މިކަމާއި ގުޅިގެން، އުތީމު ކައުންސިލުން ބުނީ، ގައުމީ ތަރިކައާ ބެހޭ މަރުކަޒުގެ ލަފާގެމަތިން، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބޭފުޅުންނާއި އުތީމު ކައުންސިލް އަދި އުތީމު ޕޮލިސް ޑެސްކްގެ އެހީތެރިކަމާއި އެކު ރައްކާތެރިކަމާއި އެކު ވަޅު އެސަރަހައްދުން ނަގާ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށުގައި ރައްކާތެރި ކުރެވިފައިވާ ކަމަށެވެ.
މި ވަޅު ފެނިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އުތީމު ކައުންސިލުން މައުލޫމާތު ދޭގޮތުގައި މި ވަޅު ފެނިފައި މިވަނީ، އެ ރަށުގެ އުތުރު ފަރާތު ހުންނަ ތުނޑި ވަރަށް ބޮޑަށް ގިރުމުގެ ސަބަބުންނެވެ. އަދި ލަފާ ކުރެވޭ ގޮތުގައި މި ވަޅަށް އުތީމު ގަނޑުވަރަށް ވީހާ ދުވަހެއް ވެދާނެކަމަށާއި އެހެން ކަމަށް ވާނަމަ މި ވަޅަކީ މީގެ 500 އެއް ހާ އަހަރު ކުރީގެ ވަޅެއްކަމަށް ބެލެވޭ ކަމަށް އުތީމު ކައުންސިލުން މައުލޫމާތުދެއެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސީއެންއެމް" އަށް ވިދާޅުވީ މި ވަޅު ފެނިފައިމިވާ ސަރަހައްދަކީ، ބޮޑުތަކުރުފާނު ދޫނިހިއްޕަވަން ގޮސް އުޅުއްވި ސަރަހައްދު ކަމަށްވެއެވެ. އަދި މި ނޫނަސް އެ ސަރަހައްދުން މީގެ ކުރިންވެސް ވަނީ މިފަދަ އާސާރީ ބައެއް ތަކެތި ފެނިފައެވެ. އެގޮތުން ސީނު ތައްޓާއި ރުނބައި ފަދަ ތަކެތި އެ ސަރަހައްދުން މީގެ ކުރިންވެސް ފެނިފަވާ ކަމަށް އުތީމު ކައުންސިލުން މައުލޫމާތުދެއެވެ.
ހިރިގަލުން ހަތަރެސްކަނަށް ކަނޑައިގެން ހަދާފައިވާ މި ވަޅަކީ އާދައިގެ ކުޑަ ވަޅެއް ކަމަށާއި މި ވަޅުގެ ފުންމިން އަދި ނޭގޭ ކަމަށްވެސް އެ ކައުންސިލުން މައުލޫމާތުދެއެވެ. މީގެ އިތުރުން ކައުންސިލުން ބުނީ މި ވަޅު ފެނުނު ސަރަހައްދުގައި ވަޅު ބަހައްޓައިގެން އެ ވަޅު ހިމާޔަތް ކުރެވިދާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި، ވަޅު ހުރި ސަރަހައްދުގައި ވަޅު ބަހައްޓައިފި ނަމަ އެ ވަޅު މޫދައް ދޫވެގެން ދިއުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި ވަޅު ފެނުމާއެކު ހެރިޓޭޖް ސާވޭގެ ބޭފުޅުން އުތީމަށް ގޮސް އެކަމާއި ގުޅޭ ސާރވޭއެއް ކޮށްފައިވެއެވެ.
އެއީ ވެލިގާ ވަޅަކަށް ވެފައި، ވަޅަށް އިތުރު ގެއްލުންތަކެއް ލިބިދާނެތީ އެކަންތައްތަކަށް ވެސް ވަނީ ބަލާފައެވެ.