މެގްނާ ގުލްޒާރު ޑައިރެކްޓް ކުރަން ނިންމާފައިވާ އެ ފިލްމަކީ ވަރަށް އަވަހަށް މަސައްކަތް ފަށަން ނިންމާފައިވާ ފިލްމެކެވެ.
އެހެން ނަމަވެސް ބައިވަރު ސަބަބު ތަކަކާއި ހުރެ ފިލްމުގެ ޝޫޓިން އަންނަ އަހަރަށް ފަސް ކުރަން ނިންމީ ޝޫޓިން ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ފުރިހަމައަށް ވުމަށް ކަމަށް ވެސް ހަބަރުތަކުން ބުނެއެވެ.
ފިލްމުގެ ލީޑު ރޯލަށް ލާފައިވަނީ މިހާރު ބޮލީވުޑްގައި ކާމިޔާބު ހޯދަމުން އަންނަ އެކްޓަރު ވިކީ ކައުޝަލް އެވެ.
ބައެއް ހަބަރުތައް ބުނާ ގޮތުން “ސަމް ބަހާދުރް” ގެ ޝޫޓިން އަންނަ އަހަރަށް ފަސްވި އެއް ސަބަބަކީ ވިކީ އާއި ކެޓްރީނާ ކައިފްގެ ކައިވެނި އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އޮންނާނެތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ފިލްމަކީ މެގްނާ ގުލްޒާރާ އެކު ވިކީ މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. 2018 ވަނަ އަހަރު އާލިޔާ ބަޓް އާއި ވިކީ ލީޑަށް ލައިގެން އޭނާ ވަނީ “ރާޒީ” ގެނެސްދީފައެވެ.
ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ވިކީގެ ކުރިއަށް ވެސް ގިނަ މަސައްކަތްތަކެއް އެބަ ހުއްޓެވެ.
އެގޮތުން ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމިފައިވާ ”ދަ ގްރޭޓް އިންޑިއަން ފެމިލީ“ އާއި ”މިސްޓާރ ލޭލޭ“ އާއި އަދި މަސައްކަތް ނުފަށާ ”ތަޚްތު“ ގެ އިތުރުން ”ދި އިމޯޓަލް އަޝްވަތަމާ“ އާއި ”ޝުބް އާރަމްބް“ ހިމެނެއެވެ.