ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ---
ހިސާބަކީ އަޅުގަނޑު ވަރަށް މޮޅު އެއްޗެއް: އަދުރޭ
ޖީއެމްއާރު އަތުގައި އެއާޕޯޓް އޮވެގެން ފައިދާވާނެ ކަމަށް އެއްވެސް ހިސާބަކުން ނުދައްކާ ކަމަށާއި އެމަނިކުފާނަކީ ހިސާބަށް ވަރަށް މޮޅު މީހެއް ކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު "ޗެނަލް 13"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ ވެރިކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭރުގެ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް އޮފީހުގައި އެކަމާދޭތެރޭ ގޮތެއް ނިންމަން ބަައްދަލުވުމެއް ބޭއްވި ކަމަށެވެ. 

އަދުރޭ ވިދާޅުވީ އެ ބައްދަލުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ޑރ. ހަސަން ސައީދު ބައިވެރިވި ކަމަށެވެ. އަދި ޑީއާރުޕީގެ ފަރާތުން ތަސްލީމް އަލީ، އަދާލަތު ޕާޓީގެ ފަރާތުން ޝޭހް އިމްރާން އަބްދުﷲ ބައިވެރިވިކަމަށް އަދުރޭ ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެފައިވަނީ އޭރު ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ވިދާޅުވިއެވެ. 

ރައީސް ޔާމީން އެ ބައްދަލުވުމަށް ވަޑައިގަންއިރު އެތާ އޮތީ "ރަނގަޅު ޑީލެއް ލިބޭ ކަމުގައިވާނަމަ" ޖީއެމްއާރު އަތުގައި އެއާޕޯޓް ބޭއްވުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އެތާ ތިބި މީހުން އެއްބަސްވެފައި ކަމަށް އަދުރޭ ވިދާޅުވި އެވެ. 

"ރައީސް ޔާމީން ވަޑަައިގަތީމަ ޑރ. ވަހީދު ވިދާޅުވި މިއީއޭ މިތާގެ ވިސްނުން ހުރިގޮތަކީ. ރައީސް ޔާމީން ވިދާޅުވީ އެހެންވެއްޖެޔާމުން ތިމަންނަ މި ބައްދަލުވުމުގައި ބައިވެރިވަޑައިގެނެއް ނުގަންނަވާމޭ. ދިވެހިންގެ މައި ދޮރާށި ބޭރުގެ ވިޔަފާރިވެރި ކުންފުންޏެއްގެ ބާރުގެ ދަށުގައި ބާއްވަން ކުރެވޭ މަޝްވަރާއެއްގައި ތިމަން މަނިކުފާނު ބައިވެރިވަޑައިއެއް ނުގަންނަވާނަމޭ ވިދާޅުވެފައި އެ ބައްދަލުވުމުން ނިކުމެވަޑައިގެންނެވި." އަދުރޭ ވިދާޅުވި އެވެ. 

އެކަމަށް އިންކާރެއް ނުކުރެއްވޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ނިކުމެވަޑައިގަތުމުން ޑރ. ހަސަން ސައީދު ނިކުމެވަޑައިގެން ރައީސް ޔާމީން އާއި އެއްބަސްވި ކަމަށް އަދުރޭ ވިދާޅުވި އެވެ. 

އަދުރޭ ވިދާޅުވީ ދެ ވަނަ ފަހަރަށް އެކަމާ މަޝްވަރާކޮށްފައި ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ރައީސް ވަހީދު ނިންމެވި ކަމަށެވެ. 

އޭރުވެސް އިހުލާސްތެރިކަމާއެކު ދިވެހިންގެ އެއާޕޯޓް އޮންނަން ވާނީ ދިވެހިންގެ އަތުގައި ކަމަށް ގަބޫލް ކުރެއްވި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށާއި ނޫންނަމަ މިއަދުވެސް އެވާހަކަ ދައްކާއިރު އެކަމާ ދެކޮޅަށް އަަޑު އުފުލާނެ ބޭފުޅުން ތިބޭނެކަމަށް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޖީއެމްއާރު އަތުގައި އެއާޕޯޓް އޮވެގެން ލިބުނު ކުރިއެރުމެއް ނެތް ކަމަށެވެ. 

މިހާރު އެއާޕޯޓްގައި އޮތް ދެވަނަ ރަންވޭ އާއި ނިމެމުންދާ ޓާމިނަލް އަކީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅާ އެކީގައި 320 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކާފައި އެއާޕޯޓް ދިވެހިންނަށް ހޯއްދެވީމަ ކަމަށް އަދުރޭ ވިދާޅުވި އެވެ. 

ހަތް މިލިއަން ފަތުރުވެރިންނަށް ކޭޓާ ކުރެވޭނެ ހިސާބަށް ދިޔައީމަ، އެ ލިބޭ ފައިދާ ޖީއެމްއާރުގައި އެއާޕޯޓް އޮތް ނަމަ ލިބޭނީ ކިހިނެތްތޯ އަދުރޭ ސުވާލު އުފެއްދި އެވެ.  އެއީ ރޮކެޓް ސައިންސް އެއް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.  

މިއީ އަމިއްލަައަށް ވިސްނާލީމަ އިނގޭނެ ވާހަކައެކޭ. އަޅުގަނޑު ގޭގެ އަޅުގަނޑުގެ އަމިއްލަ ބިމުގައި ހަދާފައި ހުރި ގެސްޓުހައުސްއެއް އަޅުގަނޑު އަމިއްލައަށް މެނޭޖުކޮށްގެން އަޅުގަނޑަށް ދުއިސައްތަ މަހެއްގެ މައްޗަށް ދޮޅު ލައްކަ ރުފިޔާ ލިބި ލިިބި ހުއްޓާ ފަންސާސް ހާހަށް މަހަކު ކުއްޔަށް ދިނީމާ އަޅުގަނޑުގެ އިގްތިސާދު އަޅުގަނޑުގެ މާލިއްޔަތު އަޅުގަނޑަށް ލިބޭ ނަފާ ދެގުނަވާނެ އެއްވެސް ހިސާބެއް އަޅުގަނޑަށް ޖައްސަވާލަދެއްވާ. މި ދައްކަނީ ހިސާބުގެ ވާހަކަ. ހިސާބަކީ އަޅުގަނޑު ވަރަށް މޮޅު އެއްޗެއް." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން އިދިކޮޅަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. 

އަމީރު ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އެއަޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި، އެއަޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.
އެކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި ކަމަށެވެ. އަދި 2014 ވަނަ އަހަރު ނިމެން އޮތް އެއަޕޯޓުގެ މަސައްކަތް، ހަތް އަހަރު ވެގެން ދިޔަ އިރުވެސް މިދަނީ ކުރަމުން ކަމަށާއި ޖީއެމްއާރާއެކު އެއަޕޯޓު ތަރައްގީކޮށް 2014 ގައި ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން ޖީއެމްއާރްއާއިއެކު ކުރިއަށް ދިޔަނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން
ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރުއާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނޮވެމްބަރު، 25، 2010 ގައެވެ. އެ އެއްބަސްުވުން ބާތިލް ކުރީ، ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ. 

ޖީއެމްއާރުގެ އެއްބަސްވުން ޑރ. ވަހީދުގެ ސަރުކާރުގައި އުވާލީ އެ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެ އެވެ. ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެދުނެވެ. ނަމަވެސް އާބިޓްރޭޝަނުން ނިންމީ، 271 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ދެއްކުމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އެ އަދަދު އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ.

 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް