މި ފައިސާ ބަޖެޓުގައި ހިމަނާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ މަހު ބަޔަކު ބޮމުގެ ހަަމަލާއެއް ދިން އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ހިންގި އިންކްއަަރީ އަށް ފަހު، އަޅަން ހުށަހެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށެވެ.
ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހުށަހެޅި ކަންތައްތައް (ރިކޮމެންޑޭޝަންތައް) ތަންފީޒުކުރަން، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 50 މިލިޔަން ރުފިޔާ ދޭން ކަނޑައަޅާފައި އޮތީ އެމްއެންޑީއެފަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޖެޓްގައި އެމްއެންޑީއެފަށް ހަރަދުކުރަން ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 1.5 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައި އޮތީ އެމްއެންޑީއެފްގެ ލޮޖިސްޓިކް އަދި ސަޕޯޓް ހިދުމަތަށެެވެ. އެ ދާއިރާއަށް 665 މިލިޔަން ރުފިޔާ ކަނޑައަޅާފައި އެބައޮތެވެ.
މަޖިލީހުން ހެދި އިންކުއަރީން އެނގުނު ގޮތުގައި ދައުލަތުގެ ތިން ބާރުގެ ވެރިންގެ ސަލާމަތީ ކަންތައްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބަލެހެއްޓުމަށާއި، ޓެރަރިޒަމް ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން އެމްއެންޑީއެފަށް ގިނަ އަދަދެެއްގެ ޒަމާނީ ވަސީިލަތްތައް ބޭނުންވެ އެވެ. އެ މަސައްކަތްތައް ރަނގަޅަށް ކުރުމަށް ޓަކައި ތަމްރީނާއި ތައުލީމު ދިނުމަށާއި އެކި އެކި ނިޒާމުތައް ގާއިމްކުރަން ވެސް އެމްއެންޑީއެފުން ބޮޑު ޚަރަދެއް ކުރަން ޖެހެ އެވެ.
ވެރިންގެ ސެކިއުރިޓީއަށް އަންނަ އަހަރުގެ ބަޖެޓުގައި މި ފައިސާ ހިމަނާފައިވާއިރު، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލުމަށް ފަހު އެ މަނިކުފާނުގެ ގެކޮޅަށް ވަތް މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވައިލި މައްސަލައިގައި އެމްޑީޕީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު އެ ފަރާތްތަކުން ވަނީ އެމްއެންޑީއެފުން މުއުތަސިމަށް ފޯރުކޮށްދެމުންދާ ސަލާމަތީ ހިދުމަތް ވަރުގަދަ ކުރުމަށް ގޮވާލައިފައެވެ.