ads
މޭ މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާ އާއި ގުޅިގެން ދައުވާކުރި ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމް-
މޭ 6 ހަމަލާއާއި ގުޅިގެން އިތުރު 2 މީހަކަށް ދައުވާކޮށްފި
މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިތުރު ދެ މީހަކަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ދައުވާކުރުމަށް 19 އޮކްޓޫބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ. 

އެ މައްސަލާގައި ދައުވާކޮށްފައިވަނީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ. 

އެ މީހުންނަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި މީގެ ކުރިން ހަތް މީހުންނަށް ދައުވާކޮށްފައިވެއެވެ. އެއީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް، މ. ކުދެހިގެ އިސްހާގު އަހުމަދު، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ.

ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ އިސްހާގަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށް ސާބިތުވެއްޖެ ނަމަ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 17 އަހަރާއި 20 ދެމެދުގެ ޖަލު ހުކުމެކެވެ.

ފަހުމީގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. ނާޒިމްގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް