ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކަނޑައެޅުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.
ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ގަވަރުނަރުނަރާއި، އޮޑިޓަރ ޖެނެރަލް ދެކޭ ގޮތް ސާފު ކުރުމަށް ލިޔުމުން ހޯދަން ވަނީ މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައެވެ. އަދި މިލިޔުންތައް ލިބުމަށްފަހު ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލް އާއި ބައްދަލު ކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިވަން މުވައްސަސާތަކުން ބަޖެޓާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް 5 ދުވަސް ތެރޭގައި ހިއްސާ ކުރުމަށް ދަންނަވަން ވަނީ ފާސްކޮށްފައެވެ.
މިބައްދަލުވުމުގައި ވަނީ ބަޖެޓް ކޮމެޓީއަށް ލިބޭ މައުލޫމާތުތަކާއެކު އަންނަ އަހަފްތާގެ ހޯމަ ދުވަހު ކޮމެޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ޚަރަދުގެ ގޮތުގައި ކަނޑައެޅިފައިވަނީ 34 ބިލިއަން ރުފިޔާ އަދި ދަރަނި ދެއްކުމަށް ކަނޑައެޅިފައިވަނީ 2.9 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާޚޮށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ ތަޅުމުގައި ބަޖެޓުގެ ބަހުސް ފެށުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވުހުއެވެ. އަދި ކޮމެޓީން ބަޖެޓު ދިރާސާކޮށް، މި 18 ވަނަ ދުވަހު ތަޅުމަށް ހުށަހެޅުމަށް ވަނީ މުއްދަތު ކަނޑައަޅާފައެވެ. ކޮމެޓީ ރިޕޯޓަށް 22 ވަނަ ދުވަހު ބަހުސް ފަށައި ޑިސެމްބަރުގެ ކުރިން ބަޖެޓް މަޖިލީހުން ފާސް ކުރުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ.