ރައީސް އޮފީހުން ބުނީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީއާއެކު ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދަވާ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"އަކީ، މިދިޔަ އަހަރު އަމަލު ކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމަށް އެ ގާނޫނުގައި ބަޔާންކުރާ ކަމަށެވެ.
އަދި މިދިޔަ އަހަރު އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތަށް" ޒިންމާވާނެ ވަޒީރަކީ މިނިސްޓާ އޮފް ހޯމް އެފެއާޒް ކަމަށް މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބުނެފައިވެއެވެ.
ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދާނީ ފުލުހުންގެ ގާނޫނާ އެއްގޮތްވާގޮތުގެމަތިންކަން ކަށަވަރުކުރުމަށްޓަކައި ވަޒީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމްތައް ހަމަޖައްސަވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް އޮފީހުން މިދިޔަ އަންގާރަ ދުވަހު އިމްރާނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއެއް ނޫން ކަމަށެވެ. އެހެންކަމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެ ސިޓީގައި ބުނެއެވެ.
ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފައިވާކަން އެންގި ސިޓީ ލީކްވެފައިވަނިކޮށް މިއަދު ހޯމް މިނިސްޓަރު އިމްރާން ކުރި ޓްވީޓެއްގައި ވިދާޅުވީ ކަންތައްތައް ރަނގަޅުކުރަން މަސައްކަތް ކުރާއިރު ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށާއި، އެއީ ތަބީއީ ކަމެއް ކަމަށެވެ.
ނަމަވެސް ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ބަންޑާރަނައިބު ރިއްފަތު ވިދާޅުވީ ފުލުހުން އަދިވެސް ޖަވާބުދާރީ ވާނީ ހޯމް މިނިސްޓަރަށް ކަމަށެވެ.
އޭނާ ވިދާޅުވީ ސަލާމަތީ ހިދުމަތްތައް ހިނގަން ޖެހޭނީ ވަޒީރެއްގެ ބެލުމުގެ ދަށުން ކަމަށް ގާނޫނު އަސާސީގައި 140 ވަނަ މާއްދާ އަދި 242 ވަނަ މާއްދާގައި ސާފުކޮށް ބުނާ ކަމަށެވެ. އަދި ވިދާޅުވީ ވަޒީރުގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި އެބަ އޮންނަ ކަމަށާއި، އަދިވެސް ފުލުހުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރު ހޯމް މިނިސްޓަރު ކަމަށެވެ.