ސަނީފް މިހެން ވިދާޅުވެފައިވާއިރު އެ ކުއްޖާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ކުއްޖާގެ ބައްޕަ ކުރިން ވަނީ ބުނެފައެވެ.
ކުއްޖާގެ ބައްޕަ ހަމީދު އުމަރު ބުނީ ކުއްޖާ މާބޮޑަށް ބޮޑުކަމުދެވޭތީ ފަތިހު ހަތަރެއް ޖެހި އިރު ގުޅާފައި އެމްބިއުލާންސް ފޮނުވައިދޭން އެދުނު ކަމަށާއި، އޭގެ ޖަވާބުގައި އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިފޮނުވަނީ ކަމަށް ބުނެފައިވާ ކަމަށެވެ. އޭގެ ފަސް މިނިޓް ފަހުން އެމްބިއުލާންސް ގެހަބަރެއް ނުވުމުން އަމިއްލައަށް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ.
ހޮސްޕިޓަލާ ގެއާ ކައިރިކަމުން އެމްމެ މިނިޓެއްގެ ތެރޭގައި ހޮސްޕިޓަލަށް ދެވެއެވެ.
އެކަމަކު ހޮސްޕިޓަލަށް ގެންދިއުމުން ހޮސްޕިޓަލުން ބުނެފައިވަނީ އެއާއިލާ އަކީ ކޮވިޑް ޖެހިފައިވާ އާއިލާއެއް ކަމަށާއި ގެންދަން ޖެހޭނީ ކޮވިޑް ފެސިލިޓީއަށް ކަމަށެވެ. އޭގެ ޖަވާބުގައި ހަމީދު ބުނީ ކޮވިޑް ، އެންމެންވެސް ރަނަގޅު ވެފައިވާ ކަމަށް ބުނި ކަމަށެވެ.
ދެން ހަމީދު އެދުނީ އަމިއްލައަށް ދަރި އުރާލައިގެން ހޮސްޕިޓަލަށް ހިނގައިދާނެ ކަމަށާއި ޑޮކްޓަރަށް ދެއްކޭނެ ގޮތް ހެދުމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލާ ހަވާލާދީ ހަމީދު ބުނީ ދަރިފުޅު ގެނަޔަސް ޑަކްޓަރު ނުބަލާނެ ކަމަށް އޭނާ ބުނާ ކަމަށާއި ޑަކްޓަރު އަންނާނީ ހެނދުނު އަށެއް ޖަހާއިރު ކަމަށެވެ.
ހަމީދު ބުނިގޮތުން އެމްބިއުލާންސް ފޮނުވާފައިވަނީ ހުއްޓާ ނުލައި ގުޅާތާ ދެގަޑިއިރު ފަހުން ހެނދުނު 6:15 ގައި ކަމަށެވެ. އަދި ކޮވިޑް ފެސިލިޓީއަށް ގެންގޮސް ފަރުވާއެއް ނުދީ ދޮޅުގަޑިއިރު ވަންދެން ބޭއްވި ކަމަށެވެ. ކުޑަ ކުއްޖަކަށް ވާތީ ފެސިލިޓީގައި ތިބި ދެ ނަރުހުން ހޮސްޕިޓަލަށް ގުޅަމުން ދިޔަކަމަށްވެސް ހަމީދު ބުންޏެވެ.
ހެނދުނު 7:40 ގައި ދަރިފުޅުގެ ވިންދު ހުއްޓުނެވެ. ދަރިފުޅު މަރުވީ 7:43 ގައެވެ.
ނުވައެއް ޖެހި އިރު ދަރިފުޅުގެ ބޮޑީ ސްކޭން އެއް ކުރުމަށް އެދުނު ކަމަށާއި އެކަމަކު އެކަމަށް ހުއްދަ ނުދޭނެ ކަމަށް ހަމީދު ބުންޏެވެ.
ހެނދުނު 10:00 އާ 11:00 އާ ދެމެދު ، އާއިލާ އެންމެން ކޮވިޑުން ރަނގަޅުވެފައިވާތީ ދޫކޮށްލައިފި ކަމަށް ހޮސްޕިޓަލުން އެންގި ކަމަށް ވެސް ހަމީދު ބުންޏެވެ.
ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މަރުވި ތިން މަހުގެ ކުއްޖާގެ މަރާއި ގުޅިގެން ފަރުވާދިން ޑޮކްޓަރު ވަނީ މިހާރު ސަސްޕެންޑު ކޮށްފަ އެވެ.
އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަަދު ސައީދު “ސީއެންއެމް”އަށް ވިދާޅުވީ ކުއްޖާގެ ހާލުދެރަވެގެން ކޮވިޑް ފެސިލިޓީއަށް ބަދަލުކުރީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި، ކުއްޖާ މަރުވީ ފަރުވާދެމުންދާތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ.
ސައީދު ވިދާޅުވީ އެއީ ކޮވިޑް މަރެއް ނޫންކަމަށް ނިންމާ އެޗްޕީއޭގެ ޓެކްނިކަލް ޓީމުން އިއްޔެ އެމައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
އަދި އެމައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން ކުއްޖާއަށް ފަރުވާދެއްވި ބޭރުގެ ޑޮކްޓަރު ގޭގައި މަޑުކުރުމަށް އަންގާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.