ads
އުދައްޔު: ފޮޓޯ އާއިލާ
އެކަށީގެންވާ ޖަލެއް ނެތްކަމަށް ބުނެ އުދައްޔު މަރާލިކަމަށް ބުނާ ކުއްޖާ ގޭ ބަންދަށް!
ގއ. މާމެންދޫގައި މިދިޔަ މާޗު މަހުގެ އަށް ވަނަ ދުވަހުގެރޭ މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ ދައުވާ ލިބޭ ކުޑަކުއްޖާ، ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތްކަމަށް ބުނެ ޖުވެނައިލް ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
Advertisement

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެކުއްޖާ ގޭ ބަންދަށް ބަދަލު ކުރަން ޖުވެނައިލް ކޯޓުން އަމުރުކޮށްފައިވަނީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް މިވަގުތު ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާތީ އެކަމަށް ރިއާޔަތްކޮށް ކަމަށެވެ.

ކޯޓުން ބުނާގޮތުން ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނެތްކަމަށް ބުނެ އެފަދަ ޖަލެއް ގާއިމުކުރުމަށް އެޗްއާރުސީއެމުން ދިން މުއްދަތުގައި އެކަން ނުކުރެވޭނެކަމަށް ކަރެކްޝަންސްއިން ކޯޓަށް ވަނީ އަންގާފައެވެ. އެހެންކަމުން ކޯޓުން ނިންމީ މަރުގެ ދައުވާ ލިބޭ ކުއްޖާ ގޭބަންދަށް ބަދަލުކުރުމަށެވެ. 

އެކަށީގެންވާ ޖަލެއް ނެތިގެން މަރުގެ ދައުވާ ލިބޭ ކުއްޖަކު ގޭބަންދަށް ބަދަލުކުރުމުން ޕީޖީ އޮފީހުން ބުނީ، އެ ނިންމުމާ މެދު އަމަލު ކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. 

މާމެންދޫގައި ދެކުދިންނާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެކުދިންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަށް ލިބި، އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން 17 އަހަރުގެ އަދުއްޔު މަރުވި މައްސަލާގައި 18 އަހަރުން މަތީގެ ތިން މީހަކާއި 18 އަހަރުގެ ކުއްޖަކަށް ދައުވާ ކުރަން ފޮނުވިއެވެ. 

ދައުވާ ކުރާ 18 އަހަރުގެ ކުއްޖާއަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. 

އުދައްޔުގެ މަރުގެ މައްސަލާގައި ފުލުހުން ފަސް މީހަކު ހައްޔަރު ކުރިއެވެ. އެގޮތުން އެންމެ ފުރަތަމަ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތިން މީހެކެވެ. އެއީ 27 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ފުލުހުން ފަހުން ވަނީ އެމައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ އުމުރުން 25 އަހަރުގެ މީހަކާއި އުމުރުން 18 އަހަރުގެ ކުއްޖެކެވެ. 

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް