އޮޑިޓާ ޖެނަރަލްގެ އޮފީހުން ހެދި ހިޔާ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދުތައް ހިސާބުކޮށް ކަނޑައަޅައިފައިވާ ގޮތުގެ ރިޕޯޓް (އެގްރީޑް-އަޕޮން ޕްރޮސީޖާސް) ރިޕޯޓުގައި ވާގޮތުން އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އިން 368.9 މިލިއަން ޑޮލަރުގެ ލޯނަކާއި، ކްރެޑިޓް ސުއިސްް އޭޖީ ސިންގަޕޯ ބްރާންޗް (ސީއެސް) އިން 65.1 މިލިއަން ޑޮލަރުގެ ލޯނެއް ހިޔާ މަޝްރޫއުގެ މަސައްކަތައް ނަގާފައި ވެއެވެ. މި ލޯނުތަކުގެ ޖުމުލައަކީ 6.7 ބިލިޔަން ރުފިޔާ އެވެ.
އޮޑިޓުގައި ބުނެފައިވާގޮތުން ޗައިނާގެ ބޭންކު އައިސީބީސީ އިން ނެގި ލޯނުގެ އިންޓްރެސްޓުގެ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މާޗު 31ގެ ނިޔަލަށް 649 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އަދި ސިންގަޕޫރުގެ ބޭންކު ސީއެސް އިން ނެގި ލޯނުގެ އިންޓްރެސްޓުގެ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މާޗު 31ގެ ނިޔަލަށް ޖުމްލަ 164 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.
އަދި ރިފައިންނޭސް ކުރަން ނެގި ލޯނުތަކުގެ އިންޓަރެސްޓްގެ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މާޗު 31ގެ ނިޔަލަށް 75.2 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.
އެހެންކަމުން ހިޔާ މަޝްރޫއަށް ޗައިނާއާއި ސިންގަޕޫރުން މިދިޔަ ސަރުކާރުން ނެގި ލޯނުގެ އިތުރުން ރިފައިންނޭސް ކުރަން ނެގި ލޯނުތަކުގެ އިންޓަރެސްޓްގެ ގޮތުގައި 2018 ވަަނަ އަހަރުން ފެށިގެން މިދިޔަ މާޗު މަހުގެ ނިޔަލަށް 888.9 މިލިއަން ރުފިޔާ މި ސަރުކާރުން މިހާރު ވަނީ ދައްކާފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ހިޔާ މަޝްރޫއުތަކުގެ އަގު ހިސާބުކުރުމުގައި ކޮންސްޓްރަކްޝަން ފައިނޭންސް ކުރަން ނަގާ ހުރިހާ ލޯނުތަކުގެ އިންޓަރެސްޓު ހިމަނަންވާނެ ކަމަށެވެ. ހިޔާ ފްލެޓުތަކަށް އެޗްޑީސީން އަގު ކަނޑައަޅާފައިވަނީ އެ ފައިސާ ހިމަނައިގެންނެވެ. އެހެންކަމުން އިންޓްރަސްޓު ހިސާބުކުރުމުގައި އެޗްޑީސީން ބޭނުންކޮށްފައިވާ އަސާސްތައް ރަނގަޅު ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.