މިޒްޔަލް(އަސްލު ނަމެއް ނޫން) އަކީ ސްކޫލް ދައުރުގައި ވެސް ހުނަރުވެރި ވިސްނުންތޫނު މީހެކެވެ. އަބަދުވެސް ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑިތައް ހަގީގަތަކަށް ހަދަން ބޭނުންވި ހުވަފެންތަކެއް ދެކެމުން އައެވެ.
އެގޮތުން ގްރޭޑް 12 ނިންމައި ރަނގަޅު ނަތީޖާއެއް ހޯދައި އިތުރަށް ކުރިއަށްދާން ބޭނުންވެ ރާއްޖެއިން ބޭރަށް ފުރަން ރަށުން މާލެ އައެވެ. މާލެ އައިސް މިޒްޔަލް ހުރިހާ ކަމެއް ނިމެންދެން މަޑު ކުރަން ޖެހުނީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއްގެ ގޭގައެވެ.
އެ ގެ އަކީ ކުދިން ބަހައްޓާ ގެޔެއް ކަމުން ވަޒީފާ އަށްދާ އަންހެން ކުދިންނާއި ފިރިހެން ކުދިން ވެސް އުޅޭ ކަމަށް މިޒްޔަލް ކިޔައިދިނެވެ. ފުރުން ލަސްވާ ވަރަކުން މިޒްޔަލްގެ ހިޔާލު ވެސް ބަދަލުވާން ފެށީ އެ ހުންނަ ގޭގައި އުޅޭ އަންހެން ކުއްޖެއްގެ ސަބަބުންނެވެ. މަޑު މަޑުން ޝަބާ(އަސްލު ނަމެއް ނޫން) އަށް މިޒްޔަލްގެ ހިތް ދެވެން ފެށުނެވެ. އޭނާ ވެސް މިޒްޔަލް އަށް ވަގުތު ހުސްކޮށް ވާހަކަ ދެެއްކަންފެށި އެވެ. ޝަބާ އަކީ މިޒްޔަލް ހުންނަ ގޭ ވެރި މީހާގެ ދަރިއެކެވެ.
ޝަބާއާ ދޭތެރޭ އުފެދުނު ގާތް ކަމުން މިޒްޔަލްގެ ވިސްނުން އެއްކޮށް ބަދަލުވެ މާލޭގައި ހުރުމަށް ބޭނުންވީއެވެ. ކޯސް ވެސް މާލޭގައި ކުރިއަށް ގެންދިޔުމަށް ނިންމީ މިޒްޔަލްގެ ހިތުގައި ޝަބާ އާ ދޭތެރޭ އުފެދުނު ލޯތްބެއްގެ ބޮޑު ކަމުންނެވެ.
ދުވަސްތައް ވޭތުވަމުން ގޮސް ޝަބާ އާއި މިޒްޔަލް ލޯބީގެ ގޮތުން ގުޅުނެވެ. އެހެން ނަމަވެސް ދެމީހުންގެ އަމަލުތަކުން މިކަން އެއްވެސް ބަޔަކަށް އަންގާކަށް ބޭނުމެއް ނުވިއެވެ. އެއީ ޝަބާގެ މައިންބައިފައިންނަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. އަދި މިޒްޔަލްގެ ރަހުމަތްތެރިޔާ އާ ދެމެދު އޮތް ރަހުމަތްތެރި ކަމަށްވެސް ވިސްނާފައެވެ.
މިގޮތުގައި ދުވަސްތައް ހޭދަ ވަމުންދިޔަ އިރު މިޒްޔަލް ދިޔައީ ޝަބާ އަށް ޓަކައި އެތަކެއް ގުރުބާނީ އެއް ވަމުންނެވެ. ކިޔަވަމުން ވަޒީފާ އަށް ދަމުން ޝަބާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ފިރިއެއްގެ ހައިސިއްޔަތުންނެވެ. ޝަބާގެ އުފަލަށް ކޮންމެ ކަމެއް ކޮށްދެމުންނެވެ.
އިއްތިފާގަކުން މިޒްޔަލް މަސައްކަތް ކުރާ އޮފީހަކީ ވެސް ވަރަށް ރަނގަޅު މުސާރައެއްދޭ ތަނެކެވެ. އޭނާ އަށް ލިބޭ މުސާރައިން ގެޔަށް ރުފިޔާ ދައްކައި ރަށަށް ރުފިޔާ ފޮނުވާ ޝަބާގެ ހުރިހާ ހަރަދެއް ބަލަހައްޓައެވެ.
އެ ގުޅުމަށް 11 މަސް ފުރިގެންދިޔަ އިރުވެސް އެއްވެސް ބަޔަކަށް އެކަމެއް ނޭންގެއެވެ. އެއްވެސް ބަޔަކަށް ނޭންގުމަށް ވެސް ޝަބާ އޮތީ އެދިފައެވެ. ނަމަވެސް މި ފަހުން އައިސް ޝަބާގެ ފަރާތުން ބަދަލުތަކެއް އަންނަ ކަމުގެ އިހުސާސް މިޒްޔަލް އަށް ކުރެވެން ފެށިއެވެ.
މިޒްޔަލް އެގޭގައި އުޅޭތީ އުނދަގޫވާ ކަމަށާއި ކޮޓަރިން ނުނިކުމެ އުޅުމާއި ކޮޓަރީގައި އުޅޭ ވަގުތު ފޯނު ބިޒީވެފައި ހުންނަ ކަން ފާހަގަ ކުރެވުމުން މިޒްޔަލް މިކަންކަން ހައްލު ކުރަން މަސައްކަތްވެސް ކުރި އެވެ. ނަމަވެސް ޝަބާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނުތާ އިތުރަށް ދާން ފެށީ ދުރަށެވެ.
މިޒްޔަލްގެ ލޯބިން ކުޑަވެސް މިންވަރެއް އުނި ކުރާކަށް ބޭނުމެއް ނުވިއެވެ. ކުރަމުން އައި ހަރަދުތައް ހަމަ ޝަބާއަށް ޓަކައި ކޮށްދެމުން އައީ ހަގީގީ ލޯބި ވާތީއެވެ. ހިތުގެ ފުންމިނުން ލޯބި ދެމުން އައީ ޝަބާ އާއެކު އުފާވެރި ދުވަސްތަކެއް އުޅެން ހިތް އެދޭ ވަރުންނެވެ.
ކަންތައްތައް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާ ގޮތަކަށެވެ. މިޒްޔަލް ކޮޓަރިން ނުކުތީ ގޭތެރޭގައި އަޑުގަދަވާތީ އެވެ. ޝަބާ މަންމަ ގައިގައި ބައްދާގެން ރޯ ހުރި އިރު އޭނާގެ ބޭބެ(މިޒްޔަލްގެ ރަހުމަތްތެރިޔާ) ހުރީ ވަރަށް ރުޅި ގަދަވެފައެވެ. މިޒްޔަލް ޝަބާ ޕޕމއާ ގަޑދަ ކަމުން ޖިންސީ ގޯނާ ކުރަން އުޅުނު ވާހަކައެއްގެ އަޑުތައް ގޭތެރޭގައި ގަދަވެފައިވާ އިރު މިޒްޔަލް އަށް ވެގެން އުޅެނީ ކިހިނެއް ކަމެއް ވެސް ނޭންގުނެވެ.
ޝަބާ ދެކެ މިޒްޔަލް ވީ ލޯބީގައި ހަގީގަތުގައި ވެސް އަގެއް ނެތްކަން ޔަގީންވިއެވެ. ދެއްކި ދަޅަތަކަށް ހެއްލި ދެކެވުނީ ކުލަ ނުޖެހޭނެ ހުވަފެންތަކެކެވެ. މަޖުބޫރުވީ ވީ ލޯބި އޮޔާ ދާން ދޫކޮށް ނުކުރާ ކަމެއްގެ އިލްޒާމް ބޮލުގައި އަޅައިގެން ގެއިން ނުކުންނާށެވެ.
ޝަބާ އަށް ޓަކައި މިޒްޔަލް އެތައް ދުވަހަކު އޭގެ ފަހުން ވެސް އިންތިޒާރުކުރިއެވެ. ވިސްނާ ވިސްނާ މީހާ ބަލިވާން ފެށިއެވެ. ކުއްލި ކުއްލިއަށް މޭގައި ރިއްސާ އަނބުރާ ގަންނަ ގޮތްވާތީ ޑޮކްޓަރަށް ދެއްކުމުން ލަފާ ދިނީ ކަންތައްތަކަށް ވިސްނާއި ފިކުރު ކުރުމުން ދުރުވާށެވެ. މިޒްޔަލްގެ ހިތުގައި ލޯވަޅެއް އުފެދިފައިވާ ކަމުގެ ހިތާމަވެރި ހަބަރު ދިނެވެ.
އެ ހިތައް ލިބެމުންދިޔަ އަނިޔާތައް އިންތިހާއަށް އިތުރުވެގެން ދިޔައީ ޝަބާގެ މައިންބަފައިން މިޒްޔަލްގެ ދިރިއުޅުމަށް ހަސަދަވެރިވެ ސިހުރު ހެދި ހިސާބުންނެވެ. ގައިގައި ފާޑު ފާޑު ލަކުނުތައް ނެގުމާއި ނުނިދާ އުޅެވުމާއި ގައި ހިރުވުން ފަދަ ކަން ކަމަކީ އެ ބަޔަކު ކުރި ނުބައި ކަމެއްގެ ސަބަބުން މިޒްޔަލް އަށް ތަހައްމަލް ކުރަން ޖެހިފައިވާ ވޭން ތަކެވެ.
މީގެ ހަތް އަހަރު ކުރިން މިޒްޔަލް އަށް ދިރިއުޅުމުގައި އެޅުނު އެންމެ ކަތި ފިޔަވަޅުގެ ގޮތުގައި މިއަދު ސިފަ ކުރަނީ ޝަބާ އެވެ. ދިރިއުޅުން އުޖާލާ ކުރުމަށް ކިޔަވަންދާން ބޭނުންވެފައި ހުއްޓާ ދިމާވި އަންހެން ކުއްޖަކަށް ހިތް މުޅިން ދެވުނުކަން އެއީ މިއަދު މިޒްޔަލް ހިތާމަ ކުރާ ކަމެކެވެ. ހިތުގެ ފުންމިނުން އެދުވަހު ވީ ލޯބީގެ ބަދަލުގައި މިއަދުވެސް މިޒްޔަލްގެ ހިތަށް ލިބި ލިބި އެ ހުންނަނީ އެކިވަރުގެ އަނިޔާއެވެ.
اللهގެ ރަހުމަތްފުޅާއެކު އަހަރެންގެ ރަހުމަތްތެރިޔާގެ ބައްޔަށް އަންނަނީ ޝިފާ ލިބެމުންނެވެ. ސިހުރުން ސަލާމަތްވާން ކުރާ މަސައްކަތުގައި އަލި ކުލަ ޖެހޭކަމީ މިއަދު އަހަރުމެން އުފާ ކުރާ ކަމެކެވެ. ބަޔަކު މީހުން އޭނާގެ ދިރިއުޅުމުގައި ހަސަދަ ލައިގެން އުޅުނު ނަމަވެސް އޭނާގެ ހިތް މިއަދު އެމީހުންނަށް ވެސް ސާފެވެ. ބަދަލު ހިފުމުގެ އެއްވެސް ވިސްނުމެއް ނެތެވެ.