އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ހިނގާ 2021 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަމުން ގެންދާނެކަމަށެވެ. އެއާއެކު 2021 ވަނަ އަހަރުގެ ބަޖެޓު ހުންނާނެ ކަމަށް ބެލެވެނީ 37.2 ބިލިއަން ރުފިޔާގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބަޖެޓު ބޮޑުވެފައިވަނީ 2017 ވަނަ އަހަރު ދައުލަތުން ވިއްކާފައިވާ ސަނީ ސައިޑް ބޮންޑުގެ ބޮޑުބައެއް މިއަހަރު ތެރޭގައި ދައްކާފައިވުމުން ކަމަށެވެ. އެއީ މިއަހަރު ނުދެއްކި ނަމަ 2022 ވަނަ އަހަރު ދައްކަން ޖެހޭނެ ފައިސާއެއް ކަމަށާއި، އެ ފައިސާ މި އަހަރު ދެއްކީ ލައިބިލިޓީ މެނޭޖުކުރުމުގެ ހަރަކާތެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތަށް އަމަލުކުރުމުން ސަނީ ސައިޑް ބޮންޑް ސެކަންޑަރީ އޭރު މުއާމަލާތް ކުރަމުންދިޔަ އަގު ވެއްޓިފައި އޮތް އޮތުން ރަނގަޅުކޮށް އެ ބޮންޑުގެ ކޫޕަން ރޭޓްކަމަށްވާ ހަތް އިންސައްތައާ ގާތަށް އީލްޑް ގެންދެވުނު ކަމަށެވެ.
2021 ވަނަ އަހަރުގެ ބަޖެޓު މިހާރު ޑެފިސިޓް ވާނެކަމަށް ބެލެވެނީ 12.8 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
"2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު މިއަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދު ހުންނާނެ ކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި. މިއީ ޖީޑީޕީގެ ނިސްބަތުން 122 އިންސައްތަ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް ފިޒިކަލް ސަސްޓެއިނަބްލިޓީ ދެމެހެއްޓުމަށް ރަނގަޅު ފިޔަވަޅުތައް އަޅައި، ޖީޑީޕީގެ ނިސްބަތުން ދަރަނީގެ ނިސްބަތް ކުޑަކުރުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޖުލައި މަހު މަޖިލީހަށް ހުށަހެޅި ފިޒިކަލް ސްޓްރެޓެޖީގައި، ފިޒިކަލް އަދި ޑެބްޓް ސަސްޓެއިނަބްލިޓީ ހިފެހެއްޓުމަށް ތިން ކަމެއް ހުށަހަޅައިފައިވާ ކަަމަށާއި އެއީ:
- 2023 ނިމޭއިރު ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 އިންސައްތައަށް ތިރިކުރުން
- 2023ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަހެއް އިންސައްތަ އަށް ތިރިކުރުން
- ބަޖެޓް ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްވުރެ އަހަރަކު ކުޑަވެގެންދާ މިސްރާބަކަށް ގެނައުން
މިނިސްޓަރު ވިދާޅުވީ އެ އަމާޒުތައް ހާސިލްކުރުމަކީ މެދު ރާސްތާގައި ބަޖެޓް ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ބަޖެޓް އެކުލަވާލައި ތަންފީޒްކުރަމުން ދާނީވެސް އެ އަމާޒްތައް ހާސިލް ކުރެވޭނެ މަގުން ކަމަށް އޭނާ ވިދާޅުވިއެވެ.