
އަންނަ ސީޒަނުގެ ކަލަންޑަރުގައި މިނިވަން ޗެމްޕިއަންޝިޕު ޖަހާފައި އޮތް އިރު، ފުރަތަމަ ކަމަކަށް މިނިވަން ޗެމްޕިއަންޝިޕްވަނީ ދެހާސް ނަވާރަވަނަ އަހަރު ފަހުކޮޅު، " ޖަޒީރާ ޗެމްޕިއަންޝިޕް" ގެ ނަމަށް ރީބްރޭންޑްކޮށްފައެވެ. އެހެންކަމުން މިނިވަން ޗެމްޕިއަންޝިޕަކީ މިހާރު ވުޖޫދުގައި އޮތްވެސް މުބާރާތެއް ނޫނެވެ.
ދެހާސް ފަނަރަވަނަ އަހަރު، ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމާ ދިމާކޮށް، މިނިވަން ޗެމްޕިއަންޝިޕުގެ ނަމުގައި ފެށި މި މުބާރާތް ދެހާސް ސޯޅަވަނަ އަހަރު ފިޔަވައި އެހެން ހުރިހާ އަހަރެއްގައި ބާއްވަނީ ކޮންމެ އަތޮޅެއްގައި ކަނޑައެޅޭ ވަކި ރަށެއްގަ އެވެ. ދެހާސް ސޯޅަވަނަ އަހަރު، ހޯމް އެންޑް އަވޭ އުސޫލުން އަތޮޅުތަކުގައި ފޯރީގައި އެ މުބާރާތް ބޭއްވިއެވެ. މިނިވަން ޗެމްޕިއަންޝިޕުގެ ޓީމުތަކަށް ދވެހި ޕްރިމިއަރ ލީގުން ފުރުސަތު ދެމުން އައުމަށް ފަހު ކުއްލިއަކަށް އެފްއޭއެމުންވަނީ އަތޮޅުތަކުގެ ހުރިހާ ޓީމެއް ދިވެހި ލީގުން ބޭރުކޮށްފައެވެ. އަތޮޅުތަކަށް ނިސްބަތްވާ ފުޓްބޯޅަ ޓީމުތައް ބޭރުކުރުމަށް ފަހު ދިވެހި ޕްރިމިއަ ލީގު ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަނހުއެވެ. ތިން އަހަރަށް ފަހު އަތޮޅުތަކުގެ ޓީމުތައް ދިވެހި ޕްރިމިއަ ލީގުން ބޭރުކުރަން ނިންމީ މިހާރު އޮތް އެފްއޭއެމްގެ އެކްސްކޯއިންނެވެ.
މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން ބުރެއްގެ ޗެމްޕިއަން ހޯދި ޓީމެއްގެ ބައެއް މެންބަރުން
ޕްރިމިއަ ލީގުން އަތޮޅުތަކުގެ ޓީމުތައް ބޭރުކުރަން ނިންމިއިރު، އެންމެ ފަހުން ދިވެހި ލީގުގައި ވާދަކުރި އަތޮޅުތަކަށް ނިސްބަތްވާ ޓީމުތަކަކީ ށ. ފޯކައިދޫ ޓީމާ، ފ. ނިލަންދޫ ޓީމެވެ. އޭގެ ތެރެއިން ފޯކައިދޫ ޓީމަކީ އެންމެ ފަހުން ކުޅުނު ދިވެހި ލީގުގައި ކުޅުނު ޔުނައިޓެޑް ވިކްޓްރީއަށް ވުރެ ރަނގަޅު ނަތީޖާ ހޯދި ޓީމެކެވެ.
އަތޮޅުތަކުގެ ޓީމުތައް ލީގުން ބާކީ ކުރަން އެފްއޭއެމުން ނިންމީ، ދިވެހި ލީގުގައި ކުޅުނު އަތޮޅުތަކުގެ ޓީމުތަކަށް އެތައް ހުވަފެނެއްވެސް ދެއްކުމަށް ފަހުއެވެ. ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ވަޒީރު ވިދާޅުވެފައިވަނީ ލީގުގައި ކުޅޭ އަތޮޅުތަކުގެ ޓީމުތަކުގެ މެޗުތައް އަތޮޅުތަކުގައި ކުޅޭނެ އިންތިޒާމްވެސް ހަމަ ޖައްސަވާނެ ކަމަށެވެ.
އަތޮޅުތަކަށް ނިސްބަތްވާ ފުޓްބޯޅަ ޓީމުތައް ބޭރުކުރަން އެފްއޭއެމްގެ އެކްސްކޯއިން ނިންމުމަށް ފަހު، މާލެއަށް ނިސްބަތްވާ ކްލަބުތަކާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދޭންވެސްވަނީ ނިންމާފައެވެ. އަތޮޅުތަކުގެ ޓީމުތައް ހިތްވަރާ އެކު ރަނގަޅު ކުޅުމެއް ކުޅެން މަސައްކަތް ކުރަމުން އަންނަނިކޮށް އެ ޓީމުތައް ބޭރުކުރުމަށް ފަހު، އެފްއޭއެމުންވަނީ މުޅި ރާއްޖެއަށް ދިވެހި ޕްރިމިއަ ލީގު ފުޅާ ކުރާނެ ކަމަށް ބުނެފައެވެ. އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ނުދޭން އެފްއޭމުން ނިންމިއިރު، އަތޮޅުތަކުން އައި ޓީމުތަކަށް ނިމުނު ސީޒަންގައި ދޭން އެފްއޭމުން ވައުދުވި މާލީ އެހީތެރިކަން ފުރިހަމައަށް ނުދެއެވެ.
އަތޮޅުތެރޭގެ މެޗެއްގެ ކުރިން ކުޅުންތެރިން ސަލާމް ކުރަނީ
އަނެއް ކޮޅުން، މީގެ ދުވަސްކޮޅެއް ކުރިން ބޮޑު ޕްލޭނަކާއެކު އެފްއޭއެމުން ބުނެފައިވަނީ ދިވެހި ލީގު މުޅި ރާއްޖެއަށް ފުޅާ ކުރާނެ ކަމަށެވެ. އެކަމަކު މުޅި ރާއްޖެއަށް ދިވެހި ލީގު ފުޅާ ކުރާނެ ކަމަށް ޕްލޭނެއް ހާމަކޮށް އޭނގެ ދުވަސްކޮޅެއް ފަހުން އިއުލާން ކުރި އަންނަ ސީޒަންގެ ކަލަންޑަރުގައި މިނިވަން ޗެމްޕިއަންޝިޕްގެނަމުގައި މުބާރާތެއް އޮންނާނެ ކަން އިއުލާން ކުރުން ވެގެން ދިޔައީ ހައިރާންކަމެއް ލިބުނު ކަމަކަށެވެ.
އަތޮޅު ތެރޭގެ ޓީމުތަކަށް ފުރުސަތު ދީގެން އެންމެ ފަހުން އޮތް ދިވެހި ލީގުގައި އަތޮޅުތެރޭން ވާދަކުރީ ނިލަންދޫއާ ފޯކައިދޫއެވެ. އޭގެ ކުރިން ފަހަރު ނިލަންދޫއާ ފޯކައިދޫގެ އިތުރުން ފެހެންދޫ، އަދި ތިމަރަފުށި ވާދަކުރިއެވެ. އަދި އޭގެ ކުރީ އަހަރު ކުޑަހުވަދޫ، ގދ. ތިނަދޫ އަދި ށ. މިލަންދޫގެ އިތުރުން އއ. މާޅޮހު ޓީމުވެސް ދިވެހި ލީގުގައި ވާދަކުރިއެވެ. މި ޓީމުތަކުން ވަނީ އުނދަގޫ ހާލަތްތަކުގައި ހިތްވަރާ އެކު މަސައްކަތްކޮށް މާލޭގެ ނަން މަޝްހޫރު ބޮޑެތި ޓީމުތަކަށް ވަރުގަދަ ޗެލެންޖު ދީފައެވެ.
އަތޮޅުތަކުގެ ޓީމުތަކުން ނުކުތް ބައެއް ކުޅުންތެރިން ގައުމީ ޓީމުންވެސް ފުރުސަތު ހޯދާފައިވެއެވެ. ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ފޯވާޑުގެ ގޮތުގައި މިހާރު ގުނޭ އިބްރާހީމް މަހްދީ ނުވަތަ ފޭދޫ އިއްބެއަކީވެސް މިނިވަން ޗެމްޕިއަންޝިޕުން ވިދާލި ކުޅުންތެރިއެކެވެ.