ސިވިލް ސާރވަންޓުންގެ މުސާރަ ބޮޑު ނުވާތީ ކަންބޮޑުވުން ފާޅުކޮށް ކުރި އިޖުތިހާދުގެ ތެރެއިން..ފޮޓޯ/ފޭސްބުކް
28000 މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއިއެކު މިނިމަމް ވޭޖް 2022 ގައި!
Share
މިނިމަމް ވޭޖް ރަސްމީކޮށް ކަނޑައެޅޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ސޯލިހް ވިދާޅުވީ އަންނަ އަހަރު މިނިމަމް ވޭޖް ކަނޑައެޅިގެންދާއިރު އެކި ދާއިރާތަކުން 28000 މިވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށެވެ. 

އއ. ހިމަންދޫއަށް ވަޑައިގެން އެ ރަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާރު ހުށެހެޅޮފައިވާ ގޮތުން ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގާތްގަނޑަކަށް 15،000ހަށްވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ބޮޑުތަނުން ލިބިގެންދާއިރު، ހަމައެއާއެކު 13،000ހަށްވުރެ ގިނަ ރިސޯޓު މުވައްޒަފުންނަށް ވެސް މުސާރައިގެ ކުރިއެރުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ސޯލިހް ވިދާޅުވީ މިހާރު އިކޮނޮމިކް މިނިސްޓްރީން އެ ކުރަމުންދަނީ އެކަމާއި ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެެވެ. 

“މި ނިންމުމާއެކީގައި އަޅުގަނޑުމެންނަށް މިހާރު ހުށައެޅިފައިވާ ހުށައެޅުމުގައިވާ ގޮތުގެ މަތިން ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާއަދާ ކުރާ ގާތްގަނޑަކަށް 15،000 ވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ބޮޑުތަނުން ލިބިގެންދާނެ. އަދި ޓޫރިޒަމް ސެކްޓަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް އަންދާޒާ ކުރެވިފައި މި އޮތީ 13000 ވަރަކަށް މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށް"”ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިނިމަމް ވޭޖާއެކު ސިވިލްސާވިސްގެ މުވައްޒިފުންނަށް މުސާރައިގެ ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް އެކަމުގެ ސަބަބުން ދައުލަތުގެ ހަރަދު އިތުރުވެގެން ދާނެ ކަމަށެވެ. އަންދާޒާ ކުރެވޭ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމާއިއެކު އެކަމަށްޓަކައި ދައުލަތުގެ ބަޖެޓުން 600 މިލިއަނަށް ހޭދަކުރަންޖެހޭނެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެހެންކަމުން އަންނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނުއްވާފައިވާނެ ކަމަށެވެ.

މިނަމަމް ވޭޖް ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. 

މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފައެވެ.

އެކަމާ ގުޅޭ ބިލުގައި ވަނީ މިނިމަމް ވޭޖް 9 ދާއިރާއަކުން ކަނޑައެޅުމަށް ހިމަނާފައެވެ. އެ ދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ އާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއެވެ

ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ
ގުޅޭގޮތުން، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާ އަރުވާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

އެ ބޯޑުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވަނީ ސަރުކާރުގެ މުވައްޒަފުންނަށާއި، މެންދުފަންތީގެ ވިޔަފާރިތަކަށާއި، ބޮޑެތި ވިޔަފާރިތަކަށެވެ. މިނިމަމް ވޭޖް ބޯޑުން ކަނޑައަޅާފައިވާ އަދަދުތައް މިނިސްޓަރަށް އެރުވާތާ 30 ދުވަހުގެ ތެރޭގައި އެ އަދަދުތައް ދިރާސާ ކުރުމަށް ފަހު މިނިމަމް ވޭޖް ކަނޑައަޅާ ނުވަތަ މިނިސްޓަރު ނިންމަވާ ނިންމެވުން އާއްމު ކުރަންވާނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް