ads
2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ-- ފޮޓޯ: މަޖިލިސް
މަޝްރޫއުތައް ހިންގާނީ ރައްޔިތުން ބޭނުންވާ ހުރިހާ ބަދަލުތަކެއް ގެނެސްގެން: އަސްލަމް
އަތޮޅުތެރޭގެ ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގާނީ، ރައްޔިތުން ބޭނުންވާ ބަދަލުތަކެއް ގެނައުމުގެ ފުރުސަތު އަބަދުވެސް ލިބޭ ގޮތަކަށް ކަމަށް މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން އިތުރު މަގުތަކެއް ހިމެނިދާނެތޯ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކީ އެރަށެއްގެ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ކުރެވޭނެ މަސައްކަތްތަކެއް ކަމުގައެވެ.

ގިނަ ފަހަރަށް ބަޖެޓްކޮށްގެން ވަކި ގޮތަކަށް މަސައްކަތް ކުރުމަށް ރޭވިފައި ވީނަމަވެސް މަސައްކަތް ފެށި ކުރިއަށްދާ ވަރަކަށް ރައްޔިތުން ހުށަހަޅާ ކަންކަމާއި، ދޭ ޚިޔާލުތަކާއިއެކު ޕްރޮޖެކްޓަށް ބަދަލު ގެނެސް ބަޖެޓު އިތުރުކުރަންޖެހޭނަމަ އެކަން ކޮށްގެންވެސް މަސައްކަތް ކޮށްފައިވާކަމަށެވެ. އެގޮތުގެ މަތީން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުގައިވެސް އިތުރު މަގުތަކެއް ހެދުމަށް ރައްޔިތުން ބޭނުންވާނަމަ އެފުރުސަތު ސަރުކާރުން ތަނަވަސް ކޮށްދެއްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެއްވެސް ރަށެއްގައި މަސައްކަތް ކަނޑައަޅައި ކުރިއަށްގެންދާއިރު، އޮތް މިންވަރަކަށް ނޫން މަސައްކަތް ނިމިގެންދަނީ. އަބަދުވެސް އިތުރު ކުރާނެ. ބަޖެޓަށް ބަދަލު ގެނެސްގެންވެސް ރައްޔިތުން ބޭނުންވާ ގޮތަށް އެކަންކަން ވެގެންދަނީ." އަސްލަމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 18 މަގެއްގައި ތާރު އެޅުމުގެ އިތުރުން ނަރުދަމާގެ މަސައްކަތް ކުރުމަށް ކޮނެފައިވާ މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫގެ ބޮޑުމަގު އަލުން އެއްވަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުއަށް 134 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދު ކުރެއެވެ. 

އަތޮޅުތެރޭން މާލޭ މީހުންނަށް ބިން ދިނުމާއި ގުޅޭގޮތުންވެސް އަސްލަމް ވަނީ މީގެ ކުރިން މަޖިލީހުގައި ވާހަކަފުޅު ދައްކާފައެވެ. 

އެގޮތުން ރަށްރަށުން ހިއްކާ ބިމުގެ 30 އިންސައްތައިގެ 30 އިންސައްތަ ބިން ވިއްކުމަށް ފަހު އެ ފައިސާ ކައުންސިލުގައި ބެހެއްޓުމަށް ވެސް ހުށަހެޅި ކަމަށް އަސްލަމް ވިދާޅުވިއެވެ. ކައުންސިލްތަކުން އެކަމަށް ދެކޮޅު ހަދާއިރު މިހާރު މައި ސަރުކާރުން ކައުންސިލްތަކަށް ބާރުއަޅައިގެން ކަންކަން ނުކުރެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"މާލޭ މީހަކު ރަށަކަށް ދާން ބޭނުންވަންޏާ ގޯއްޗެއް ދެއްވާށޭ. މާލެ ތަރައްގީވީ މާލޭ މީހުންނެއް ނޫން. ރަށްރަށުން މީހުން އައިސްގެން. ހަމައެގޮތަށް ރަށްތަށް ތަރައްގީވާނީ އެހެން ރަށްރަށުން އެރަށަށް މީހުން ގޮސްގެން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ރާއްޖޭގައި ބިމާއި މެދު ވިސްނަނީ ވަރަށް ސަރަހައްދީ ގޮތެއްގައި ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފާހަގަކުރައްވާފައެވެ. ޖާގަ ހުރި މިންވަރަކުން އެހެން ރަށްރަށުގެ މީހުންނަށް ރަށްރަށުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް