އެކަން ހާމަކޮށް ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނީ އެކޮމިޝަނުން ތަަހުގީގުކުރަމުންދާ މައްސަލާގައި ވަކިގޮތެއް ކަނޑައަޅަންދެން، ވަގުތީގޮތުން 60 ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، ޤާޒީ ހުސައިން ފާއިޒް އަންގަން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ޤާޒީ ހުސައިން ފާއިޒުގެ އަޑާ ދިމާވާތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ރައީސް ޔާމީންނަށް އިއްވި ހުކުމާ ގުޅޭ ތިން ގާޒީ އެއްގެ އޯޑިއޯއެއް ކަމަށް ބުނާ ރިކޯޑިން އެއް ވަނީ ލީކް ވެފައެވެ. ޖޭއެސްސީގެ އެދުމުގެ މަތިން ފުލުހުން ވަނީ އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއެއް ހަދައިފައެވެ.
އެއަށްފަހު ޖޭއެސްސީން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ލީކުވި އޯޑިއޯ ތަކުން ހަމައެކަނި ކަށަވަރުވަނީ ކުރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ އަޑު އެކަނި ކަމަށް ބުނެފައެެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑުކަމަށް ބުނާ އޯޑިއޯ ތަކުގައި އިވެނީ އެ ދެ ގާޒީންގެ އަޑު ނޫން ކަމަށާއި އެ ދެ ގާޒީންގެ މައްޗަށް އުފައްދާފައި ވަނީ ދޮގު ތުހުމަތު ތަކެއްކަން ފާހަގަކޮށް، އެ ދެ ގާޒީންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް ވަނީ ނިންމައިފައެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ، ފޮރެންސިކް ތަހުގީގަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕާކޮށް ރެކޯޑިންގައި ވާ ވަކި ބައެއް ޑިލީޓުކޮށް ނުވަތަ ވަކި ކްލިޕުތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ.
ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އަހްމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑް ކުރުމަށް ފަހު އެމައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.
އެދުވަހު ބެންޗުގައި އިންނެވި ފަސް ގާޒީގެ ތެރެއިން ގާޒީ ހުސެއިން ފާއިޒް ރަޝާދު އޭނާގެ ރަހުމަތްތެރިއަކާއި ދެއްކެވި ކަމަށް ބެލެވޭ ވާހަކަތަކެއްގެ އޯޑިއޯއެއް ލީކުވެފައިވާއިރު، ރައީސް ޔާމީންއަށް އިވުނު ހުކުމަކީ ގާޒީ ތަކެއް ރަހީނުކޮށްގެން ބޭއިންސާފުން އިއްވާފައިވާ ހުކުމްތަކެއް ކަމަށް އެއޯޑިއޯގައި އޭނާ އެއްބަސްވެ ވާހަކަަދައްކާ އަޑުއިވެއެވެ.
އެފަދަ ހުކުމެއް އިއްވުމަށް ގާޒީއަކަށް މަޖުބޫރު ވާނެ ގޮތެއްގެ ގޮތުގައި ރަހުމަތްތެރިއާ ބުނާ އަޑުއިވެނީ އެއްގޮތަކީ "ވިކިފައި ހުރުން" ކަމަށެވެ. ނުވަތަ "ވަޒީފާގެ ބިރުވެރިކަން" ކަމަށެވެ.
އެކަމަށް ގާޒީ ފާއިޒު ވިދާޅުވެފައިވަނީ އޭގައި ތިން ވަނަ ގޮތެއް ވެސް އޮންނަ ކަމަށެވެ. އެއީ "ގާޒީން ރަހީނުކުރުން" ކަމަށް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ "ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް" ހުންނަ ކަމަށެވެ.
އެގޮތުން ރަހީނުކުރުމުގެ އަމަލެއް ހިންގުމަށް އޭނާ ގެ ގައިގައި އަތް ނުލިކަމުގައި ވީނަމަވެސް އެހެން މީހަކުވެސް ރަހީނުކޮށްގެން އެފަދަ އަމަލެއް ހިންގިދާނެ ކަމަށް ގާޒީ ފާއިޒު ވިދާޅުވިއެވެ. "މިސާލަށް މަގޭ ގައިގާ އަތް ނުލިޔަސް އެހެން މީހުންވެސް ތިބެއޭ" ގާޒީ ފާއިޒް ވިދާޅުވެފައި ވެއެވެ.
އެ "އެހެން މީހުންނަކީ" އަންހެނުންތޯ ރަހުމަތްތެރިއާ ސުވާލުކުރުމުން، "އަންހެނުންވެސް" ބުނާ އަޑު އިވުމާއިއެކު އެ ހުރިހާ އެއްޗެއް ކިޔާ ނުދެވޭނެ ކަމަށް ގާޒީ ބުނާ އަޑުވެސް އިވެއެވެ.
އޯޑިއޯގައި ގާޒީ ފާއިޒް ވިދާޅުވީ، ސިޔާސީ މީހުންނަށް ހުކުމް ކުރުމަކީ ވަރަށް ފާޑެއްގެ ކަމެއް ކަމަށެވެ. އެ ހުކުމަކީ ރަނގަޅަށް ކުރި ހުކުމެއް ނަމަ ރަނގަޅަށް ނިދާލެވެން ޖެހޭނެ ކަމަށާއި، އެ ހުކުމް އިއްވީ ނުބައިކޮށް ކަމަށް ވާނަމަ "ނުވެސް ނިދޭނެ" ކަމަށް ވެސް ފާއިޒް ވިދާޅުވިއެވެ.
ރައީސް ޔާމީން މައްސަލާގައި ހުކުމްކުރިއިރު އޭނާގެ އަމިއްލަ ރައްކާތެރިކަމަށްއަށްވެސް ވިސްނަން ޖެހުނު ކަމަށް ބުނާ އަޑުވެސް އެއޯޑިއޯއިން އިވެއެވެ. ހުކުމެއް ކުރުމަށްފަހު ވެރިކަން ކުރާ މީހުން ދަނީ ޖަލަށް ކަމަށް އަހަރެމެންނަށް ހީވިނަމަވެސް އެމީހުން ޖަލަށް ނުދާނެކަން ފާހަގަކުރައްވާ ފާއިޒު ވިދާޅުވީ އެހެންނަމަވެސް އެކަން އެނޫން ގޮތަކަށް ކުރެއްވިނަމަ "އަހަރެމެން" ދާނީ ޖަލަށް ކަމަށެވެ.
2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ފަސް ގާޒީންގެ ބެންޗުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާ އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެމަނިކުފާނު ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ހުކުމްކޮށްފައެވެ.