ހއ. އަތޮޅު އިހަވަންދިއްޕޮޅު ސަރަހައްދުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމްކޮށް މެރިޓައިމް ސިނާއަތެއް އުފައްދަން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ހަލީމް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމުގެ ޚިޔާލާތު އައީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ފެށި ގިނަ މަޝްރޫއުތައް ދެން އައި ދެ ސަރުކާރުން ކުރިއަށް ނުގެންދިއުމުން ރައްޔިތުންނަށް ވަރަށް ބޮޑު އެއްޗެއް ގެއްލިގެން ކަމަށް ހަލީމް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އަމާޒުކޮށް، މިއަދުގެ ޖަލްސާ އަށް ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުން، ރާއްޖޭގައި ވެރިކަން ހިންގުން ރިޔާސީ ނިޒާމަކަށް ބަދަލުކުރަން އިސްވެ ވަކާލާތު ކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ހުންނެވި ހަލީމް ވިދާޅުވީ، ބަޖެޓުގައި ހުރިހާ މަޝްރޫއެއް ނުހިމެނޭނެ ކަމަށާއި ހިމެނޭ މަޝްރޫއުތައް ވެސް ނުނިމޭ ފަހަރު އަންނާނެ ކަމަށެވެ.
އަދި ބަޖެޓުގައި ހުންނަ ކަންކަން ތަންފީޒު ކުރުމަށް ވެސް ސަރުކާރުގައި އާދޭސް ކުރަންޖެހޭ ކަމަށާއި މިނިސްޓްރީގެ މަސައްކަތްތައް ލަސް ކަމަށް ހަލީމް ވިދާޅުވި އެެވެ.
ހަލީމް ވިދާޅުވީ އަވަސް ތަރައްގީގެ ދުވެލިއެއް ރައްޔިތުންނަށް ގެނެސްދެވޭނީ ރައްޔިތުން އިންތިޚާބުކޮށްގެން މަޖިލީހަށް ވަންނަ މެންބަރުންނަށް ވަޒީރު ކަން ދެވޭ ގޮތަށް ނިޒާމުބ ބައްޓަން ކުރެވިގެން ކަމަށެވެ.
"މުޅި ބަޖެޓު ދިނީމާ އޭގެ ދެބައިކުޅައެއްބައި ބަޖެޓު ވަދެގެން ދަނީ ވަޒީރުންގެ ޖީބަށް. އަޅުގަނޑު ނުދަންނަވަން އަދި މި ސަރުކާރުގެ ވަޒީރުން އެ ވަރަކަށް ކެއި ވާހަކައެއް،" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވިގޮތުގައި، މަޖިލީހަށް ކިތަންމެ ބޮޑު ގަރާރެއް ހުށަހެޅިޔަސް، ވަޒީރުން ތިއްބަވައިގެން މިހާރު ރާއްޖޭގައި އޮތް ރިޔާސީ ނިޒާމުގައި ގައުމު ތަރައްގީއެއް ނުކުރެވޭނެ އެވެ. އެހެންވެ، އެންމެ މުހިންމު ކަމަކީ އެ ނިޒާމު ބަދަލުކޮށް، މުޅިން އެހެން ގޮތަކަށް ފެށުން ކަމަށް ވިދާޅުވި އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަޒީރުން އިންތިހާބު ކޮށްގެން މަޖިލީހުގެ ތެރެއިން ތަރައްގީ ގެންނަން މަސައްކަތް ކުރަންޖެހޭ ކަމަށް ހަލީމް ވިދާޅުވި އެވެ.