ads
އއ.ރަސްދޫގެ ރައްޔިތުންނާއި ރައީސް ބައްދަލު ކުރައްވަނީ ؛ ފޮޓޯ ރައީސް އޮފީސް
ވެފައިވާ ވައުދުތަކުގެ 90 އިންސައްތަ މަސައްކަތް ދަނީ ކުރިއަށް: ރައީސް
މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ 90 ޕަސެންޓް މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެކި އިންތިޚާބުތަކުގައި ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ 90 އިންސައްތަ މަސައްކަތް އެކި މަރުޙަލާގައި މިހާރު ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގެ ރަށްރަށަށް އެމަނިކުފާނު މިކުރައްވާ ޒިޔާރަތްތަކުގެ އެންމެ ބޮޑު ބޭނުންފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތަކާ ގުޅިގެން ރައްޔިތުންގެ ހުރި ޚިޔާލާއި މަޝްވަރާ ހޯއްދަވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުންކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް ރައްޔިތުންގެ އެއްބާރުލުމާއެކު ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާކަމަށާއި، ރާއްޖޭގެ އިޤްތިޞާދު އަމާޒުވެފައި ހުރީ ރަނގަޅު މިސްރާބަށްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރަސްދޫ ސްކޫލްގެ ޖާގައިގެ ދަތކަން ފިލުވުމަށް އިތުރު ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލްގެ މަޝްރޫޢު ޓެންޑަރ ކުރުމަށް ހުޅުވާލާފައިވާކަމަށާއި، ބަނދަރުގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވެފައެވެ. އަދި، ރަސްދޫގެ މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ވަނީ ޓެންޑަރ މަރުޙަލާގައިކަމަށާއި، ރަށު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ކުރަން އަންނަ އަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހައުސިންގ ޕްރޮޖެކްޓްގެ ސަބަބުން އެހީއަކަށްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަ ކުރެެއްވި ގޮތުގައި މިސަރުކާރު ވެރިކަމަށް އައުމަށްފަހު ރަސްދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އަދިވެސް އިތުރު މަސަައްކަތްކުރަން އެބަހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޑިވަރު ފިނޮޅުގެ މައްސަލައިގައި ޒުވާނުންގެ ކަންބޮޑުވުންތައް ހުރިކަމުގައި ޤަބޫލުކުރައްވާކަމަށާއި އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ރަސްދޫ ރައްޔިތުންވަނީ އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް