިޓީއެއް އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އިމްރާން ވިދާޅުވީ ކަންތައްތައް ރަނގަޅުކުރަން މަސައްކަތް ކުރާއިރު ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށާއި، އެއީ ތަބީއީ ކަމެއް ކަމަށެވެ.
މި މަހުގެ 14 ވަނަ ދުވަހު މިނިސްޓަރު އިމްރާނަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާ ކަމަށް ބުނެފައި އެވެ. އެހެންވެ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
މިހެން ހަމަޖައްސައި، އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގާފައި ވާނެ ކަމަށްވެސް އެ ސިޓީގައިވެއެވެ. އަދި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.
ނަމަވެސް ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ބަންޑާރަނައިބު ރިއްފަތު ވިދާޅުވީ ފުލުހުން އަދިވެސް ޖަވާބުދާރީ ވާނީ ހޯމް މިނިސްޓަރަށް ކަމަށެވެ.
އޭނާ ވިދާޅުވީ ސަލާމަތީ ހިދުމަތްތައް ހިނގަން ޖެހޭނީ ވަޒީރެއްގެ ބެލުމުގެ ދަށުން ކަމަށް ގާނޫނު އަސާސީގައި 140 ވަނަ މާއްދާ އަދި 242 ވަނަ މާއްދާގައި ސާފުކޮށް ބުނާ ކަމަށެވެ. އަދި ވިދާޅުވީ ވަޒީރުގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި އެބަ އޮންނަ ކަމަށާއި، އަދިވެސް ފުލުހުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރު ހޯމް މިނިސްޓަރު ކަމަށެވެ.