އެހެންނަމަވެސް މި ރާއްޖޭގައި އެމަންޒަރު ފެންނަނީ އެގޮތަށެވެ. ކޮށްދޭނަމޭ ކިޔާފައި އަންނަ ސަރުކާރު ތަކުން ވައުދުތައް ނުފުއްދި ދިގުލައިގެންދާތަން ފެނެއެވެ. އެކަމުގެ ހުރިހާ ތަކްލީފެއް ތަހައްމަލު ކުރަން ޖެހެނީ ރައްޔިތުން ނެވެ.
ރައީސް ނަޝީދުގެ ވެރިކަން 2008 ވަނަ އަހަރު ފެށުނެވެ. އެވެރިކަމުގައި ޒަމާންތަކެއް ވަންދެން އެއް ބައްޓަމަކަށް އޮތް ސަރުކާރު ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް އައެވެ. އަދި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ފުރުސަތު ހުޅުވާލެވުނެވެ. އެގޮތުން އެއާޕޯޓު ހިންގުމަށް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލު ކުރެވުނެވެ. ނަމަވެސް ދިވެހީންގެ އެއާޕޯޓު ދިވެހީންނަށް ހޯދުމަށް މަސައްކަތްތައް އިދިކޮޅުން ފެށިއެވެ. މިހާރުގެ ހޯމް މިނިސްޓަރަކީ އެކަމުގައި އެންމެ އިސްސާފުގައި މަސައްކަތް ކުރެއްވި އެއްބޭފުޅެކެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ޖީއެމްއާރާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ އެ އެއްބަސްވުމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުކަމަށް ބުނެއެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ދިވެހީންގެ އެއާޕޯޓު ދިވެހީންނަށް ހޯދުމަށް ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވާފައި ވެއެވެ. ރައީސް ޑރ ވަހީދުގެ ސަރުކާރުގައި ޖީއެމްއާރު އެއްބަސްވުން އުވާލީ މުޒާހަރާކުރި ފަރާތްތަކުން އެއްބަސްވެގެންނެވެ.
މިހާރުވެސް އެމްޑީޕީން ބުނަމުންދަނީ ޖީއެމްއާރަށް އެއާޕޯޓު ދިނުމަކީ ރާއްޖޭގެ އިގްތިސާދަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށާއި އެ އެއްބަސްވުން އުވާލުމަކީ އިގްތިސާދީ ރޮގުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގްތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ.
އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި، އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.
އެ މަސައްކަތައް އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި ކަމަށެވެ. އަދި 2014 ވަނަ އަހަރު ނިމެން އޮތް އެއަޕޯޓުގެ މަސައްކަތް، ހަތް އަހަރު ވެގެން ދިޔަ އިރުވެސް މިދަނީ ކުރަމުން ކަމަށާއި ޖީއެމްއާރާއެކު އެއާޕޯޓު ތަރައްގީކޮށް 2014 ގައި ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖީއެމްއާރާއެކު ކުރިއަށް ދިޔަ ނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާއެކު ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތް ތަފާތީ ކުޑަކޮށެއް ނޫނެވެ. ވަރަށް ބޮޑަށް ތަފާތެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޖީއެމްއާރު އަތުގައި އެއާޕޯޓް އޮވެގެން ލިބުނު ކުރިއެރުމެއް ނެތް ކަމަށެވެ. އަދި ލިބޭނެ ކުރިއެރުމެއް ނުވެސް އޮންނާނެ ކަމަށެވެ.
މިހާރު އެއާޕޯޓްގައި އޮތް ދެވަނަ ރަންވޭ އާއި ނިމެމުންދާ ޓާމިނަލް ހެދުނީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅާ އެކީގައި 320 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކާފައި އެއާޕޯޓް ދިވެހިންނަށް ހޯއްދެވީމަ ކަމަށް އަދުރޭ ވިދާޅުވި އެވެ. ހަތް މިލިއަން ފަތުރުވެރިންނަށް ކޭޓާ ކުރެވޭނެ ހިސާބަށް ދިޔައީމަ، އެ ލިބޭ ފައިދާ ޖީއެމްއާރުގައި އެއާޕޯޓް އޮތް ނަމަ ލިބޭނީ ކިހިނެތްތޯ އަދުރޭ ސުވާލު އުފެއްދި އެވެ. އެއީ ރޮކެޓް ސައިންސް އެއް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.
ޖީއެމްއާރު އަތުގައި ރާއްޖޭގެ އެއާޕޯޓު އޮވެގެން ގެއްލުން ވިޔަސް ފައިދާ ވިޔަސް އެނގޭ ކަމަކީ އެ އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް ބަދަލު ގެންނަ ކަމެވެ. ކިތަންމެ ބޮޑުއަގެއް ރައްޔިތުން ދައްކަން ޖެހުނު ކަމުގައިވިޔަސް އެކަމެއް ކޮށްލަނީ ފަސޭހަ ކަމާއެކުއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓްތަކުގެ ވާހަކައެވެ. ޔާމީނުގެ ވެރިކަން ނިމުނު އިރު ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިމިފައެއް ނުވެއެވެ. އެހެންނަމަވެސް ނުނިމި ހުރީ ފިނިޝިން މަސައްކަތްތަކެވެ. މިހާރު މި އޮތް ސަރުކާރުން ބުނަމުން އައީ އެއީ ކޮތަރު ކޮށިތަކެއް ކަމަށާއި އިންސާނުން ދިރިއުޅެން ކަމުދާ ތަނެއް ނޫންކަމަށެވެ. އެހެންވެ ތަނުގެ ޑިޒައިނަށާއި، ބައްޓަމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބުންޏެވެ. އަދި އެ ފްލެޓްތައް ހަވާލު ކުރާނީ އެމަސައްކަތް ނިންމައިގެން ކަމަށްވެސް ބުންޏެވެ. އެހެންނަމަވެސް އެފްލެޓްތައް ހަވާލު ކުރެވުނީ އެތައް ތަކުލީފްތަކެއް ރައްޔިތުންނަށް ކުރިމަތިވާ ގޮތަށެވެ. ފިނިޝިން މަސައްކަތްތައް ފްލެޓްތަކުގެ ވެރީން އަމިއްލަ އަށް ނިންމަން ޖެހޭ ގޮތަށެވެ.
ފަންސަވީސް ބުރީގެ 16 ޓަވަރުގައި ހިމެނޭ 7،000 ހައުސިން ޔުނިޓްތަކަށް މިހާރު ބައެއް މީހުން ވަނީ ބަދަލުވެފަ އެވެ. އެހެންކަމުން އެ އެންމެންގެ މަސައްކަތްތައް ވެސް ހިނގަނީ އެއްފަހަރާއެވެ. އެމަސައްކަތްތައް ކުރަމުންދާއިރު އެބަޔަކަށް ފެންނަގޮތަކަށް މަސައްކަތް ކުރުމުގެ ސަބަބުން ކުންޏާއި ގަލާއި އެތަނަށް ޖަމާވަމުންދެއެވެ. އޭގެ އިތުރުން ބާޒާރުން ތަކެތި ނުލިބުމުގެ ސަބަބުން ވެސް މީހުން ދަނީ ތަކްލީފްތަކާ ކުރިމަތި ލަމުންނެވެ. އެހެން ނަމަވެސް ކުއްޔަކަށް ނުވަތަ ގްރޭސް ޕީރިއަޑަކަށް ބަދަލެއް ނާދެއެވެ.
އެ ފްލެޓްތައް އެއްކޮށް ނުނިންމައި ހަވާލު ކުރުމުގެ ސަބަބުން ލިބުނު މީހުންގެ ޝަކުވާތައް އިންތިހާއަށް ގިނަވެފައިވާއިރު އެމައްސަލަތަކާއި ޝަކުވާތައް ހިފައިގެން ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގައި ހިޔާގެ އަހުލުވެރީންގެ ފަރާތުން ދަނީ އާދޭސް ކުރަމުންނެވެ. އެހެން ނަމަވެސް އެދެވޭ ޖަވާބެއް ނުލިބެއެވެ.
މިއީވެސް އާ ދައުރަކަށް އާ ރައީސަކު އައުމުން ޖެހުނު ތަކްލީފް ތަކެއް ކަމަށް ބެލެވެއެވެ. ފްލެޓްތައް ކޮންމެ އަގެއްގައި ހަދާފައި ހުރި ކަމަށްވިޔަސް އޭގެ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރު ކޮށްދެވެން ޖެހެއެވެ. ވެރިކަމުގައި ތިބެ ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަން ރަނގަޅަށް ނުކޮށް ކުރީ ސަރުކާރުން ކަން ކުރި ގޮތޭ ބުނުން އެއީ އެންމެ ރަނގަޅުގޮތަކަށް ނުވާނެ އެވެ.
އެކަމަކު ވެރިކަން ބަދަލުވުމުން ފެންނަނީ އަބަދުވެސް ކުރީ ސަރުކާރުން ނުކުރެވޭ ކަން ދެއްކުމަށްޓަކައި މަސައްކަތް ކުރުމެވެ. އެނގޭ ކަމަކީ ދެ ސަރުކާރުގައި ތިބީ ސިޔާސީ މީހުން ކަމެވެ. ސިޔާސަތު ތަކެއް ހަދައި އެތަންފީޒު ކުރުމުގައި ރައްޔިތުންގެ ފައިސާ ބޭކާރުވެ، ކަނޑަށް އެޅޭ އެއްޗަކަށް ވެގެން ދާކަމެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ގދ. ހޯޑެއްދޫ އާއި މަޑަވެލި ގުޅުވާލަން ހެދި ކޯޒްވޭއެވެ. އީއައިއޭ ރިޕޯޓުގައި ކޯޒްވޭގައި 22 ކަލްވާޓް (ދެފަރާތަށް އޮއިދެމޭ ގޮތްހެދުން) ޖަހަން ޖެހޭ ކަމަށް އޮތެވެ. އެކަމަކު ޖަހާފައިވަނީ 12 ކަލްވާޓް އެވެ. ޖިއޯބޭގް ބޭނުން ކުރާ ގޮތަށް އޮތް ނަމަވެސް ބޭނުން ކޮށްފައިވަނީ ސިމެންތި ބަސްތާ ތަކެވެ. ޑިޒައިނާވެސް ހިލާފް ވެފައިވާކަމަށް ވެއެވެ. މިކަންކަމަށް ބަލައި މިސަރުކާރުން ވަނީ އެކޯޒްވޭ ކެންސަލް ކޮށްފައެވެ.
ރައްޔިތުންގެ ފައިސާއިން 30 މިލިޔަން ރުފިޔާ ބޭކާރު ވެގެން ދިޔައީ އެވެ. މިސަރުކާރުން އަނެއްކާ 84 މިލިޔަން ރުފިޔާ ހޭދަ ކޮށްގެން މުޅިން އަލަށް ކޯޒްވޭގެ މަސައްކަތް ފަށަނީއެވެ. 10 މަސްދުވަހުން ނިންމަން އޮތްކަމުގައި ވިޔަސް ދިގުދެމިގެން ގޮސް ދެން އަންނަ ދައުރަކަށް ނުދާނެ ކަމެއް ނޭނގެއެވެ.
އެނގޭ ކަމަކީ ވެރިކަން ބަދަލުވެ، އަލުން އެހެން ވެރިއަކު ވެރިކަމަށް އައުމާއެކު މުޅި ގައުމު އެހެން މަގަކުން ހިނގަން ފައްޓާ ކަމެވެ. ކުރީ ސަރުކާރުން ސްކޫލް ދަރިވަރުންނަށް ދެނީ ޓެބްލެޓް ކަމުގައިވާ ނަމަ މިސަރުކާރުން ދޭން ޖެހެނީ ދޮންކޭލާއި ބިހެވެ. ކުރީ ސަރުކާރުން ކުރާ ކޮންމެ ކަމަކީ ގޯސްވާ ނިޒާމެއް ވަނީ ގާއިމް ކުރެވިފައެވެ. ނަތީޖާއަކީ ރައްޔިތުންގެ ފައިސާއިން ބޮޑެތި އަދަދުތަކެއް ބޭކާރު ވެގެން ދިއުމެވެ. އޭގެ ހިތި ރަހަ ރައްޔިތުންގެ އަރުގައި ލުމެވެ.