ކުރީގެ މިނިސްޓަރު ޒެނީޝާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވުމާ ގުޅިގެން ޒެނީޝާ ވިދާޅުވީ ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި، އެޗްއާރްސީއެމުން ޒެނީޝާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކީ ޒާތީ ތައައްސަބުން އުފަންވެފައިވާ މައްސަލައެއް ކަމަށެވެ.
މިމައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހިޔާލު ފާޅު ކުރެއްވީ ރައީސް ނަޝީދުއެވެ. ވިދާޅުވީ ޒެނީޝާއާ ދެކޮޅަށް ކުރާ ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެދައުވާގެ ސަބަބުން ދިވެހި މުޖުތަމައުއަށް ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައި ނުގަންނަވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދު މިގޮތަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވުމާ ގުޅިގެން ބައެއް ފަރާތްތަކުން އެވާހަކަތައް ސިފަކޮށްފައިވަނީ މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އިހުމާލުވާނަމަ ދައުވާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ އެފަރާތްތައް ޒިންމާދާރު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމެއްކަމަށް ވެސް ހައިލަމް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދުގެ ހިޔާލަށް އިޝާރާތް ކުރައްވާ ހައިލަމް ވިދާޅުވެފައިވަނީ މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
އެހެން ނަމަވެސް ރައީސް ނަޝީދުގެ ވާހަކަފުޅަށް ބާރު ދެއްވަމުން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ވިދާޅުވީ ދައުވާ އަނބުރާ ގެންދިއުމުގެ އިތުރުން ދައުލަތުގެ މުއައްސަސާތައް ބޭނުން ކޮށްގެން "ވޮޗް ހަންޓް" ކުރުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން އުޅޭ ބަޔަކު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށާއި، ކުޑަކުދީންގެ ހައްގުތަކަށް އަރައިގަނެފައި ތިބި އަސްލު މީހުން ހޯދައި ޒިންމާ ކުރުވަން ވެސް ޖެހޭ ކަމަށް ޑރ ޝަހީދު ވިދާޅުވެފައި ވެއެވެ.
މިކަމުގައި އެމްޑީޕީގެ ފުރަތަމަ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މާލޭ މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވަނީ ޒެނީޝާގެ މައްސަލަ މިހާރު އޮތް ހިސާބުން ދައުލަތުގެ ވެރިން ބަސް ބުނެގެން ނުވާނެ ކަމަށެވެ. އެޗްއާރުސީއެމް އަކީ މިނިވަން މުއައްސަސާ އެއް ކަމަށާއި، ޕްރޮސެކިއުޓާ ޖެނެރަލް އަކީ މިނިވަން މަގާމެއް ކަމަށް ވިދާޅުވެ، އިބްރާ ވިދާޅުވީ އެޗްއާރުސީއެމްގެ ތަހުގީގަކުން، ދައުލަތުގެ މަގާމު ތަކެއްގައި ތިބި ބަޔަކު ގާނޫނާ ހިލާފު ވެގެން އެމައްސަލަ ބަލަން ޕީޖީއަށް ފޮނުވުމުން، ޕީޖީން އެމައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައި ސިޔާސީ ބާރުވެރިން އެމައްސަލައިގައި ހަދަންވީގޮތް ކިޔާ ނަމަ އެއީ ނާޖާއިޒު ނުފޫޒު ފޯރުވުން ކަމަށެވެ. އަދި އެއީ އިންސާފަށް ހުރަސް އެޅުން ކަމަށެވެ.
މިބަހުސްތައް ފެށިފައިވާއިރު އެޗްއާރުސީއެމުން މިއަދުވަނީ ބަޔާނެއް ނެރެފައެވެ. އޭގައި ބުނެފައިވަނީ މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް ޒާތީ ތައައްސަބެއް ނޯންނާނެ ކަމަށާއި، މައްސަލަތަކުގައި ގޮތް ނިންމަނީ ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ އިންސާފުވެރި ކަމާއެކު ކަމަށެވެ.
ނޫސްބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެވޭ ބާރުގެ ދަށުން އުފައްދަވާފައިވާ "ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން ބެއްލެވުމަށް ފަހު އެކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ "ކުޑަކުދިންގެ ހިޔާ" ގައި ބައިތިއްބާފައި ތިބި ކުޑަކުދިންތަކަކާ ގުޅުން ހުރި އަނިޔާގެ މައްސަލަތަކެއް ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013) ގެ ދަށުން ތަހުގީގުކޮށް، އެމައްސަލަތަކުގެ ލިޔުންތައް ހިއްސާކުރުމާއެކު، ދައުވާ ކުރުމާމެދު ވަކި ގޮތެއް ނިންމުމަށްޓަކައި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މިކޮމިޝަނުން ހުށަހަޅާފައިވާ ކަމަށެވެ.
"ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން އެ ކޮމިޝަނަށް ފޮނުވާފައިވާ މައްސަލަތަކަކީ 2017 ވަނަ އަހަރު "ކުޑަކުދިންގެ ހިޔާ" ގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުޢާމަލާތުކޮށް، ބައެއް ކުޑަކުދިން އަތުގައި ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ކޮށް ހުށަހަޅާފައިވާ މައްސަލަތަކެކެވެ." ނޫސްބަޔާނުގައި ވެއެވެ.
އެންޓި ޓޯޗަރ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އިން އަނިޔާކުރުމާއި ރަޙުމްކުޑަ ޢަމަލު ހިންގުމާއި، ލާއިންސާނީ ޢަމަލު ހިންގުމާއި، އިހާނެތި ޢަމަލު ހިންގުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި، އެޤާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ ޢަމަލުތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާނޫނީ ޒިންމާއަކީ އެ ގާނޫނުގެ ދަށުން އެޗްއާރްސީއެމުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާ އެކެވެ.
އަދި ހަމައެހެންމެ، މިކަންކަން ތަންފީޒު ކުރުމަށް ފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ އިހުތިސާސްވެސް އެންޓި ޓޯޗަރ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން އެޗްއާރްސީއެމަށް ލިބިގެންވާ ގާނޫނީ ހުދޫދުގެތެރޭގައި ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވުމަކީ ދައުލަތުގެ އިސްވެރިން ހިމެނޭގޮތަށް ފާޑު ވިދާޅުވެ އެޗްއާރްސީއެމުގެ ނިންމުން އަނބުރާ ގެންދަން ގޮވާލަން ޖެހޭވަރުގެ ކަމެއްތޯ އެވެ.
އެޗްއާރްސީއެމަށް ގަބޫލުކުރެވުނުގޮތުގެ މައްޗަށް ގޮތް ނިންމާ ދައުވާކޮށް ދިނުމަށް އެދުމަކީ އަދި އެޗްއާރްސީއެމުގެ ހުށަހެޅުމަށް އިޖާބަދޭން ޖެހޭ ސަބަބަކަށް ވެސް ނުވާއިރު ދައުވާކުރަން ފޮނުވުމާއެކު ދައުލަތުގެ ތިން ބާރުގެ ތެރިން ބާރެއްގެ ވެރިޔަކު އެކަމަށް ގޮތް ކިޔުމަކީ އަދުލުއިންސާފުގެ ނިޒާމަށް ލިބޭ ގެއްލުމަކަށް ނޫނީ ނުވާނެ އެވެ. ސަބަބަކީ ކުރީގެ މިނިސްޓަރު ޒެނީޝާ އާ އެކު އެ މައްސަލާގައި ހިމެނޭކަމަށް ބުނާ ބައެއްގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތް ނިންމާނީ ދައުލަތުގެ ޕްރޮސިކިއުޓަ ޖެނެރަލް ކަމަށްވާތީ އެވެ. ކޮންމެ ގޮތެއް ވިޔަސް މިނިސްޓަރު ޒެނީޝާ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުުވުން މިހާރު މިވަނީ ބޮޑު ބަހުސްއަކަށްވެ އެ މައްސަލައާ މެދު ގޮތް ނިންމަން ޖެހިފައިވާ ފަރާތަށް ނުފޫޒުފޯރުވިދާނެ ފަދަ ހާލަތެއް އުފަންވެ އެވެ.