ads
ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް
މިއީ މިހާތަނަށް ފެނުނު އެންމެ ދަރަނި ބޮޑު ބަޖެޓު: ޝިޔާމް
2022 ވަނަ އަހަރަށް ލަފާކޮށްފައިވާ ބެޖެޓަކީ، މިހާތަނަށް ފެނުނު އެންމެ ދަރަނި ބޮޑު ބަޖެޓު ކަމަށް، ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމްކޮށް މެރިޓައިމް ސިނާއަތެއް އުފައްދަން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޝިޔާމް ވިދާޅުވީ އެ ފޮތް ޗާޕް ކުރަން ސަރުކާރުން ހޭދަކުރި ވަރެއް ވެސް ސާފު ނުވާ ކަމަށެވެ. އެހާ ބިޔަ ފޮތެއް ޗާޕްކޮށްފައި މަޖިލީހަށް ފޮނުވިއިރު، އެއީ 9.7 ބިލިއަން ނުވަތަ 10 ބިލިއަން ރުފިޔާއާ ގާތް ކުރާ އަދަދެއްގެ ޑެފިސިޓް ބަޖެޓެއް ކަމުން، އެ ވަރުގެ ދަރަނި ބޮޑު ބަޖެޓެއް ދެކެވަޑައިނުގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"[ގާތްގަނޑަކަށް] 10 ބިލިއަން، މުޅި ރާއްޖޭގެ ހަޔާތުގައި، މަޖިލީހުގެ ހަޔާތުގައި 10 ބިލިއަން ރުފިޔާ [އާ ގާތް ކުރާ އަދަދު] ގެ ދަރަނި ބަޖެޓެއް ފޮނުވާފައެއް ނުވޭ." ޝިޔާމް ވިދާޅުވިއެވެ.

މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 94 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. 

އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ހިނގާ 2021 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަމުން ގެންދާނެކަމަށެވެ. އެއާއެކު 2021 ވަނަ އަހަރުގެ ބަޖެޓު ހުންނާނެ ކަމަށް ބެލެވެނީ 37.2 ބިލިއަން ރުފިޔާގައި ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ބަޖެޓު ބޮޑުވެފައިވަނީ 2017 ވަނަ އަހަރު ދައުލަތުން ވިއްކާފައިވާ ސަނީ ސައިޑް ބޮންޑުގެ ބޮޑުބައެއް މިއަހަރު ތެރޭގައި ދައްކާފައިވުމުން ކަމަށެވެ. އެއީ މިއަހަރު ނުދެއްކި ނަމަ 2022 ވަނަ އަހަރު ދައްކަން ޖެހޭނެ ފައިސާއެއް ކަމަށާއި، އެ ފައިސާ މި އަހަރު ދެއްކީ ލައިބިލިޓީ މެނޭޖުކުރުމުގެ ހަރަކާތެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތަށް އަމަލުކުރުމުން ސަނީ ސައިޑް ބޮންޑް ސެކަންޑަރީ އޭރު މުއާމަލާތް ކުރަމުންދިޔަ އަގު ވެއްޓިފައި އޮތް އޮތުން ރަނގަޅުކޮށް އެ ބޮންޑުގެ ކޫޕަން ރޭޓްކަމަށްވާ ހަތް އިންސައްތައާ ގާތަށް އީލްޑް ގެންދެވުނު ކަމަށެވެ. 

 2021 ވަނަ އަހަރުގެ ބަޖެޓު މިހާރު ޑެފިސިޓް ވާނެކަމަށް ބެލެވެނީ 12.8 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. 

"2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު މިއަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދު ހުންނާނެ ކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި. މިއީ ޖީޑީޕީގެ ނިސްބަތުން 122 އިންސައްތަ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް