
ޒައިޒީ މުބާރާތުގެ ފައިނަލަށް ދިޔައީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. ސްޕިރިޓް ފައިނަލުން ޖާގަ ހޯދީ ކުރިން ދެ ދުވަހު ވާދަ ކުރި ޓީމު ތަކުގެ މައްޗަށް ކުރި ހޯދާ ޖުމްލަ ދެ މެޗުން މޮޅު ވެގެންނެވެ.
މިއަދު ދެވަނަ އަށް ކުޅުނު މެޗުގައި ވާދަ ކުރީ ސްޕިރިޓް އަދި ޒައިޒީ އެވެ. މިއަދުގެ މެޗުން ޒައިޒީ ކުރި ހޯދީ ސްޕިރިޓް ކޮޅަށް 11 ލަނޑު ޖަހައިގެންނެވެ. ސްޕިރިޓް އަށް މިއަދުގެ މެޗުގައި ކާމިޔާބު ކުރެވުނީ 3 ލަނޑެވެ.
ފޯރިގަދަ ކޮށް ކުޅެވުނު އެ މެޗުގައި ޒައިޒީގެ މޮޅު ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާ ދަނޑުން ބޭރު ކުރެވުނު އިރު މެޗުގެ ފަހު ވަގުތުގައި ވެސް އެ ޓީމުން ވަނީ ގޯލް ޖަހާ މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ.
ޒައިޒީ އަދި ސްޕިރިޓް ބައްދަލުކުރި މެޗް…
މި މުބާރާތުގައި މިއަދު ފުރަތަމަ ކުޅުނީ ބަދަހި އަދި މާމުޑާ ބައްދަލުކުރި މެޗެވެ. އެ މެޗުގައި ބަދަހި އިން ޖުމްލަ 5 ގޯލް ކާމިޔާބު ކޮށް މާމުޑާ ބަލި ކުރި އިރު މާމުޑާ އަށް ޖެހުނީ 3 ގޯލެވެ.
މަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2021 ގެ ފައިނަލް މެޗް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:30 ގައެވެ.
މަކުނުދޫ އަންހެނުންގެ ކޮމިޓީން އިންތިޒާމް ކޮށް ކުރިއަށް މި ގެންދާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ހޮލޮތޫރިއާ އެވެ. ކޯ ސްޕޮންސަރުންނަކީ މަކުނުދޫ ހެލްތް ސެންޓަރު އަދި މަކުނުދީ ޕޮލިސް އެވެ. މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސީއެންއެމް އެވެ.