ads
ފޮޓޯ: ސަން
ދަނގެތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުން ދޫކޮށްލައިފި
އދ. ދަނގެތީގައި މަރާލުމަށް ފަހު ގޯންޏަކަށްލާ ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު 57 އަހަރުގެ މަހްމޫދު އަބޫބަކުރު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ރައްުޔިތުން ފުލުހުންނާ ހަވާލުކުރި ތިން މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
Advertisement

މަހުމޫދު ނުފެނިގެން ރައްޔިތުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ މިމަހުގެ 14 ވަނަ ދވަހުގެ 3:30 ހާއިރު ފަޅުގެއެއްގެ ފެންވަޅުތެރެއިންނެވެ.

ރަހުމުކުޑަގޮތަކަށް ގޯންޏަކަށް ލާ ވަޅަކަށް ވައްޓާލާފައި އޮތްތަން ފެނުމުން އެސަރަހައްދުގައި ހަަރަކާތްތެރިވަމުންދިޔަ މީހުން ފުރަތަމަވެސް ޝައްކުކުރީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ތޮއްޑޫން އެ ރަށަށް ދިޔަ ދެ މީހަކަށެވެ.

އެވަގުތުގެ ޖަޒުބާތުގައި ރައްޔިތުން ފަރާތުން ފެނުނު ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުން ވަނީ އެމީހުންނަށް ހިމާޔަތްދީ ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ނަނގާފައެވެ. އޭގެފަހުން އެދެމީހުންނާއިއެކު އުޅޭ އަންހެނަކުވެސް ވަނީ ފުލުުހުންގެ ބެލުމުގެ ދަށަށް ނަގާފައެވެ. 

ފުލުހުން "ސީއެންއެމް"އަށް ބުނީ އެމީހުން އޭރު ފުލުހުން ބެލުމުގެ ދޮށަށް ނެނގީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ރަށުގެ ހަމަޖެހުން އެމީހުންގެ ސަބަބުން ނެތިގެންދާތީ ކަމަށެވެ. 

ފުލުހުން ބުނީ އެ އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަންހެން މީހާ ދޫކޮށްލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އޭގެފަހުން ދެ ފިރިހެނުން ދޫކޮށްލީ އިއްޔެއެވެ. 

އެމީހުން ދޫކޮށްލީ ކީއްވެތޯ އަދި އެމީހުން ދޫކޮށްލާފައިވަނީ ކޮން ރަށެއްގައި އުޅެންތޯ ސުވާލުކުރުމުން ފުލުހުން ގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައުލޫމާތު ބެލުމަށްފަހު ހިއްސާކޮށްދޭނެ ކަމަށެވެ. 

މަހްމޫދުގެ މަރާއި ގުޅިގެން ރައްޔިތުން ތުހުމަތުކުރާ ތިން މީހަކު ފުލުހުން ދޫކޮށްލިއިރު މަހްމޫދުގެ މަރާއި ގުޅޭގޮތުން ފުލުހުން މިއަދު ވަނީ ފުރަތަމަ ފަހަރަށް ބަޔާނެއް ނެރެފައެވެ.

 

އެ ބަޔާނުގައި ބުނެފައިވަނީ އެ މައްސަލާގައި އޮކްޓޯބަރު 16 ވަނަ ދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު ހައްޔަރު ކޮށްފައިވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 29 އަހަރުގެ ޝާ އަލޮމް މިއާ ނަމަކަށް ކިޔާ މީހެއް ކަމަށާއި މަހްމޫދު މަރާލުމުގައި އޭނާގެ އިތުރުން އިތުރު މީހަކު އެކަމުގައި ބައިވެރިވެފައިވާކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. 

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާއިރު ޝާ އަލޮމް މިއާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. ދަނގެތި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. 

އޭގެ ތެރޭގައި، މަޙްމޫދު އަބޫބަކުރުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހިމެނޭކަަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް