މިއަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިދިޔަ ހަފްތާގައި ވަނީ އެވިޑް ކޮލެޖުން އާންމުކޮށް ހުޅުވާލާފަ އެވެ. އެކިދާއިރާތަކުން ފަންސަ ހަތްތަރި ކޯހަށް ވުރެ ގިނަ ކޯސް އެވިޑް ކޮލެޖުން ޖެނުއަރީމަހުގައި ކުރިއަށް ގެންދާނެ އެވެ. އޭގެތެރޭގާ މުޅިން އަލަށް ފަށާ ކޯސްތައްވެސް ހިމެނެއެވެ. އެއިން ކޮންމެ ކޯހަކީވެސް ދަރިވަރުގެ އާންމު މަޢުލޫމާތު މުއްސަނދިކޮށް ދާއިރާއިން ޚާއްޞަވުމަށް މަގު ފަހިކޮށްދޭނެ ފެންވަރު ރަނގަޅު ކޯހެކެވެ.
މިފަހަރު އެވިޑް ކޮލެޖުން އަލަށް ތަޢާރަފްކުރާ އެއްކޯހަކީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް ހިއުމެނީޓީސް އެންޑް ސޯޝަލް ސައިންސަސް އިން ކުރިއަށް ގެންދާ " ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ " ކޯހެވެ.
ފެކަލްޓީގެ ޑީން އަލްފާޟިލާ ފާތިމަތު މަޢީޝާ ހާމަ ކުރެއްވި ގޮތުގައި އެވިޑް ކޮލެޖްގެ ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ ކޯސް ފަރުމާކުރެވިފައިވަނީ ސައިކޮލޮޖީގެ ތަފާތު އޭރިއާތަކުން މަތީ ތަޢުލީމު ޙާޞިލްކުރުމާއި ކިޔަވައި ދިނުމުގެ ރޮގުން އިސް ދައުރެއް އަދާކުރުމާއި ދާއިރާއާ ގުޅޭ ގޮތުން އެކިއެކި ދިރާސާކުރުމުގެ ފަންނީ ހުނަރު ދަރިވަރުންނަށް ލިބިގެންދާ ގޮތަށެވެ. އެހެން ކަމުން މިކޯސް ނިމޭއިރު ދަރިވަރުންނަށް ނަފްސާނީ ޢިލްމާ ގުޅޭ މުހިންމު ގިނަ ތިއަރީތަކާ ކޮންސެޕްޓްތައް އެނގި ފަރިތަވާނެއެވެ. އަދި ޢަމަލީ ދާއިރާގައި އިތުބާރާއެކު ފައިތިލަ ސާބިތުކުރުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ.
ކޯހުގައި ކިޔަވައިދެނީ ދިވެހިރާއްޖޭގައި ތިއްބެވި ދާއިރާއާއި ގުޅޭ ފުންނާބު އުސް އަދި ތަޢުލީމީ ފެންވަރު ރަނގަޅު ލެކްޗަރަރސްއިންނެވެ.
3 އަހަރު ދުވަހުގެ މުއްދަތަށް (9 ސެމެސްޓަރއަށް) ބަހާލައިގެން އެވިޑް ކޮލެޖުން ކުރިއަށް ގެންދާ މި ކޯހުގެ ފުރަތަމަ އަހަރު ނުވަތަ ފުރަތަމަ 3 ސެމެސްޓަރ ފުރިހަމަކުރުމުން ދަރިވަރަށް ޑިޕްލޮމާއިން ސައިކޮލޮޖީ ސެޓްފިކެޓް ލިބޭނެއެވެ. އަދި ދެވަނަ އަހަރު ނިންމާލުމުން އެސޯސިއޭޓް ޑިގްރީ އިން ސައިކޮލޮޖީ އެވޯރޑް ކުރެވޭނެއެވެ. ތިންވަނައަހަރު ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ ލިބޭނެއެވެ.
ކާމިޔާބުކަމާއެކު މިކޯސް ފުރިހަމަކޮށް ނިންމާލުމުން ސްކޫލް އަދި ކޮލެޖް ފަދަ އިންސޓިޓިއުޓްތަކުގައި ލެކްޗަރަރ އަދި ޓީޗަރުކަމާއި ސްކޫލް ، ހޮސްޕިޓަލް އަދި ކްލިނިކްތަކުގައި ލައިސަންސްޑް ސައިކޮލޮޖިކަލް އެސޯސިއޭޓް ކަމުގެ ވަޒީފާގެ ލިބުމަށް މަގުފަހިވެގެންދާނެއެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް އެންމެ ފުޅާކޮށް އަތްފޯރާ ފަދަ އަގެއްގައި ދަރިވަރުންނަށް ފޯރުކޮށްދެމުން ގެންދާ އެންމެ ބޮޑު އެއްކޮލެޖެވެ.