އެމްޑީޕީގެ ފުރަތަމަ ރައީސްކަންވެސް ކުރައްވާފައިވާ އިބްރާ ސިވިލް ކޯޓުގައި އެ މައްސަލާގައި ދައުވާކޮށް ފައިވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގާނޫނު އަސާސީއާ ހިލާފު ވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.
މިމައްސަލަ އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅީ މިދިޔަ މަހު އެވެ. އެހެން ނަމަވެސް ރަޖިސްޓްރާ ވަނީ މައްސަލަ ބަލަނުގަނެވޭނެ ކަމަށް ނިންމަވާފައެވެ. ފަހުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުގައި އިލްތިމާސް ކުރުމުން ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިދިޔަ ހަފްތާގައި އެމައްސަލަ ބަލައިގެންފައެވެ.
ޑރ އައިޝަތު އަލީގެ އިތުރުން، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ މައްޗަށް ވެސް މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ މައްސަލާގައި އިބްރާ ގެންދަވަނީ ދައުވާ ކުރެއްވުމަށް ތައްޔާރު ވަމުންނެވެ.
މަންދު ކޮލެޖުން ދައުވާ ކުރަނީ އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުން ބާތިލްކޮށް ސަރުކާރުން އެތަން އަތުލި މައްސަލަގައެވެ. މިމައްސަލާގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުންވަނީ ހުކުމް ކޮށްފައެވެ. އޭގެ ކުރިން ސުޕްރީމް ކޯޓުގައި ކުރި ދައުވާ އަކާ ގުޅިގެން ، ބަދަލު ހޯދުމުގެ ހައްގު އޮންނާނެ ކަމަށް އެކޯޓުން ވަނީ ނިންމާފައެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށް މަންދު ކޮލެޖުން އެދުނެވެ.އެކަމަކު ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށެވެ. އަދި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މަންދު ކޮލެޖް ހިންގުމަށް ސަރުކާރުން އެއްބަސްވެފައިވަނީ މާލެ ހައި ޕްރައިވެޓް ލިމިޓެޑާއެކުއެވެ. ދައުލަތުގެ ހުށަހެޅުން ބަލައިގަނެ، މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.
އެމްއީއެސް ހިންގި އިމާރާތް މަންދު ކޮލެޖު ހިންގަން ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.