ads
ރަސްފަރި ފަރަށް އެރި ބޯޓު ފޮޓޯ:---
ރަސްފަރި ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 893 މިލިއަން ރުފިޔާ ދައްކަން އަންގައިފި
ކ. ރަސްފަރި ފަރަށް އާގު ބޯޓު އުރުނު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 893 މިލިއަން ރުފިޔާ ދައްކަން އެންވައިރެމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

ކ.ރަސްފަރީގެ ހުޅަނގު ފަރާތަށް އާގު ބޯޓެއް ފަަރަށް އެރީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި ބޯޓެކެވެ. ކ. ރަސްފަރީ އަކީ ޓެލެކޮމިއުނިކޭޝަންސްގެ މަސައްކަތް ކުރާ ރަށެކެވެ. 

ކ.ރަސްފަރީގެ ހުޅަނގު ފަރާތު ފަަރަށް އެރި "އެމްވީ ނެވިއަސް އެމެރިލިސް" ނަމަކަށް ކިޔާ އާގުބޯޓަކީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާބޯޓެކެވެ.  

ރަސްފަރި ފަރަށް އުރުނު އާގު ބޯޓު ފުން ކުރީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ. ބޯޓު ފުންކުރީ 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެސް، އެ ބޯޓުތައް ބޭނުންކޮށްގެންނެވެ.

އެކަމާއި ގުޅިގެން އީޕީއޭއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އޯގަސްޓް 19 ވަނަ ދުވަހު ރަސްފަރީގެ ފަރަށް "އެމްވީ ނެވިއަސް އެމެރިލިސް" ބޯޓު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު ގެ ދަށުން 100 މިލިއަން ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފަަައިވާ ކަމަށެވެ. 

އަދި، އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 25 އޮކްޓޫބަރު 2021 ދުވަހު އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. 

އެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭއާއި އެމްއެންޑީއެފް އާއި ގުޅިގެން އެ ސަރަޙައްދު ބަލައި ސަރވޭކުރުމުގެ ތެރެއިން، ބެލިބެލުމުން އެ ފަރުގެ 8،867 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފަހަގަކުރެވިފައިވެއެވެ. 

އަދި ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ އަށްސަތޭކަ ނުވަދިހަ ތިން މިލިއަން

ނުވަލައްކަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ ތިންލާރި ކަމަށް އީޕީއޭއިން ބުނެެއެވެ. 

ނަމަވެސް، ޤާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާ ޚަލާސްކުރުމަށް އަންގާފައިވާ ކަމަސް އެ އެޖެންސީން ބުނެއެވެ.

ރަސްފަރީގެ ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ޝަރީޢަތް މެދުވެރިކޮށް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކުގައި ވަނީ ފެށިފައެވެ.

ކ. ރަސްފަރިއާއި އެ ރަށުގެ ވަށައިގެންވާ ފަރަކީ 27 ސެޕްޓެމްބަރު 1995 އިން ފެށިގެން ޙިމާޔަތްކޮށްފައިވާ ސަރަޙައްދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް