ads
އދ. އޮމަދޫ ދެކުނު ފަރާތުގައިވާ ފާލަން މަތިން ދެ ޓޫރިސްޓުން ހިނގާފައި އަންނަނީ
ބޮޑު ކަންނެލީގެ މަސްވެރިކަން ދޫކޮށް އޮމަދޫ ޓޫރިޒަމްގެ މަންޒިލަކަށް
(އދ. އޮމަދޫ) ބޮޑު ކަންނެލީގެ މަސްވެެރިކަމުގައި މުޅި ރާއްޖެ އަށް ފާހަގަ ކުރެވޭ މި ރަށް ކުރިއަށް އޮތް ތަނުގައި މުޅި ދުނިޔެ އަށް ހުޅުވިގެން ދާނީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގަ އެވެ.
Advertisement

ރަތް ވިލާތައް އުދަރެހަށް އަރަމުން ދިޔައިރު، ރަށުގެ ދެކުނު ފަރާތު ދިގު ފާލަން މަތީގައި، ޓޫރިސްޓުން ތިބީ މިޔަރާއި މަޑިތަށް ތިލަ ވާނެ އިރެއްގެ އިންތިޒާރުގަ އެވެ. ރަށުގެ އިރު ދެކުނު ފަރާތު ދޮންވެލިގަނޑު ފުޅި ބައްތީގެ އަލިން ދިއްލާފައި އޮތީ ފިލިޕިންސް އާއި އެމެރިކާ ލޯބީގެ ޖޯޑެއްގެ ދިވެހި ވަންތަ ރަމްޒީ ކައިވެނީގެ ރަސްމިއްޔާތަށެވެ. އެކުވެރި ބަޔަކު ދިރިއުޅޭ 21 ހެކްޓަރުގެ މި ރަށަަށް ޓޫރިސްޓުން ހިތް ވަނީ ޖެހިފަ އެވެ.

ކަންނެލި އޮޑިން މަހެއްގެ މައްޗަށް އެވްރެޖްކޮށް މަހަކު ލިބުނު ދިިހަ ހާސް ރުފިޔާގެ އާމްދަނީ ދޫކޮށްލައިފައި ހަސަން ނާއިފް ފޭބީ އަމިއްލަ ގެސްޓް ހައުސްއެއް ހުޅުވާށެވެ. ހަ ކޮޓަރީގެ "ގްރީން ލީފް (ފެހި ފަތް) އާ މެދު އޭނާ ކުރަނީ ފޮނި އުންމީދެކެވެ.

"އާއިލާގެ އެހީތެރިކަމާ އެކު ގެސްޓް ހައުސް މި ހުޅުވީ. އަންހެންވެރިންގެ ބުރަ މަސައްކަތުން ރަށަށް "ފެހި ފަތް" ލިބިފައިވާތީ ރަށާ ގުޅުވާލަންވެގެން  ގްރީން ލީފް ކީ،" ގްރީން ލީފުގެ ވެރިޔާ ނާއިފް ވިދާޅުވި އެވެ. "ކަންނެއްޔަށް ގޮސް ކަނޑުމަތީ އުޅުމަކީ ބުރަ ކަމެއް. މިހާރު ރަށުގައި ހުރެވިފައި ރަނގަޅު އާމްދަނީ އެއްވެސް ލިބޭނެ."

ނާއިފް ހުންނެވީ ކެފޭ އަކާއި އެކު ދެ ބުރިއަށް ހަދާފައިވާ ގެސްޓު ހައުސް އަށް އާ އަހަރާއި ދިމާކޮށް ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕް އަންނާނެތީ އެ ހިތްހަމަ ޖެހުމުގަ އެވެ.

މާލެ އިން ލޯންޗުގައި ދޮޅު ގަޑިއިރުން އާދެވޭ ހިސާބު ކައިރީގައި އޮތް މި ރަށުގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި "ޓާޓަލް މޯލްޑިސް" ގެސްޓް ހައުސް ހިންގާ ކުންފުށީގެ އެއް ޑައިރެކްޓަރު އަލީ ނިޔާޒް ވިދާޅުވި ގޮތުގައި އޭނާގެ ގެސްޓް ހައުސް އަށް އެންމެ ގިނައިން އަންނަނީ ޕޮލެންޑުގެ އުމުރުން ދުވަސްވީ ޓޫރިސްޓުންނެވެ.

"... ޓްރެވަލް އެޖެސީ އަކުން ޗާޓަރު ފްލައިޓެއްގައި އަންނަ ޓޫރިސްޓުން. ކައިރީ މިއޮތް ހަންޏާމީދޫގައި ހަތަރު ރޭ، މި ރަށުގައި ދެ ރޭ ތިބޭ ގޮތަށް. ވޭލް ޝާކް މަންޓާ ރޭ ބަލަން ވެސް ވަރަށް ގިނަ މީހުން މި ރަށަށް އާދޭ،" ހަ ކޮޓަރީގެ ގެސްޓް ހައުސް ހިންގަވާ ނިޔާޒް ވިދާޅުވި އެވެ.

ގެސްޓު ހައުސް ހިންގާ އެހެން ރަށްރަށާއި ހިލާފަށް، މީގެ 10 ވަރަކަށް އަހަރު ކުރިން ޓޫރިޒަމް ފެށި މި ރަށް "ސަޅި" ވާ ވަރަށް ގިނަ ސަބަބު ތަކެއް އެބަހުއްޓެވެ. ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވި ގޮތުގައި "ޓޫރިސްޓަކު ބޭނުންވާ ހުރިހާ ކަމެއް މި ރަށުން ތަޖުރިބާ ކޮށްލެވޭނެ،" އެވެ.

"ގެސްޓް ހައުސްތައް ހާއްސަ ވެފައި މިވަނީ ތަފާތު އެކި ކަންކަމަށް. ޕިކްނިކް އައިލެންޑާއި، ބުފޭ ނައިޓް ހަދައި ޕާޓީ ވައްތަރު ވެސް އެބަ އޮތް. ދެ ޑައިވް ސެންޓަރުގެ ވެސް އެހުރި. ކޯސްތައް ވެސް ހިންގާ. ދިވެހި ގޮތަށް ވެޑިން ވެސް ދޭތެރެ ދޭތެރެއިން ބާއްވާ. ދެ ހާސް ޑޮލަރަށް ވެސް ވެޑިން ބާއްވާފައި އެބަހުރި. ބައެއް ވެޑިންތައް އެއަށްވުރެ ވެސް އަގު ބޮޑުވާނެވެ،" އާދިލް ވިދާޅުވި އެވެ.

މި ރަށަށް ޒިޔާރަތްކުރި ޓޫރިސްޓަކު ޓްރިޕް އެޑްވައިޒާގައި ބުނެފައިވާ ގޮތުގައި އެއްފަހަރު ރާއްޖޭގެ ރިސޯޓަކަށް އައިސްފައިވާ މީހަކަށް، ދަތުރުގެ ތަޖުރިބާ ގައި މަދުވާނެ އެއްޗަކީ ޔަގީނުން ވެސް އޮމަދޫ އެވެ.

"ތަރަށްގީ ނުވެ އޮތުން، އެއްވެސް ގޮތަކުން ގޯސް މާނަ އެއްގަ ނޫން؛ އެ ތަފާތު ތަޖުރިބާ ކޮށްލެވޭނީ އޮމަދޫ އިން. މީހުންގެ ދިރިއުޅުމާއި ކެއުމާއި ކޮޓަރިތަކުގެ ސާފުކަން ވެސް ވަރަށް ރަނގަޅު. އަދި އެހާ ކައިރީގައި ދެ ފަރާތުގައި ވެސް ބީޗް އެހާ އޮވޭ،" ޓޫރިސްޓުންނަށް ހާއްސަ ކޮށްފައިވާ ބީޗެއް ވެސް އޮންނަ މި ރަށާއި ބެހޭ ގޮތުން ޓޫރިސްޓަކު ބުނެފައި ވެ އެވެ. "ޓޫރިސްޓަކު ހިތްހަމަ ޖައްސައިދިނުމަށް ކުރެވޭނެ ހުރިހާ ކަމެއް އެމީހުން ކުރޭ."

ސްޕޭންގެ ޓޫރިސްޓެއް ކަމަށްވާ ޑޭވިޑް ބުނީ އެ މީހުން މިރަށަށް އައީ މިރަށުގެ ފަރާއި ބެހޭ ގޮތުން މީހުން އިންޓަނެޓްގައި ލިޔެފައިވާ ލިޔުންތައް ރަނގަޅު ވީމަ ކަމަށެވެ.

"ރިވިއު ކިޔާފައި އައީ. ވަރަށް ރީތި ފަރެއް މި ރަށުގައި އޮންނަނީ. އެތަނުން ހުރިހާ އެއްޗެއް ފެނޭ،" ޑޭވިޑް ބުންޏެވެ.

އާދިލް ވިދާޅުވި ގޮތުގައި ފަރު މަރުނުވެ މުއްސަނދިކަން މަތީގައި އޮތުމުގެ އެންމެ ބޮޑު ސިއްރަކީ މީގެ ފަނަރަ ވަރަކަށް އަހަރު ދުވަސް ކުރިން ފެށިގެން އަޅި އާއި ދެލި ފަދަ ތަކެތި ރަށުގެ މޫދަށް އެޅުން ހުއްޓާލައިވައި ވުމެވެ. އާދިލް ވިދާޅުވި ގޮތުގައި މި ރަށަށް ބޮޑެތި މުއްސަނދިންނާއި މަޝްހޫރު މީހުން ޗުއްޓީ ހޭދަކުރަން އައުމަކީ ޓޫރިޒަމްގެ މުސްތަގުބަލާ މެދު އުންމީދު އާކޮށްދޭ ކަމެވެެ.

ސްކޫބާ އިން އާއި ޑްރިޕްޓް ޑައިވާސް ގެ މޭނޭޖަރު އަލީ ފިކްރީ ވިދާޅުވި ގޮތުގައި އިންޑިއާގެ ޑައިވަރުންނާއި މަޝްހޫރު ފިލްމު ސްޓާރުން ވަރަށް ގިނައިން އެމީހުން ގެ މެހެމާންދާރީ ލިބިގަނެ އެވެ. ފުޅި އަޅައިގެން ފީނަން ލޯބިކުރާ މީހުން ހަތަރު ފަސް ފަހަރު މި ރަށަށް އަންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އޮމަދޫ ތިލައަށް ދެވަނަ ފަހަރަށް ވެސް ޑައިވް ކުރަން ބޭނުން ވާނޭ. ޑައިވް އެއްގައި ކުރެވޭނެ ހުރިހާ ތަޖުރިބާ އެއް އެ ތަނުން ކުރެވޭނެ. ސޮފްޓް ކޮރަލްސް ވަރަށް ގިނަ ވާނެ. ކޭވް ހުންނާނެ. ދަށުން ވަދެގެން ގޮސް ނުކުމެވޭ ގޮތަށް ހުންނަ ތަންތަން ހުންނާނެ. ވިއްސަކަށް މީޓަރު އަޑި އެއީ،" ގިނަ ޑައިވް ތަކެއް ކޮށަފައިވާ ފިކްރީ ވިދާޅުވި އެވެ.

އާދިލް ގެ ދެކެވަޑައިގަންނަވާ ގޮތުގައި ބޮޑު ކަންނެލީގެ މަސްވެރިކަމުގައި މުޅި ރާއްޖެއަށް ފާހަގަ ކުރެވިފައިވާ މި ރަށް ކުރިއަށް އޮތް ތަނުގައި މުޅި ދުނިޔެ އަށް ހުޅުވިގެން ދާނީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގަ އެވެ. މިރަށުގައި 11 ގެސްޓް ހައުސް އެއްގައި 110 އެނދު މިހާރު ހިންގަމުން ގެންދެ އެވެ. ގިނަ ގެސްޓް ހައުސްތައް ރެއަކަށް 50 އާއި 60 ޑޮލަރަށް ވިއްކާއިރު، ރެއަކަށް 100 ޑޮލަރަށްވުރެ މަތީ އަގުތަކުގައި ވިއްކާ ތަންތަން ވެސް އެބަހުއްޓެވެ.

"ކަންނެލި މަސްވެެރިކަން ކުރާ ދޯނި ފަހަރު މިދަނީ މަދުވަމުން. ގެސްޓް ހައުސް ހެދުމަށް އެއް ތަނަކުން ހަތަރު ގޯތި ހޯދަން ވެސް މީހަކު އެބަ ބަލާ. އެއް މިލިއަން ރުފިޔާ އަށްވުރެ ކުޑަކޮށް މިހާރު މި ރަށުން ބިމެއް ނުވިއްކާނެ،" އާދިލް ވިދާޅުވި އެވެ.

މާލެ އަތޮޅުގައި އޮތް ރަށަކަށް ނުވި ނަމަވެސް އުމްރާނީ ގޮތުން ފަހަތުގައި އޮތް މި ރަށަށް ހަލުވި މިނުގައި އަންނަމުންދާ އެންމެ ބޮޑު ބަދަލަކީ އަލަށް ހުޅުވާ ފެންވަރު ރަނގަޅު ގެސްޓު ހައުސްތަކާ އެކު ރަށަށް އަންނަ ތަފާތެވެ. މި ރަށަށް ޓޫރިސްޓުން ގަޔާވާ ސިފަތައް ގެއްލުވައި ނުލައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކޮށްފިނަމަ، ރަށުގެ ފާލަން މަތީގައި ތިބެލަން އެކަނިވެސް އެތަައް ހާސް ޓޫރިސްޓުންނެއް އަންނާނެކަން ޔަގީނެވެ.

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް