ads
އެންޑީއޭ ---
އެންޑީއޭއިން ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ކުއްލިއަކަށް މަރުވެއްޖެ
ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ދަށުން "މެތޮޑޯން" ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ކުއްލިއަކަށް މަރުވެއްޖެ އެވެ.

މަރުވެފައިވަނީ މަސްތުވާތަކެތިން ސަލާމަތްވުމަށް މެތަޑޯން ފަރުވާ ނަގަމުން އައި ކ. މާލެ، ޔުނިޓީ 52 އަހަރުގެ މުހައްމަދު އާސިމް އެވެ. އޭނާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. 

މައުލޫމާތު ލިބޭގޮތުގައި އޭނާ މަރުވި ދުވަހުގެ ކުރީ ދުވަހު ބޭސްނަގަން އޭނާ ގޮސްފައެއް ނުވެއެވެ. މިއީ މެތޮޑޯން ފަރުވާ ހުއްޓާލައިގެން މަރުވި ދެވަނަ މީހާއެވެ. އަދި އެންޑީއޭގެ ބެލުމުގެ ދަށުން ފަރުވާ ނަގަމުންދަނިކޮށް މަރުވި ތިން ވަނަ މީހާއެވެ. 

އޭނާ މެތަޑޯން ފަރުވާއަށް ފޮނުވާފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ހޭންޑްސް ޓުގެދާ"ގެ ފަރާތުންނެވެ.

އެ ޖަމިއްޔާގެ އެޑިވައިޒަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އައިޝަތު ނަތާޝާ "ސީއެންއެމް"އަށް ވިދާޅުވީ އޭނާ ފަރުވާ ނަގަންފެށިތާ ގާތްގަނޑަކަށް އަހަރެއް ވަރު ވެދާނެ ކަމަށެވެ. ނަމަވެސް މިމަހުގެ 29ވަނަ ދުވަހު އޭނާ މަރުވިއިރު، 28ވަނަ ދުވަހު ބޭސް ނަގަން ނުދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މެތަޑޯން ފަރުވާ ހޯދާ މީހަކަށް ބޭސް ނުނަގާ އެއް ދުވަސް ވި ނަމަވެސް އޭނާއަށް އުނދަގުލެއް ނުވާނެ ކަމަށާއި ނަމަވެސް ބޭސް ނެގުމުގެ އިތުރަށް މަސްތުވާ އެއްޗެއް ނަގާނަމަ އޯވަޑޯޒްވެގެން މަރުވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. 

ނަތާޝާ ވިދާޅުވީ، ފަރުވާއަށް ނުދާތާ އެއް ދުވަސްވީއިރު އެކަން އެންޑީއޭއިން އަންގާފައިނުވާ ކަމަށެވެ. އަދި މަރުވި ކްލައިންޓާއި ބެހޭ މާބޮޑު ތަފްސީލެއް އެންޑީއޭއިން އެންޖީއޯއާއިވެސް ހިއްސާ ނުކުރާތީ އެކަމާއި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް އެކަންވީ ގޮތް އެންޑީއޭއިން ބަލަމުންދާ ކަމަށް ނަތާޝާ ވިދާޅުވިއެވެ. 

މިމަރާއި ގުޅިގެން އެންޑީއޭގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. 

މެތަޑޯން ފަރުވާ ނަގަން ނުގޮސް ހުއްޓާ މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ވަނީ އަންހެނަކު މަރުވެފައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ދިރިއުޅެމުން ދިޔަ ކޮޓަރިންނެވެ. އެފަހަރުވެސް އޭނާ ފަރުވާއަށް ނުދާތާ 15 ވަރަކަށް ދުވަސް ވީއިރުވެސް އެންޑީއޭއިން ފަރުވާއަށް އޭނާ ނާންނަކަން އާއިލާއަށް އަންގާފައި ނުވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، އެމައްސަލަ އިދާރާތަކުން ބަލަންވެސް ފެށިއެވެ. 

މީގެ އިތުރުން އެންޑީއޭގެ ދަށުން ހދ. ހަނިމާދޫޫގައި ހިންގަމުން އަންނަ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ދެމުން އައި މީހަކު ވެސް މިދިޔަ ފެބްރުއަރީ ތެރޭ ވަނީ މަރުވެފައެވެ. 

މެތަޑޯން އަކީ ކޮބާ؟

މެތަޑޯނަކީ އޮޕިއޮއިޑްސް، ހިރޮއިން، ބްރައުން ޝުގާފަދަ ޑްރަގަށް ދެވޭ އެންމެ ކާމިޔާބު ފަރުވާއެވެ. މިއީ ބޭހާއެކު މުޖުތަމައުގައި އެމީހަކު ބަހައްޓައިގެން ދެވޭ ފަރުވާއެކެވެ. ކައުންސެލިންއާއި އެޑިޔުކޭޝަންގެ އިތުރުން މިހާއަށް ދިރިއުޅުން ކުރިއަށް ގެންދެވޭ ގޮތަށް ގިނަ ސެޝަންތަކެއް މިޕްރޮގްރާމްގައި ކުރިއަށް ގެންދެއެވެ.

މެތަޑޯންގެ ފަރުވާ ފަށާދުވަސްކޮޅު މަސްތުވާތަކެތި ބޭނުންކުރާ ހިތްވެ ބައެއް މީހުން ބޭނުންކުރެއެވެ. ނަމަވެސް މެތަޑޯންގެ ޑޯޒް ކުޑަކޮށް ފަށާ މަތިކުރަމުން ގޮސް ކުއްޖާއާ ގުޅޭ މެއިންޓަނެންސް ޑޯޒް ދިނުމުން ބޭނުންކުރުން އެއްކޮށް ހުއްޓިގެންދެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް