ads
ބޮޑުފޮޅުދޫ މިސްކިތް ރައީސް ހުޅުވައިދެއްވަނީ؛ ފޮޓޯ ރައީސް އޮފީސް
ބޮޑުފޮޅުދޫގައި ސަރުކާރުން ބިނާކުރި މިސްކިތް ހުޅުވައިފި
އއ.ބޮޑުފޮޅުދޫގައި ސަރުކާރުން ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.

އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ބޮޑުފޮޅުދުއަށް މިއަދު ވަޑައިގެން އެ މިސްކިތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. 

މި މިސްކިތަކީ 4.44 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ 300 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެރަށުގެ ގިރާ ސަރަޙައްދު ބައްލަވާލައްވައި ރަށުގެ ހެލްތް ސެންޓަރާއި މެޖިސްޓްރޭޓް ކޯޓުގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުފޮޅުދޫ ރައްޔިތުންނާއި، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަކި ވަކިން ވަނީ ބައްދަލުކުރައްވާފައެވެ. މިއަދު މެންދުރުފަހު ބޮޑުފޮޅުދޫގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ބޮޑުފޮޅުދޫ ރައްޔިތުންގެ އުންމީދުތައް ރައީސާ ގުޅިފައިވާ ކަމަށް ވިދާޅުވެފައެވެ.

ކައުންސިލުންނާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި، ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުންނާ، ރައްޔިތުން އެންމެ އިސްކަމެއްދީގެން އަލިއަޅުއްވާލައްވާފައި ވަނީ ރަށުގެ ބިން ފުރުމުގެ ސަބަބުން ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިތަކަށެވެ. މީގެ އިތުރުން ވެސް އެބޭފުޅުން ވިދާޅުވިގޮތުގައި ބިން ހިއްކުމުގެ މަޝްރޫޢު މިހާރުވެސް އެމްޓީސީސީއާ ޙަވާލުކުރެވިފައިވީ ނަމަވެސް ޢަމަލީ މަސައްކަތް ނުފެށޭތީ ކަންބޮޑުވުންތަކެއް ހުރިކަމަށާއި، ބިން ހިއްކުމަށްފަހު ބޮޑުފުޅުދޫގައި ހައުސިންގ ޕްރޮޖެކްޓް ހިންގަވައިދެެއްވުމަށް ރަށު ރައްޔިތުން އެދޭ ކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ.

މީގެ އިތުރުން ވެސް ބޮޑުފޮޅުދޫ ރައްޔިތުންނާއި ކައުންސިލުން ވަނީ ރަށް ގިރާތީ ހުރި ކަންބޮޑުވުންތަކާއި، ބަނދަރު ބޮޑުކުރާނެ ޖާގަ ނެތުމުން ދެފަށް ތޮއްޓެއް ލާން ބޭނުންވާކަމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކުރަން ބޭނުންވުމާ، ޔޫތް ސެންޓަރެއް ބޭނުންވާކަން ހާމަކުރައްވާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ހޭންޑް ބޯލް އަދި އައުޓް ޑޯ ޖިމެއް ނެތުމުން ދިމާވާދަތިތައް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުފޮޅުދޫގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ރަށު ރައްޔިތުންނާ ކައުންސިލާ ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއްކުރަމުންދާކަން ފާހަގަކުރައްވާ އަންނަ އަހަރުގެ ފަހުކޮޅުގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށާއި، ސްކޫލަށް ބޭނުންވާ 6 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މިހާރުން މިހާރަށް ވަގުތީ އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށާއި، މަޑުޖެހިފައިވާ ބޮޑުފޮޅުދޫ ފެނާ ނަރުދަމާ މަސައްކަތް އަންނަ ނޮވެމްބަރުމަހު ފެށޭނެކަމަށް ވިދާޅުވެފައެވެ. ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ކަންކަމުގެ ތެރެއިން ހޭންޑް ބޯލް ކޯޓެއް އެޅުމަށް، ގޮތްތަކެއް ބައްލަވާނެކަމަށާއި، އައަުޓްޑޯ ޖިމް، އަދި ކުޑަކުދިންގެ ޕާކެއް ހެދުމަަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް