އެ ބަތަލަކަށް މުޅި ދިވެހިރާއްޖެ ފަހްރުވެރިވާ، ހދ. ކުޅުދުއްފުށީ މާވާގެ އުމުރުން 20 އަހަރުގެ ޒުވާން ކޯޕްރަލް ހުސައިން އާދަމް އެވަގުތު ހުންނެވީ ސިފައިންގެ މައި ގޭޓް ހުޅަނގުފަރާތުގައި ފޯރިއަށެވެ.
ދުޝްމަނުންގެ ފަރާތުން ފުރަތަމަ ހަމަލާ ދޭއިރަށް ކުޅަދާނަ ހުސައިން އާދަމް އޭގެ ރައްދު ދިނެވެ. ހުޅަނގުފަރާތުގައި ހުރި ސެނގަރު ތެރެއަށް ވަދެ ކަވަރުނަގައި ދުޝްމަނުންނަށް ކެނޑިނޭޅި ހަމަލާތައް ދެމުންދިޔައެވެ.
އޭރު ސިފައިންގެ ތެރޭގެ ދިފާއީ ޑިއުޓީ ޕޮއިންޓްތަކަށް މީހުން ބަހާލައި ކަންތައްތައް ހަމަޖައްސާލަން ފުރުސަތު ލިބުނީ ކުޅަދާނަ ހުސައިން އާދަމް ގެ ސަބަބުންނެވެ. މާލަސްތަކެއް ނުވެ ހުސައިން އާދަމް ގެ އަތުން ވަޒަން ހުސްވިއެވެ. އެހެންނަމަވެސް ވަރުގަަދަ އަޒުމަށް ބަދަލެއް ނާދެއެވެ. އިތުރު މެގަޒިނެއް ދިނުމަށް އެދެމުންދަނިކޮށް ދުޝްމަނުންގެ ހަމަލާތަކުން އެރި ވަޒަން ތަކުން ހުސައިން އާދަމްގެ މެޔާއި ހަށިގަނޑު ދިމަދިމާއިން ފޫއަޅުވައިލިއެވެ. އެހިނދު ސިފައިންގެ މައި މަރުކަޒުގެ ފާރު އޭނާގެ ޝަހީދީ ލެއިން ތެންމާލައި، ޝަހީދުވީ މިލޮބުވެތި ވަތަން މިނިވަންކަމަށްޓަކައި ކުރަމުންދިޔަ މަތިވެރި ޖިހާދަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައެވެ.
މިއީ އޭގެ 33 އަހަރު ފަހެވެ. އަބަދުވެސް އެކި މުނާސަބަތުތަކަށް ހާއްސަކޮށް އާދަޔާ ހިލާފު މޮޅު ފޮޓޯތައް ނަގާ އާއްމުންނާއި ހިއްސާ ކުރާ ޒުވާން ފޮޓޯގްރަފަރު ނައުޝަމް ވަހީދު މިއަދު ކިޔާދެނީ އޭނާގެ ކެމެރާގެ ލެންސަށް އެރި “ޝަހީދު ހުސެއިން އާދަމްގެ ފަހަރުވެރި މައިންބަފައިން” ގެ ތާރީހީ ފޮޓޯގަނޑާއިއެކު އެދުވަހުގެ ވާހަކަައެވެ. މައެއްގެ އިހުސާސްތަކެވެ.
ނައުޝަމަށް ޝަހީދު ހުސެއިން އާދަމްގެ މަންމަ ކިޔައިދިން ގޮތުގައި ދަރިފުޅު ޝަހީދުވިކަން އެގުނީ ތިން ދުވަސް ފަހުންނެވެ.
އެ ޒަމާނަކީ ހަބަރުގެ ވަސީލަތްތައް މަދު ދުވަސްވަރެއްކަމުން ކަމެއް ހިނގިޔަސް ނޭގި ހުރެދާނެއެވެ.
އެކަމެއް ހިނގީ ބުރާސްފަތި ދުވަހެއްގައެވެ. ރަށުގައި ކާއެެއްޗެއް ނުލިބިގެން މީހުންތައް ދުވަން ފެށުމުންވެސް ވެގެން އުޅޭ ގޮތެއް އޭރު ނޭނގޭ ކަމަށް ހުސައިން އާދަމްގެ މަންމަ ކިޔައިދިނެވެ. ނަމަވެސް އޭރުވެސް ފާޑަކަށް އުދަނގޫވެފައި ހުންނާތީ ވެގެން އުޅެނީ ކީއްތޯ އޮޅުން ފިލުވުމަށް ފިރިމީހާ ކަައިރީ އެހިކަމަށް އޭނާ ބުނެއެވެ. ނަމަވެސް ވެގެން އުޅެނީ ކީއްކަމެއް ނޭނގުނެވެ.
ޖެހިގެން އާ ހުކުރު ދުވަހުވެސް އުނދަގޫތަކެއްވެ، ހިތުގެ ހާސްކަން ނުފިލާ ހުންނާތީ، ހުސެއިން އާދަމްގެ ބައްޕަ މަސައްކަތް ކުރަނީ ސަރުކާރުގެ ފިހާރައެއްގައި ކަމުން ވެގެން އުޅޭގޮތެއް އޮޅުން ފިލުވައިގެން އައުމަށް އެދުނެވެ.
ހަބަރު ހިފައިގެން އައީ ހޮނިހިރު ދުވަހު އެކެއް ޖަހާލާއިރު އެެވެ. އޭރު ހުސައިން އާދަމްގެ މަންމަ އިނީ ގޭގައި އަތްގާތްކޮށްދެން އުޅޭ ކުއްޖަކާއިއެކު ހަނޑޫ ހޮވާށެވެ.
ހުސެއިން އާދަމްގެ ބައްޕަ ގެއަށް އައިސް ވަނީ މޮޅިވެރިކަމާއިއެކުއެވެ. ވީ ކީއްތޯ އެހުމުން ބުނީ “އަހަރެމެންގެ ދަރިފުޅު ޝަހީދުވެއްޖެ”ކަމަށެވެ.
އެ ހަބަރާއިއެކު އިތުރަށް ވީ ކީއްކަމެއް ނޭނގުނުކަމަށާއި ހޭނެތިގެން ވެއްޓުނީކަމަށް މަންމަ ކިޔައިދީފައިވެއެވެ. ހުސެއިން އާދަމްގެ މަންމަ ހޭނެތުނު ގޮތަށް 10 ދުވަސް ވަންދެން އޮތީ ހޭނާރަަައެވެ.
މިހާދިސާއަށްފަހު ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިން މާލެ ދިޔައީ އޭގެ 13 އަހަރު ފަހުންނެވެ. އެއީ އޭރުގެ ރައީސް މައުމޫން އަންގަވައިގެންނެވެ.
ދަރިފުޅުގެ ވާހަކަ ރައީސް ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ނަމަވެސް އޭރު ޝަހީދު ހުސެއިން އާދަމްގެ ވާހަކަ ދެއްކުމަކީ މަޔަކަށް ފަސޭހަކަމަކަށް ނުވިއެވެ.
ޝަހީދު ހުސެއިން އާދަމްގެ މަންމަ ބުނިގޮތުގައި އެންމެ ކުޑައިރުވެސް “ތީރު” ހަދައިގެން ތީރު ޖެހުމަށާއި، ހެވިކަމުގެ އުކުޅުތައް ދަސްކުރުމަށް އާދަޔާ ހިލާފު ޝައުގުވެރިކަމެއް ހުސެއިން އާދަމް ގެންގުޅުއްވިއެވެ.
އެެހެންކަމުން އޭނާ ސިފައިންގެއަށް ވަނުމުން އެކަމާއި މަންމަ ހައިރާނެެއް ނުވެއެވެ. ނަމަވެސް މިފަދަ ދުވަހަކާއި ބައްދަލުކުރަން ޖެހިދާނެކަމަށް އެއްވެސް ވަރަކަށް ތައްޔާރުވެވިފައި ނުވާކަމަށް މަންމަ ބުންޏެވެ.
ކޯޕްރަލް ހުސައިން އާދަމް އުފަންވީ 1968 ވަނަ އަހަރު ހދ. ކުޅުދުއްފުށީ މާވާގޭގައެވެ. ސިފައިންގެ ހިދުމަތާ ގުޅުނީ ނުވައެއް މެއި 1984 ގައެވެ. 1986ވަނަ އަހަރު ސިފައިންގޭގައި އެންމެ ފުރަތަމަ ޓާސްކްފޯސް ކޯހުގައި ބައިވެރިވެ އެތަމްރީން ފުރިހަމަ ކުރިއެވެ. ފުރަތަމަ މަސައްކަތް ކުރީ ޑިއުޓީ ސެކްޝަނުގެ ފޯރިމަރާ ބައިގައެވެ. އެއަށްފަހު ހައެއް ޖޫން 1987 ން ފެށިގެން މަސައްކަތް ކުރަމުން ގެންދިޔައީ ޓާސްކްފޯސް ގައެވެ.
ސިފައިންގެ ހިދުމަތުގައި ހަތަރު އަހަރާއި ފަސް މަސް ހޭދަކޮށް ޝަހީދުވިއިރު އުމުރަކީ 20 އަހަރެވެ.
ކޯޕްރަލް ހުސައިން އާދަމް އަށް ނިސްބަތްވާ ގޮތަށް ސަރުކާރުންވަނީ “ޝަހީދު ހުސައިން އާދަމް ބިލްޑިން” ގެ ނަމުގައި އިމާރާތެއް ބިނާކުރައްވާފައެވެ. އަދި ސަރުކާރުން އޭނާގެ މަތިވެރި ހިދުމަތް ފާހަގަ ކުރައްވާ ޑިފެންސް މިނިސްޓްރީންނާއި ސިފައިންގެއިން އޭނާގެ މައިންބަފައިންނާއި މެދު ހާއްސަގޮތަކަށް ބައްލަވައި މިހާރުވެސް އެހީތައް ވެދެއްވައެވެ.
ޝަހީދު ހުސެއިން އާދަމްގެ ނަމަކީ މިދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު އެއްވެސް ދިވެއްސެއްގެ ހިތުން ފިލައިގެންދާނޭ ނަމެއް ނޫނެވެ. އެހަށިގަނޑުން ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ގުރުބާނީގެ ލެޔަކީ ހަނދާން ނައްތާލެވޭނެ ލެޔެއް ނޫނެވެ.
ކުރި ސިފަވަންތަ ޖެހިލުންކުޑަ ހިތްވަރަކީ ދިވެހިފަސްގަނޑުން ފޮހެވިގެންދާނެ ހަނދާންތަކެއް ވެސް ނޫނެވެ.
އެއީ އެދަރިއަކަށްޓަކައި މުޅި ގައުމު ފަހުރުވެރިވާ ބަތަލެކެވެ. ޝަހީދު ހުސައިން އާދަމްގެ ފުރާނައަށް ބަރަކާތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.