ads
ނިޔާޒްގެ ޝަރީއަތް——
ތުލުސްދޫ މަރު: ނިޔާޒަށް އިއްވި މަރުގެ އަދަބު ހައި ކޯޓުން ދަމަހައްޓައިފި
ކ. ތުލުސްދޫގައި 2014 ވަނަ އަހަރު އަލީ ޝިހާމް މަރާލި މައްސަލައިގައި، ހަމަ އެ ރަށު މުހައްމަދު ނިޔާޒުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރަށް މަރު ހިފުމުގެ އަދަބު ހައި ކޯޓުން ދަމަހައްޓައިފި އެވެ.
Advertisement

އަލީ ޝިހާމަށް ހަމަލާދީފައިވަނީ އޭނާ ދިރިއުޅެމުންދިޔަ އެރަށު ދުށްފަޅުގޭ އިރުއިތުރު ފަރާތުގައި އޮތް ހުސްބިމެއްގައި ހުރި ގަހެއްގައި އެލުވާލާފައިވާ ޖޯއްޔެއްގައި އޭނާ އޮއްވައި، 2014ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެ 18:50 ހާއިރު ދިގުމިނުގައި 11 ވަރަކަށް އިއްޗި ހުރި ވަޅިއަކުން ޝިހާމުގެ މެޔަށް ހަމަލާދީގެންނެވެ.

މިމައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ވާރިސުންގެ ތެރެއިން ދުނިޔޭގައި ތިބި އޭނާގެ އަންހެނުންނާއި މާމަ ބޭނުންވީ މުހައްމަދު ނިޔާޒްގެ ކިބައިން ގިސާސްގެ ގޮތުގައި މަރަށް މަރު ހިފުމަށެވެ. 

މި މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ނިޔާޒް ޝިހާމް މަރާލާފައިވަނީ ގަސްތުގައި ކަމަށެވެ. އަދި ވާރިސުން މަރަށް މަރު ހިފަން ބޭނުންވާތީ މަރުގެ އަދަބު ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. 

އެ މައްސަލަ ނިޔާޒްގެ ފަރާތުން އެއްވެސް މަރުހަލާއެއްގައި އިސްތިއުނާފު ކޮށްފައެއް ނުވެއެވެ. އަދި އޭނާ ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގުވެސް ކޯޓުގެ ދެ މަރުހަލާގައި ވެސް ދޫކޮށްލައިފަ އެވެ.

ނަމަވެސް މިއީ މަރުގެ އަދަބު ކަނޑައަޅާ ގިސާސް އަދަބު ކަނޑައެޅިފައިވާ އަދަބެެއް ކަމުން މިމައްސަލާގައި މަރުގެ އަދަބު ތަންފީޒުކުރެވޭނީ ހައިކޯޓުން މިމައްސަލަ ބަލާ ސްޕްރީމް ކޯޓުން ވެސް އެ އަަދަބު ދަމަހައްޓައިފި ނަމައެވެ.

އެހެންކަމުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުންނެވެ.

ހައި ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ އިރު، މުހައްމަދު ނިޔާޒް ބުނީ އަލީ ޝިހާމަށް ހަމަލާ ދިނީ މާރާމާރީ ހިންގުމުގެ ނިޔަތުގައި ކަމަށާއި އޭނާ މަރާލުމުގެ ގަސްތެއް ނެތް ކަމަށެވެ. އަދި އެކަމަށް އަލީ ޝިހާމްގެ އާއިލާގެ ކިބައިން މައާފަށް ވެސް އެދޭ ކަމަށެވެ.

ހައުކޯޓުން މިއަދު ކުރި ހުކުމް

މިމައްސަލާގައި ގޮތެއް ނިންމުމަށް ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ހައި ކޯޓުން ނިންމާފައިވަނީ އާންމުކޮށް މީހަކު މަރުވާފަދަ އާލާތެއް ބޭނުންކޮށްގެން އަދި އަނިޔާވެރިކޮށް މީހަކަށް ހަމަލާދީފި ނަމަ، އެއީ މެރުމުގެ ގަސްތު އޮވެގެން ކުރި ކަމެއް ކަމަށް ގަބޫލުކުރެވޭނެ ކަމެއްކަމުން ނިޔާޒް، ޝިހާމަށް ހަމަލާ ދިނީ އޭނާ މަރާލުމުގެ ގަސްތުގައި ކަމަށެވެ.

ހައި ކޯޓުން ބުނީ ގަސްތު މަރުގައި ފުރިހަމަވާންޖެހޭ ފުރަތަމަ ދެ ރުކުން މި މައްސަލައިގައި ފުރިހަމަވާ ކަމަށާއި އަދި ނިޔާޒްވެސް ވަނީ ޝިހާމް މަރާލިކަމަށް އެއްބަސްވެފައި ކަމަށެވެ. ނަމަވެސް ޝިހާމް މަރާލީ ގަސްތުގައި ކަމަށް އޭނާ އެއްބަސް ނުވާ ކަމަށް ހައިކޯޓުން ބުނެއެވެ. 

ހައި ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ އިރު، ނިޔާޒް ބުނީ އަލީ ޝިހާމަށް ހަމަލާ ދިނީ މާރާމާރީ ހިންގުމުގެ ނިޔަތުގައި ކަމަށާއި އޭނާ މަރާލުމުގެ ގަސްތެއްގައި ނޫންކަމަށެވެ. އަދި އެކަމަށް އަލީ ޝިހާމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ މެރުމުގެ ގަސްތު ނެތް ކަމަށް ނިޔާޒް ބުނި ނަމަވެސް، މީހަކު މަރުވާނެ ފަދަ އާލާތެއް ނުވަތަ އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލާފައިވާނަމަ އެކަމުގައި މެރުމުގެ ގަސްތު އޮތް ކަމަށް ގަބޫލުކުރެވޭނެ ކަމަށެވެ.

މި މައްސަލައިގައި އަލީ ޝިހާމަށް ހަމަލާދީފައި ވަނީ ވަޅިއަކުން ކަމަށާއި، ހަމަލާ ދިނީ ޝިހާމު އާއިމެދު ނިޔާޒުގެ ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަން އިތުރުވެ، އޭނާ މަރާލުމުގެ ގަސްތުގައި ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ. އެކަމަށް ހެކިދެނީ ޝިހާމް މަރާލުމުގެ ކުޑައިރުކޮޅެއް ކުރިން ދިމާވި ނިޔާޒުގެ ރަށްޓެހިންތަކެއް ކައިރީވެސް ޝިހާމަށް "ހޭ އަރުވާލާން" އުޅޭކަމަށް އޭނާ ބުނެފައިވާތީ ކަމަށް ކޯޓުން ބުނެއެވެ. 

އަދި އެފަހުން ގެއިން ވަޅިއެއް ނަގައިގެން ޝިހާމް ހޯދަން ނިކުމެ، ޝިހާމު ފެނުމުން ހަމަލާދީފައިވަނީ ސީދާ މެއަށް ކަމަށާއި، އަދި ހަމަލާދިނުމަށްފަހު ވަޅި މެއަށް ދޫކޮށްލުމަށްފަހު ނިޔާޒް އެތަނުން ދިއައީ ކަމަށް ކޯޓުން ބުނެއެވެ. 

އެހެންކަމުން އެކަން ކޮށްފައިވާ ގޮތާއި، ހަމަލާދިން ތަނާއި، ބޭނުންކޮށްފައިވާ އާލާތައް ބަލާއިރުވެސް އެއީ ގަސްތު މަރެއް ކަން ސާބިތުވާތީ ކްރިމިނަލް ކޯޓުން ނިޔާޒަށް ހުކުމް ކުރި މަރުގެ އަދަބު ހައިކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ.

20%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް