ads
ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ފަސް އޮފިސަރެއް
ވަކިކުރަން ނިންމި 3 އޮފިސަރަކު ވަޒީފާއިން ވަކިކުރުން މަޑު ޖައްސާލަން އަންގައިފި
ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފަައިވާ ފުލުހުންގެ އިސް ހަތް އޮފިސަރުންގެ ތެރެއިން ތިން އޮފިސަރަކު ވަޒީފާއިން ވަކިކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
Advertisement

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. މި އޮފިސަރުންނަށް ކުރެވުނު ތުހުމަތުތައް، ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ބަލައި ފިޔަވަޅު އަޅަން ލަފާ ދެއްވީ މިދިޔަ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ. 

ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން އޭރު ލަފާ ދިން އޮފިސަރުންނަކީ:

  1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  2. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  3. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  4. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  5. އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  6. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  7. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

މި ހަތް އޮފިސަރުންގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުކަމަށް ހަމަޖެއްސެވި މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އަށެވެ. 

މި ދެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ސިވިލް ކޯޓަށް ފަސް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ އެދެމީހުން ވަޒީފާއިން ވަކިކުރުމުގެ ކުރިންނެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅިތަނާހެން އެކަމަށް ކޯޓަށް ގޮތެއް ނުނިންމި އުޅެނިކޮށް އެދެމީހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މައްސަލާގައި ބައިވެރިވާ އަނެއް ތިން އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އެވެ.

ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ފިޔަވައި ދެން ތިއްބެވި ހަތަރު އޮފޮސަރުން މިމަހުގެ 20 ވަނަ ދުވަހު ވަޒީފާއިން ވަކިކުރާނެ ކަމަށް ސީޕީ ހަމީދު ވަނީ މިމަހުގެ 10ވަނަ ދުވަހު ނޯޓިސް ފޮނުވާފައެވެ. ޝުހާދު އަށް ނޯޓިސް ފޮނުވާފައި ނުވަނީ އޭނާ މިވަގުތު އޮސްޓްރޭލިއާގައި ހުންނެވުމުން ކަމަށް ވެއެވެ. 

ނަމަވެސް އޭގެ ކުރިން ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ވަނީ ފަސް އޮފިސަރުންގެ ފަރާތުން ހުށަހެޅި ގޮތަށް ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ އިދާރާއަށާއި ފުލުހުންގެ ބޯޑުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ.

އެހެންކަމުން މިމައްސަލާގައި ހިމެނޭ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވަޒީފާއިން ވަކިކުރުން މިހާރު އޮތީ މަޑު ޖައްސާލާފައި ކަމަށް ވެއެވެ. 

އެ މައްސަލައާ ގުޅޭ ގޮތުން ފަސް އޮފިސަރުން ތަމްސީލުކުރާ ދިވެހި ޗެމްބާސްއިން މައްސަލަ ހުށަހެޅުމަށްފަހު އެދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާކަން ވަކީލުން ފާހަގަ ކުރައްވަ އެވެ. ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާތީއާއި، އެމައްސަލަ  ފިޔަވަޅު އެޅުމުގައި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީ ގޮތުން ވެސް ހުރުމާއިއެކު ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.  

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް